ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ކައުންސިލް މެންބަރުން ވަނީ ކުރިއަށް އޮތް އަހަރު، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް، ބަޖެޓުގައި ހިމަނައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެބޭފުޅުންވަނީ މަހިބަދޫ އިން ގޯތި އެންމެ ފަހުން ދޫކޮށްފައިވަނީ މީގެ 35 އަހަރު ކުރިން ކަމުގައި ފާހަގަކުރައްވައި، ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަކީ މަހިބަދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެ މަސައްކަތަކަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މަހިބަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާ، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު ރަށުގެ އިޙްތިޞާސްގައި މާފަރު ފަޅު ހިމަނައިދެއްވުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މަހިބަދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިމާރާތެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަހިބަދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ ވަރަށް އުންމީދީ ޖަވާބުތަކެއްކަމުގައި ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެކަމަށާއި މަހިބަދޫ ކައުންސިލުން އެދިލެއްވި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ފާހަގަކުރައްވާފައެވެ.