މީގެ 4 އަހަރު ކުރިން ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށާ، އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިފައި ނުވާކަމަށާ، އެހެން ކަމުން މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއެކު އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ގއ. މާމެންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ޝަކުވާކަމަށާއި އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ޚިދުމަތް ޤާއިމްކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެމަނިކުފާނު އަލަށް ތަޢާރަފްކޮށްދެއްވި ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރއާއި އޭގެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސްމާޓް މީޓަރގެ ސަބަބުން ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތްހޯއްދަވާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެތެރެއިން މާމެންދޫގައި ކުރިޔަށްގެންދިޔުމަށް ބައެއް ކަންކަން އިޢުލާނުކުރައްވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މާމެންދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށިގެންދާނެކަމަށާއި، ހުޅިމެންދޫ ބެލެހެއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ކައުންސިލާ ޙަވާލުކުރައްވާނެކަމަށާއި، އަދި ޤާނޫނުގެ ތެރެއިން މާމެންދޫގެ އިޙްތިޞާޞްގައި އެރަށް ހިމެނޭނެ ގޮތެއް ބައްލަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ދެންނެވިގޮތަށް ފުލުހުންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމަށާއި، ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ކަނދުފަތި ލަސްތަކެއްނުވެ އަޅާދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުންވެސް މާމެންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއެކު މަޝްވަރާކުރައްވާނެކަމަށާއި، ވޮލީ ކޯޓު ކައުންސިލުން ދެންނެވި ފަދައިން ރަނގަޅުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ގއ. މާމެންދޫގެ އައު އިންޖީނުގޭގައި 1400 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ 03 ޖަނަރޭޓަރ ސެޓް އަދި 800 ކިލޯ ވޮޓުގެ 01 ޖެންސެޓް ބެހެއްޓޭގޮތަށެވެ. މާމެންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގއ. މާމެންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމަނިކުފާނު އިއްޔެ ގއ. އަތޮޅުގެެ ތިން ރަށަކަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ޒިޔާރަތްކުރެއްވި އެންމެ ފަހު ރަށެވެ.