އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކޯޕަންހޭގަންއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިމައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި، އިނގިރޭސި ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑާ ބައްދަލުކުރައްވައިފިއެވެ. މިބޭފުޅުންގެ އިތުރުން، ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކުގެ އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި، މިކަމަށް ޙައްލެއް ހޯދުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖެއިން ތައްޔާރުކޮށްފައިވާ "ސަރވައިވަލް ކިޓް" ރަސްމީކޮށް ނެރުއްވައިދެއްވުންވެސް ރޭ ކޯޕަންހޭގަންގައި އޮތެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޯޕަންހޭގަންއަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް ސަލާމަތް ކުރުމަށް އޮތް މަގު ކަމަށާއި، ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އައުމުގެ އުންމީދު އަދިވެސް އެބައޮތް ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، އިންޓަރގަވަންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ ޗެއަރމަން، ޑޮކްޓަރ ރަޖެންދްރަ ޕަޗައުރީއާއި އަދި އެހެން ބައެއް ޖަމިއްޔާތުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޯޕަންހޭގަންގައި ހިނގަމުންދާ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ގެންގުޅުއްވާ ވިސްނުންފުޅަށް ތާޢީދުކޮށް، ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ދަނީ މެސްޖް ފޮނުވަމުންނެވެ. މީގެ ތެރޭގައި ވަކިން ޙާއްސަކޮށް، އޮސްޓްރޭލިއާގެ ޖަމްޢިއްޔާ ޖަމާއަތްތަށް ހިމެނޭކަން ފާހަގަކުރެވެއެވެ.