ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

”ހިޖުރީ އާ އަހަރެއްގެ ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށާއި، މުޅި އިސްލާމީ އުންމަތަށް، މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ، މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާއެވެ. ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި އެއްބާރުލުމުގެ މަތިވެރި ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ޙާދިސާއެކެވެ.

ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންގެ މެދުގައި އޮތް އިސްލާމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މިމުނާސަބަތުގައި އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލަމެވެ."