بسم الله الرحمن الرحيم

اَلحْــَمْد للهِ الْقَائِلِ فِى كِتَابِه الْعَزِيز. "وَأَمْرُهُمْ شُورٰى بَيْنَهُمْ"؛ وَالصَّلاَة والسَّلامُ عَلٰى رَسُولِهِ الكَرِيم، الَّذِى أرْسٰى دَعَائِم الْعَدَالَةِ وَالْحُكْم، وعَلٰى آلِهِ وَصَحْبـه وَمَن سَارَ عَلٰى نَهْجِهِمْ فِى اسْتِشَارَةِ أهْل الحْــَلِّ وَالْعَقْدِ فىِ أُمُورِ الدُّنيَا وَالدِّين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް މިހުއްޓުނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި ދައުލަތުގެ ކުރިއަށް އޮތް އަހަރުގެ ސިޔާސަތު ބިނާކުރާގޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް. އަދި އެއާއެކު، ޤާނޫނީގޮތުން ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމަށް.

މި މުހިންމު ޤާނޫނީ ވާޖިބު އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި ޝަރަފެއް ކަމުގައި އަޅުގަނޑު ދެކެން. އެކަމަށްޓަކައި ކީރިތިވަންތަ الله سبحانه وتعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

                        ދައުލަތް ހިންގުން

ދައުލަތް ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު، އާދެ! 1983 ވަނަ އަހަރު، ހިނގި އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ރިޔާސީ ދައުރުގެ މުއްދަތު ހަމަވެގެން، 11 ނޮވެމްބަރ 1983 ން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާނެ މީހަކު ހޮވުމަށްޓަކައި ޤާނޫނީ ހަމަތަކުގެމަތިން ބޭއްވުނު އިންތިޚާބު. މިއިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި އިތުބާރަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމަކީ، މިފުރުޞަތުގައި އަޅުގަނޑު އަދާކުރަންޖެހޭނެ ވާޖިބެއްކަމަށް ދެކެން.

އައު ރިޔާސީ ދައުރު ފެށުމާ ގުޅިގެން، އައު ވަޒީރުންގެ މަޖިލީހެއް ޢައްޔަންކުރެވުނު. ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާފައިވަނީ، ވަރަށް ފުރިހަމަގޮތެއްގައިކަން އަޅުގަނޑު ގަބޫލުކުރަން. އަދި އެބޭފުޅުންގެ ދަށުން ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެވަޑައިގެން ތިއްބެވި އެހެނިހެން ވެރިންވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާފައިވަނީ، ހީވާގިކަމާއި ފަރުވާތެރިކަމާއެކުގައިކަންވެސް އަޅުގަނޑު ފާހަގަކުރަން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޙިލްމީދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމަ އަޅުގަނޑުމެންނާ ކުރިމަތިވި. މިކަމަކީ، ދައުލަތް ހިންގުމުގެ ދާއިރާއަށް ލިބުނު ވަރަށްބޮޑު އުނިކަމެއް ކަމުގައި އަޅުގަނޑު މިމަގާމުގައި މިދަންނަވަނީ، އެ މަނިކުފާނު ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެކި ރޮނގުރޮނގުން ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރަމުން. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް الله سبحانه وتعالى ގެ މަތިވެރި ރަޙްމަތަށް އެދި ދުޢާކުރަމުން.

ކުރީ އަހަރުތަކެކޭ އެއްފަދައިން، 1983 ވަނަ އަހަރުގެ ތެރޭގައިވެސް ދައުލަތް ހިންގުމުގެ ކަންތައްތައް އިޞްލާޙުކޮށް ރަނގަޅު ކުރެވޭތޯ ތަފާތު މަސައްކަތްތައް ކުރެވުނު. އަދި އޮފީސްއޮފީހުގެ ވެރިންނާ ޚުދު އަޅުގަނޑު ބައްދަލުކޮށް، އެތަންތަން ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި އެކަންކަން އިޞްލާޙުކުރުމަށް އަޅަން ބޭނުންވާ ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ފިޔަވަޅުތައް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވިން. އަދި ސަރުކާރުގެ އޮފީސްތަކުގެ ހިންގުމާބެހޭ ކަންތައްތައް އިޞްލާޙު ކުރުމުގައި އެހީތެރިވުމަށް ޚާއްޞަ ކޮމިޓީއެއް ޢައްޔަންކޮށް، އެކޮމިޓީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދިޔަ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް އިތުރު ތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން، މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ އަދަދެއް އިތުރުކޮށްދެވުނު.

                       ޢަދުލުއިންޞާފު

ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ހަރުދަނާކަމާއެކު 1983 ވަނަ އަހަރުގެ ތެރޭގައިވެސް މަސައްކަތް ކުރެވިފައިވޭ. އެއަހަރުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން މާލޭގައި ހިނގަމުންދާ ކޯޓުތަކުން 1,679 ޤަޟިއްޔާ ބަލައި ނިންމާފައިވޭ. އަދި ރަށުކޯޓުތަކުން 7,333 ޤަޟިއްޔާ ނިންމާފައިވޭ. މީގެއިތުރުން، ފުލުސްކޯޓުން 709 ޤަޟިއްޔާ ނިންމާފައިވޭ. ވޭތުވެދިޔަ އަހަރު ޢަދުލުއިންޞާފުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ ވައްކަމާއި، މާރާމާރީގެ މައްސަލަތައް ކަމަށްވިޔަސް، އެމައްސަލަތައްވެސް ކުރީ އަހަރަށްވުރެ ވަނީ މަދުވެފައި.

1983 ވަނަ އަހަރުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި ރާއްޖޭގެ ހައިކޯޓަށް 49 މައްސަލަ ހުށަހެޅި، 47 މައްސަލަ ބަލައި ނިންމާފައިވޭ.

ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ޤާޟީންނަށް އިތުރު ތަމްރީނު ދިނުމާއި، އިތުރު މީހުންނަށް ޤާޟީކަން އުނގަންނައިދިނުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރަމުން ގެންދެވުނު. އަދި ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކޯޓުތަކަށް ޤާޟީން ލައްވައި ހަމަކުރުމަށް ބާރުއެޅި، އަހަރު ނިމުނުއިރު 148 ރަށު ކޯޓަށް ޤާޟީން ލެއްވިފައިވޭ.

                     ދާޚިލީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނޭވެ!

ރާއްޖޭގެ ދާޚިލީ ހިންގުމުގައި 1983 ވަނަ އަހަރަކީ، ޞުލްޙަވެރިކަމާއި އަމާންކަންމަތީގައި ވޭތުވެގެންދިޔަ އަހަރެއް. ރައްޔިތުންގެ ފައިދާއަށާއި ލުއިފަސޭހައަށްޓަކައި، އިތުރު މަސައްކަތްތަކެއް ކުރެވުނު އަހަރެއް. މާލެއާއި ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުނު އަހަރެއް.

މީގެ ފަސްއަހަރު ދުވަސް ކުރިން ހިންގަން ފެށުނު، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. މި މަޝްރޫޢުގެ ދަށުން 1983 ވަނަ އަހަރު ރާއްޖެތެރޭގެ އެކި ރަށްރަށުގައި 6 މިސްކިތާއި، 4 ރަށެއްގެ ރަށުއޮފީހާއި، 1 އަތޮޅުއޮފީސް ޢިމާރާތްކޮށްދެވިފައިވޭ. އަދި 9 މިސްކިތާއި، ރަށުއޮފީސް، މަދަރުސާ، މަކުތަބުފަދަ 11 ތަން މަރާމާތުކޮށްދެވިފައިވޭ.

1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، މާލޭގައި ބިންގާއެޅުނު އިސްލާމީ މަރުކަޒުގެ މަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފެށިގެން، ނުހަނު ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވާ ވާހަކަ މިދަންނަވަނީ ޚާއްޞަ އުފަލަކާއެކު. الله ގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައި މިމަރުކަޒު ބިނާކުރުމުގެ ހުރިހާ ކަމެއް ނިމި ހުޅުވޭނެކަމަށް އުއްމީދު ކުރަމުން.

މީގެ 5 އަހަރު ކުރިން ފެށިފައިވާ މާލޭގެ ފަޅުން ބިންހިއްކުމުގެ މަޝްރޫޢު 1983 ވަނަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. އަހަރު ނިމުނުއިރު 4.6 މިލިއަށް އަކަފޫޓުގެ ބިން ހިއްކައި ނިމިއްޖެ. އެއީ މަޝްރޫޢުގައި ކަނޑައެޅިފައިވާ ބޮޑުމިނުގެ ގާތްގަނޑަކަށް %73.

ރާއްޖޭގެ ރައްޔިތުންގެ ހާލުއަހުވާލު ބެލުމުގެ ގޮތުން، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށްޓަކައި، އަޅުގަނޑު ރާއްޖޭގެ ރައީސްކަމާ ޙަވާލުވުމާ ގުޅިގެން ފެށްޓި ދަތުރު ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވުނު. އާދެ! ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށްގޮސް، އެމީހުންގެ ދިރިއުޅުމުގެ ޙާލަތު އަޅުގަނޑުގެ އަމިއްލަ ލޮލުން ދުށުމަށްފަހު، މިގެންދަނީ ރާއްޖެތެރޭގެ ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ ވެވެންއޮތްހާ މަސައްކަތެއް ކުރަމުން. މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭމުންދާ ތަރުޙީބާއި އެއްބާރުލުމަކީ ތާރީފުކުރުން ޙައްޤު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އިޖުތިމާޢީ ޚިދުމަތް

ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ޚިދުމަތްތައް ދޭނޭ މަގުތައް ތަނަވަސްކުރުމާއި، އެ ޚިދުމަތް ދިނުމަކީ، ދާޚިލީ ހިންގުމުގައި އެންމެ ބޮޑަށް ސަމާލުކަން ދެވޭ އެއްކަންތައް. މިފަދަ ޚިދުމަތްތައް ވީހާ ގިނަ ބަޔަކަށް، ވީހާ ހަމަހަމަކޮށް ލިބޭނޭގޮތް ހަދައިދެވޭތޯ ސަރުކާރުން ގެންދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން.

އިޖުތިމާޢީ ޚިދުމަތުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ދަރީންނަށް ތަޢުލީމު ދިނުމާއި، ޞިއްޙީގޮތުން ކުރެވޭ މަސައްކަތްތަކާއި، ޚާއްޞަގޮތުން ދެވޭ އެހީއާއި، މިނޫންވެސް އެތައް ކަމެއް ހިމެނޭ.

ރާއްޖޭގެ ތަޢުލީމު

މީގެ ފަސްއަހަރު ކުރިއްސުރެ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވީހާ ގިނަ ބަޔަކަށް ޢިލްމުގެ އަލިކަން ފޯރުވައިދެވޭތޯ ސަރުކާރުން ކުރަން ފެށި މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު.

ރާއްޖޭގައި ތަޢުލީމު ދެމުންދާ އުޞޫލުތައް ހަރުދަނާ ކުރުމަށާއި، ހުރިހާ މަދަރުސާއެއްގައިވެސް އެއްގޮތަކަށް ތަޢުލީމު ދިނުމުގެ ކަންތައްތައް ހަމަޖެހިފައި އޮތުމުގެ ބޭނުންތެރިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ މަދަރުސާތަކުގައި ކިޔަވައިދޭނޭ ފަށާ ތަޢުލީމުގެ ޤައުމީ މުޤައްރަރެއް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަށައެޅުނު. އަދި މި މުޤައްރަރު މިއަހަރުން ފެށިގެން އެކިބައިބަޔަށް މަދަރުސާތަކުގައި ކިޔަވައިދޭން ފެށޭނެ.

މާލެއާއި ރާއްޖެތެރޭގެ މަދަރުސާތަކާއި މަކުތަބުތަކުގައި ކިޔަވައިދޭނޭ މުދައްރިސުން އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވިފައިވޭ. މުދައްރިސުން އުފެއްދުމުގެ ބޭނުންތެރިކަން ބޮޑުކަމާއި، ރާއްޖެއަށް އެއްދުވަހުން އަނެއްދުވަހަށް ބޭނުންވާ މުދައްރިސުންގެ އަދަދު އިތުރުވަމުންދާތީ، ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރާ ޚާއްޞަ މަދަރުސާއެއް ހުޅުވުމަށް ގަސްދުކުރެވި، މި މަދަރުސާ މިއަހަރުގެ ކުރީކޮޅު ހުޅުވޭގޮތަށް ވަނީ ހަމަޖެހިފައި.

ތަޢުލީމުގެ އަލި ފެތުރުމުގައި ބޮޑެތި މީހުންނަށްޓަކައި ޚާއްޞަ ކުރެވިފައިވާ ޕްރޮގްރާމްތަކެއްވެސް ސަރުކާރުން ހިންގަމުން ގެންދޭ. އޭގެތެރެއިން އެންމެ މުހިންމު މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢު. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ފުރަތަމަ 3 އަހަރު ނިމިގެން ކުރެވުނު އިމްތިޙާނުގެ ނަތީޖާ ފާޅުކުރެވުނު. އެނަތީޖާ ދައްކާގޮތުން، 1980 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގެ ދަށުން، އެހާތަނަށް 3,882 މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދެވިފައިވޭ. އަސާސީ ތަޢުލީމުގެ އިތުރަށް، ރޭޑިއޯގެ ޛަރީޢާއިން ދެވޭ ތަޢުލީމީ އިރުޝާދުތައް ދިނުމާއި، އެކިއެކި ތަފާތު ރޮނގުރޮނގުން ތަމްރީނުދޭ ކްލާސްތައްވެސް މެދުކެނޑުމެއްނެތި ހިންގަމުން ގެންދެވިފައިވޭ.

އެކި ފެންވަރުގެ ތަޢުލީމު ހާސިލުކުރުމަށްޓަކައި ރާއްޖޭގެ ދަރިވަރުން ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ބޭރުގެ އެކިއެކި ތަންތަނަށް ފޮނުވުނު. މިގޮތުން ތަފާތު ކޯސްތަކަށް 182 ކުދިން ފޮނުވިފައިވޭ. 1983 ވަނަ އަހަރުގެ ތެރޭގައި މަތީ ތަޢުލީމު ހާސިލުކޮށް ނިމިގެން، ރާއްޖެއަށް އެނބުރި އައިސްފައިވަނީ 11 ކުދިން. އަދި އެކިއެކި ކޯސްތައް ނިންމާފައި އައީ 167 ކުދިން.

ރާއްޖޭގެ ޞިއްޙަތު

ކުރީ އަހަރުތަކެކޭ އެއްފަދައިން، 1983 ވަނަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ، ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް އިތުރަށް ތަނަވަސްކޮށްދެވޭތޯ. މާލޭ ސެންޓްރަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރުކޮށްދެވޭތޯ ބެލުމާއެކު، އަތޮޅުތަކުގައި ހުންނަ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރުވެސް ރަނގަޅުކުރެވޭތޯ. މިދިޔަ އަހަރު އެއްއަތޮޅުގެ ޞިއްޙީ މަރުކަޒު ކުޑަކުޑަ ހޮސްޕިޓަލެއްގެ ފެންވަރަށް ގެނެސް، އެހެން ދެ އަތޮޅެއްގެ މަރުކަޒުގެ ޢިމާރާތް ނިންމުނު. އަދި އިތުރު ތިން އަތޮޅެއްގައި ހޮސްޕިޓަލް ޢިމާރާތް ކުރަން ފެށިފައިވޭ. މާލޭގެ އާބާދީ އިތުރުވަމުން ދިޔުމާއެކު، ސެންޓްރަލް ހޮސްޕިޓަލްގެ އިތުރަށް ޞިއްޙީ މަރުކަޒުތަކެއް މާލޭގައިވެސް ހުޅުވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު. އަދި މިއަހަރު ފެށުނުތަނާހެން މިގޮތުން ހުޅުވާ ފުރަތަމަ މަރުކަޒު ވަނީ ހުޅުވިފައި.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި 86,000 މީހުން ބަލައި ފަރުވާ ދެވުނު. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް 8,000 މީހުންނަށް ބޭސްކުރެވިފައިވޭ.

1983 ވަނަ އަހަރު ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ރާއްޖެތެރޭގައި ލޮލުގެ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް ބޭސްކޮށްދިނުމަށްޓަކައި ދެ އައި ކޭމްޕް ބޭއްވުނުކަން. އަހަރުގެ ކުރީކޮޅު ކުޅުދުއްފުށީގައި ބޭއްވުނު އައިކޭމްޕްގަޔާއި، އަހަރުގެ ފަހުކޮޅު އައްޑުއަތޮޅު ގަމުގައި ބޭއްވުނު އައިކޭމްޕްގައި ޖުމްލަ ހަތްހާހެއްހާ މީހުންނަށް ފަރުވާކުރެވުނު. މިއިން ކޮންމެ ކޭމްޕެއްގައިވެސް ވަރަށް ގިނަ މީހުންގެ ލޯ އޮޕަރޭޝަން ކުރެވުނު.

1982 ވަނަ އަހަރު ރާއްޖެއަށް އައި، ބޭރަށް ހިންގުމުގެ ރޯގާގެ އަސަރުތައް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖެއިން ފިލައިނުގޮސް ހުރިކަން މިފުރުޞަތުގައި ފާހަގަކުރަންޖެހޭ. އެކަމަށްޓަކައި ސަރުކާރުން ވަރަށްމަތީ ސަމާލުކަމެއް ދީގެން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދެވުނު. ކޮންމެ ދުވަހަކު މާލެއާއި ރާއްޖެތެރޭގެ ރޯގާގެ ރިޕޯޓް ބަލަހައްޓައި، މާލޭގެ ގޭގޭގެ ވަޅުތަކަށް ބޭސްއަޅައި ހެދުނު. ރާއްޖެތެރެއަށް ޑަކުޓަރުންނާއި ޞިއްޙީ އެހީތެރިންގެ ޓީމުތަކާއި ބޭސް ފޮނުވައިގެން، ބަލިމީހުންނަށް ފަރުވާދެވުނު.

ބޭރަށް ހިންގުންފަދަ ބައެއް ބަލިތަކަކީ ފެނުގެ ސަބަބުން ފެތުރޭ ބަލިތަކަކަށްވާތީ، ރާއްޖޭގެ ރައްޔިތުންނަށް ސާފުބޯފެން ލިބޭނޭގޮތްތައް ހޯދައިދިނުމަށްވެސް ވަރަށްބޮޑަށް މަސައްކަތް ކުރެވިފައިވޭ. ޚާއްޞަކޮށް މާލޭގެ ބޯފެނުގެ މައްސަލައަކީ މިވަގުތު ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާ ކަމެއް. އެކަމާ ބެހޭގޮތުން މިގެންދަނީ އެޅެންހުރި ފިޔަވަޅުތައް އަޅަމުން. 1983 ވަނަ އަހަރުގެ ތެރޭގައި، މާލޭގައި ގާތްގަނޑަކަށް 178,000 ގެލަނުގެ ފެން އެޅޭ ދެ ތާނގީ އިތުރަށް ހަދާ ނިންމިފައިވޭ. އަދި އިތުރު ތާނގީތައް ހެދުމަށާއި، މާލެއަށް ވެހޭ ވާރޭފެން ގެއްލި ނުގޮސް މާލޭގެ ބިމުގެ ތެރެއަށް ފޫދިގެންދާނޭ ގޮތްތައް ހެދޭތޯ މަސައްކަތްތަކެއް ކުރެވިފައިވޭ. މާލޭގެ ބޯފެނުގެ ކަންތައް ރަނގަޅުގޮތެއްގައި ހަމަޖައްސައިދެވޭތޯ ރޭވިފައިވާ މަޝްރޫޢެއް، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީއާއެކު ވަރަށް އަވަހަށް ފެށުމަށް ވަނީ ކަނޑައެޅިފައި.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މަސައްކަތް ކުރުމަށްޓަކައި މިނިސްޓަރ އޮފް ހެލްތުގެ ރިޔާސަތުގެ ދަށުގައި ޞިއްޙީ ހޭލުންތެރިކަން ފެތުރުމާބެހޭ ޤައުމީ މަޖިލީހެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އުފެއްދިފައި. މި މަޖިލީހުގެ ޙަރަކާތްތައް މިހާރުދަނީ ހިނގަމުން.

އަންހެނުންނާއި ޒުވާނުން

ކުރިއްސުރެ ހިނގަމުން އަންނަ އަންހެނުންގެ ޤައުމީ ކޮމިޓީގެ ޙަރަކާތްތައް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހިންގަމުންދިޔައީ އެދެވޭގޮތެއްގައި. އެ ކޮމިޓީގެ ފަރާތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެނަކު ގެނެސްގެން، އަންހެނުންގެ ތެރޭގައި އިސްނަގައިގެން އުޅޭނޭ މީހުން އުފައްދައި ތަމްރީނު ދިނުމުގެ ކޯހެއް މިދިޔަ އަހަރުގެ ތެރޭގައިވެސް ހިންގާފައިވޭ. އޭގެއިތުރަށް، ރާއްޖޭގައި ތައްޔާރުކުރާ ކާބޯތަކެތީގެ މައުރަޒެއް ބޭއްވުންފަދަ އަންހެނުންގެ މަސައްކަތްތެރިކަން ތަރައްޤީ ކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިވޭ.

ޒުވާނުންގެ މަޖިލީހާއި އެމަޖިލީހުގެ ދަށުން ހިނގަމުންދާ ޒުވާނުންގެ މަރުކަޒުގެ ފަރާތުން، 1983 ވަނަ އަހަރުވެސް، ޒުވާނުންގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކޮށްފައިވޭ. އޭގެތެރޭގައި، ކުޅިވަރުތައް ދަސްކޮށްދިނުމުގެ އިތުރަށް، ބޭރުބަސް ކިޔަވައިދިނުމާއި، ނޫސްވެރިކަން ދަސްކޮށްދިނުންފަދަ ކަންތައްތައްވެސް ކުރަމުން ގެންދިޔަ.

ކުޅިވަރުގެ ރޮނގުގައިވެސް 1983 ވަނަ އަހަރު ފާހަގަކުރެވޭނީ ވަރަށް ޚާއްޞަ އަހަރެއް ކަމުގައި. އެ އަހަރުގެ ތެރޭގައި ރާއްޖޭގައި އާދަކޮށް ބާއްވާ ކުޅިވަރުގެ މުބާރާތްތައް ބޭއްވުމުގެ އިތުރަށް، ބޭރު ބައެއް ޤައުމުތަކުގެ އެކިއެކި ޓީމު ރާއްޖެއަށް ޒިޔާރަތްކޮށް، އަދި ރާއްޖޭގެ ބައެއް ޓީމު ބޭރު ޤައުމުތަކަށް ދަތުރުކޮށްފައިވޭ.

ރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް، ކުޅިވަރާބެހޭ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުގައި ކުޅިވަރާބެހޭ މަޖިލީހެއްވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ އުފައްދާފައި. އަދި މީގެ އިތުރަށް، ތަފާތު ކުޅިވަރުތަކާބެހޭ އެސޯސިއޭޝަންތަކެއްވެސް އުފައްދައި، ކުޅިވަރުތަކާބެހޭ ޤަވާޢިދު އެކުލެވުމާއި، ސްޕޯޓްސް ޑިވިޜަންގެ އެހީއާއެކު މުބާރާތްތައް އިންތިޒާމުކުރުމުގެ މަސައްކަތް، އެސޯސިއޭޝަންތަކުން މިހާރުދަނީ ކުރަމުން.

އިޖުތިމާޢީ ގޮތުން ދެވޭ ޚާއްޞަ އެހީތައް

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އިޖުތިމާޢީގޮތުން ދޭ ޚާއްޞަ އެހީތައް، ކުރީ އަހަރުތަކެކޭ އެއްފަދައިން ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ދެމުންގެންދެވިފައިވޭ.

1983 ވަނަ އަހަރުގެ ތެރޭގައި މާލޭ ސެންޓްރަލް ހޮސްޕިޓަލްގައާއި އަދި ރާއްޖެއިން ބޭރަށް ފޮނުވައިގެން، ސަރުކާރުގެ ޚަރަދުގައި 4,700 މީހުންނަށް ބޭސްކޮށްދެވިފައިވޭ. އެމީހުންނަށް ބޭސްކޮށްދިނުމަށް -/1,171,000 ރުފިޔާ ޚަރަދުވެފައިވޭ.

މާލެއަތޮޅު ގުރައިދޫގައި، ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ވޭތުވެދިޔަ އަހަރު ނިމުނުއިރު 90 މީހުން ތިބި. އެމީހުން ތިބުމަށްޓަކައި އިތުރު ޢިމާރާތެއްވެސް މިދިޔަ އަހަރުގެ ތެރޭގައި ހަދައި، އެމީހުން ތިބޭ ހުރިހާ ތަނަކަށް އިލެކްޓްރިކް ކަރަންޓް ލިބޭނޭގޮތް ހަމަޖައްސައިދެވުނު.

މާފުށީގައި ހިނގަމުންދާ ކުޑަކުދީންގެ އިޞްލާޙިއްޔާގެ ކަންތައްތައްވެސް 1983 ވަނަ އަހަރު އެދެވޭގޮތުގައި ކުރިއަށް ގެންދެވިފައިވޭ. އެތާނގައި އިތުރު ދެ ޢިމާރާތް މިދިޔަ އަހަރުގެ ތެރޭގައި ހަދައި، އަހަރުގެ ތެރޭގައި އިތުރު 74 ކުދިން އެތަނަށް ގެންގޮސް، އަހަރު ނިމުނުއިރު 152 ކުދިން އެތާނގައި ތިބި. އަދި އެތާނގައި ތިބި ބައެއް ކުދީން އެކިއެކި މަސައްކަތްތައް ދަސްކޮށްގެން އެކިއެކި ތަންތާނގެ ވަޒީފާތަކަށް ގެންދެވުނު.

ރާއްޖޭގެ ޢާންމުންނަށް މަޢުލޫމާތު ދިނުމާއި، ރާއްޖޭގައި ހިނގާ މުހިންމު ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތު ޢާންމުންނަށް އަންގައިދިނުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި އެތާނގެ ދަށުން ހިނގަމުންދާ ދިވެހިރާއްޖޭގެ އަޑާއި ދިވެހިރާއްޖޭގެ ޓެލެވިޜަނުން ވަރަށް މުހިންމު ބައެއް އަދާކުރަމުންދޭ. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ޚަބަރާބެހޭ ޕްރޮގްރާމްތަކުގެ އިތުރަށް، ޢިލްމީ، އަދަބީ، ޘަޤާފީ އަދި މަޢުލޫމާތުގެ އެތައް ޕްރޮގްރާމްތަކެއް ފޮނުވަމުން ގެންގޮސްފައިވޭ.

އަޅުގަނޑު ދެކޭގޮތުގައި އިޖުތިމާޢީ ޚިދުމަތުގެ އެންމެ މުހިންމު ބައެއް ކަމުގައި ވާނީ މުޖުތަމަޢުގެ އިޞްލާޙަށްޓަކައި އެޅޭ ފިޔަވަޅުތައް. އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން ލިބިފައިވާ، މުސްލިމް ރައްޔިތެއް އުޅެމުން އަންނަ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ މުޖުތަމަޢަށް ގެނެވޭ އިޞްލާޙުތައް ވާންވާނީ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ގެނެވޭ އިޞްލާޙުތަކަކަށް. ވޭތުވެދިޔަ އަހަރު ރާއްޖޭގެ ރިޔާސީ އައު ދައުރު ހިންގުމާ ޙަވާލުވަމުން އަޅުގަނޑު ދަންނަވާފައިވާ ގޮތުގެމަތިން ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާ އެއްގޮތަށް ކަންތައްތައް ހިންގަމުން ގެންދިޔުމަށް، އަދި ރާއްޖެއަށް ހިސާބަކަށް ނަމަވެސް ފެތުރެމުންދާ އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފުވާ ކަންތައްތައް ހުއްޓުވުމަށް.

މިރޮނގުން މިދިޔަ އަހަރު މާލޭގެ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރެމުންދާ ބައެއް ނޭދެވޭ ޢަމަލުތަކާ ބެހޭގޮތުން ވާހަކަ ދެއްކިން. އެއާއެކު، އެފަދަ ކަންތައްތައް ހުއްޓުވުމަށް ވަރަށް ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅަމުން ގެންދެވިފައިވޭ. އޭގެތެރޭގައި ބައިސްކޯފް ފިލްމުގެ އިތުރަށް، ވީޑިއޯ ފިލްމު ސެންސަރު ކުރުމާއި، ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކުގެ ރާ ވިއްކާ ތަންތާނގައި ދިވެހިން އުޅުން މަނާކުރުމާއި، ނަމާދު ވަގުތުތަކަށް ފިހާރަތައް ލެއްޕުމަށް އެންގުމާއި، މަގުމަތީގައި ބަދުއަޚްލާޤީ ޢަމަލުތައް ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އެޅުންފަދަ ކަންތައްތައް ހިމެނޭ.

                    އިޤްތިޞާދީ ޙާލަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

1982 ވަނަ އަހަރެކޭ އެއްފަދައިން، ވޭތުވެދިޔަ އަހަރަކީވެސް އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ގޮތުން މާ ހިތްހަމަޖެހުނު އަހަރެކޭ ދެންނެވޭކަށް ނެތް. 1982 ވަނަ އަހަރުގެ ތެރޭގައި ދިމާވެފައި ހުރި ބައެއް ދަތިތައް، 1983 ވަނަ އަހަރު ނިމިގެންދިޔައިރުވެސް މުޅިން ފިލައިގެންނެއް ނުދޭ. އަދި ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ތާށިކަން ރާއްޖެވެސް ދިޔައީ އެކިއެކި ގޮތްގޮތަށް އިޙްސާސް ކުރަމުން.

އިޤްތިޞާދީ ދަތިތައް ހުރިކަމުގައިވިޔަސް، 1983 ވަނަ އަހަރު އާމްދަނީގެ ގޮތުން ސަރުކާރަށް ލިބުނު އަދަދު، އޭގެ ކުރީ އަހަރަށްވުރެ %10 އިތުރުވެފައިވޭ. އެންމެ ގިނައިން ސަރުކާރަށް ފައިސާ ލިބިފައިވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މަޢުމޫލުން. ދެން ޓޫރިޒަމްގެ ދާއިރާއިންނާއި، މަސްވެރިކަމުން. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފައިދާއިން.

ވޭތުވެދިޔަ އަހަރު ސަރުކާރުން ހިނގި ޚަރަދުވެސް ވަނީ ވަރަށްބޮޑުތަން އިތުރުވެފައި. އާދެ! 1982 ވަނަ އަހަރުގެ ޚަރަދަށްވުރެ ގާތްގަނޑަކަށް %27.8 އިތުރުވެފައި. އެހެންކަމުން، 1983 ވަނަ އަހަރުވެސް ނިމިގެންދިޔައީ، ސަރުކާރަށް ލިބުނު ފައިސާއަށްވުރެ ސަރުކާރުން ހިނގި ޚަރަދު އިތުރުވެގެންދިޔަ އަހަރެއް ކަމުގައި. މީގެ ތެރެއިން އެންމެމަތީ ޚަރަދުތަކެއް ހިނގާފައިވަނީ، މުޖުތަމަޢުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކަށް. ތަޢުލީމަށާއި ޞިއްޙަތަށް. އެކިއެކި އެހީތަކަށާއި، ޢިމާރާތްކޮށް ހެދުމަށް. މަސްވެރިކަމަށާއި ދަނޑުވެރިކަމަށް. އަދި ޓޫރިޒަމަށާއި، މިނޫންވެސް އިޤްތިޞާދީ ފައިދާއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް.

ސަރުކާރަށް ލިބޭވަރަށްވުރެ ޚަރަދު ބޮޑުވަމުން ދިޔުމާއެކުވެސް، ކާޑުގެ ތަކެތި ރާއްޖެއާ ހަމައަށް ގެންނައިރު ޖެހޭ އަގަށްވުރެ ހެޔޮއަގެއްގައި ވިއްކުމަށް ސަރުކާރުގެ ބަޖެޓުން ހޭދަކުރާ ބައި މިދިޔަ އަހަރުވެސް ޚަރަދު ކުރެވިފައިވޭ. މިކަމަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު.

1983 ވަނަ އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު ބޭރު ފައިސާގެ އަދަދަކީ ގާތްގަނޑަކަށް 37.5 މިލިއަން އެމެރިކާ ޑޮލަރު. މީގެތެރޭގައި، ރާއްޖެއިން ގަނެވިފައިވާ 22.9 މިލިއަށް ޑޮލަރު ފިޔަވައި ދެން އެންމެ ގިނައިން ބޭރުފައިސާ ލިބިފައިވަނީ މަސްވެރިކަމުން.

ވޭތުވެދިޔަ އަހަރު ކާޑުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް 5.5 މިލިއަން ޑޮލަރު ޚަރަދުވެފައިވޭ. އަދި ޕެޓްރޯލާއި ތެލުގެ ބާވަތްތައް ގެނައުމަށް 5.9 މިލިއަން ޑޮލަރު ޚަރަދުވެފައިވޭ. އަދި ބޭސްގެނައުމަށް 1 މިލިއަން ޑޮލަރު ޚަރަދު ވެފައިވޭ. އިސްލާމީ މަރުކަޒު ހެދުމަށާއި، އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް އަދާކުރުމަށާއި، ސަރުކާރުގެ ބޭނުންތަކަށް ބޭރުން ގެންނަންޖެހޭ ތަކެއްޗަށްވެސް ވަރަށްމަތީ އަދަދެއްގެ ބޭރުފައިސާ ވަނީ ޚަރަދުވެފައި. އެހެންކަމުން، 1983 ވަނަ އަހަރު ނިމިގެންދިޔައީ، ރާއްޖެއަށް ލިބުނު ބޭރުފައިސާއަށްވުރެ، ބޭރުފައިސާއިން ކުރަންޖެހުނު ޚަރަދުތައް އިތުރުވި އަހަރެއް ކަމުގައި.

1983 ވަނަ އަހަރު ސަރުކާރަށް ލިބުނު ބޭރުފައިސާ މަދުވުމުގެ އެންމެބޮޑު އެއްސަބަބަކަށްވީ، ބޯޓުފަހަރު ދުއްވުމުގެ މަސައްކަތަށް އެ އަހަރުގެ ތެރޭގައި އައިސްފައިވާ ހީނަރުކަން. އަދި ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާ އިތުރުވުމުގެ ސަބަބުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކުތަކަށް ދޫކުރަންޖެހުނު ފައިސާގެ އަދަދު އިތުރުވަމުންދިޔަކަން. ވޭތުވެދިޔަ އަހަރު އެމް.އެމް.އޭ.އިން ބޭންކުތަކަށް ދޫކުރި ބޭރުފައިސާގެ އަދަދު، 1982 ވަނަ އަހަރަށްވުރެ ގާތްގަނޑަކަށް %56 އިތުރުވެފައިވޭ.

ރާއްޖެއަށް ލިބޭ ބޭރުފައިސާ މަދުވުމާއި، ސަރުކާރުން ހޭދަކުރަންޖެހޭ ބޭރުފައިސާ އިތުރުވަމުން ދިޔުމުން، ކުރިމަތިވަމުން އަންނަ ދަތިތައް ޙައްލު ކުރެވޭތޯ މިގެންދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. ހަމައެފަދައިން، ސަރުކާރަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ، އިތުރު އާމްދަނީ ލިބޭނޭ ގޮތްތައް ހޯދުމަށްވެސް މިގެންދަނީ ވިސްނަމުން. މިވާހަކަތައް އަޅުގަނޑުވާނީ މީގެ ކުރީންވެސް ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހުގައި ދަންނަވާފައި.

މަސްވެރިކަން

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ މަސްވެރިކަމުގެ ދާއިރާގައި 1983 ވަނަ އަހަރަކީ އެތައްގޮތަކުން ވަރަށް ޚާއްޞަ އަހަރެއް. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް.

1972 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ރޯމަސް ގަންނަން ތިބި ޖަޕާނުގެ މީހުން އެ މަސައްކަތް ހުއްޓާލާފައި، ވޭތުވެދިޔަ އަހަރުގެތެރޭގައި ދިޔަކަން އެއީ މިފުރުޞަތުގައި ފާހަގަކޮށްލަންޖެހޭ ކަމެއް. އެމީހުން ދިޔަ ދުވަހުން ފެށިގެން، ސަރުކާރުގެ ފަރާތުން ރޯމަސް ގަތުމުގެ އިންތިޒާމު ހަމަޖައްސައި، ޖަޕާނު މީހުން ރާއްޖޭގައި ގެންގުޅުނު މަސްއެއްކުރާ ބޯޓުފަހަރާއި މަސްގަންނަ ބޮޑެތި ބޯޓުތައް ގަނެ، ސަރުކާރުން މަސްކިރުވުމުގެ ކަންތައްތައް ކުރަމުން ގެންދިޔުމުން އެއީ، ރާއްޖޭގެ މަސްވެރިކަން، ރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ބާރުގެ ދަށަށް ގެނައުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން. 1983 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ރޯމަސް ގަންނަން އުޅޭ ބޭރުގެ އެއްވެސް ބަޔަކު ނެތް.

މަސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ފެށިފައިވާ "މަހުގެ މުއްސަނދިކަން ފައިދާހުރި ގޮތުގައި ބޭނުންކުރުމާބެހޭ މަޝްރޫޢު" 1983 ވަނަ އަހަރުގެ ތެރޭގައި ހިންގަން ފެށުނު. އެ މަޝްރޫޢުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ 100 މަސްދޯނީގެ ތެރެއިން 18 ދޯނި ބަނދެ ނިމިގެން، އެދޯނިތަކުގައި މަސްބޭނުމުގެ މަސައްކަތް ކުރަން ފެށިފައިވޭ. އަދި މާލޭގައި ބަންނަން ކަނޑައަޅާފައިވާ މަސްބޯޓުތަކުގެ ތެރެއިން އެއްބޯޓު މުޅިން ނިމި، އެހެން ތިންބޯޓު ބަންނަން ފެށިފައިވޭ. މި މަޝްރޫޢުގެ ދަށުން ރާއްޖެއިން ބޭރުގައި ބަނުމަށް ހަމަޖެހިފައިވާ މަސްފިނިކުރާ ބޮޑެތި ބޯޓުތައް މިހާރުވަނީ ބަނދެ ނިމިފައި. އަދި ދެކުނުގެ ފަސްއަތޮޅުގައި ތެޔޮއަޅާ ބޮޑެތި ތާނގީތައް ބެހެއްޓުމުގެ މަސައްކަތް ފަށައި، 3 އަތޮޅުގައި ތާނގީ ބަހައްޓައި ނިމިފައިވޭ.

އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ލިބޭ ލޯނެއްގެ ދަށުން ހިންގާ، މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢުގެ މަސައްކަތްތައްވެސް މިހާރުވަނީ ފެށިފައި. މިއަހަރުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިނގައިގަންނާނެ. އޭގެ ސަބަބުން ކޮޅުމަޑުލުން ފެށިގެން އުތުރުގެ އަތޮޅުތަކުގެ މަސްވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެކަން ޔަޤީން.

ދުނިޔޭގެ ބާޒާރުތަކުގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މަހުގެ އަގު ރަނގަޅުވާ ގޮތެއް ނުވޭ. އެހެންކަމާއެކުވެސް، ރާއްޖޭގެ މަސްވެރިން އުފައްދާ ހިކިކަނޑުމަހާއި ލޮނުމަސް ސަރުކާރަށް ގަންނަ އަގު މިދިޔަ އަހަރުގެ ތެރޭގައި ގެންދެވިފައިވަނީ މައްޗަށް. އޭގެ ނަތީޖާއެއްގެ ގޮތުން، 1983 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވުނު މަހުގެ އަދަދުވަނީ އޭގެ ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން އިތުރުވެފައި. އޭގެ ތެރޭގައި ރޯމަހުގެ އިތުރަށް، ހިކިކަނޑުމަހާއި، ލޮނުމަހާއި، ދަޅުގައި ބަންދުކުރިމަހާއި، އަދި ކަށިމިޔަރު ތެޔޮ ހިމެނޭ. އެކްސްޕޯޓް ކުރެވުނު މަހުގެ އަދަދު އިތުރުވުމާއެކު، މަސްވެރިކަމުން 1983 ގައި ސަރުކާރަށް ލިބުނު ފައިސާގެ އަދަދު، 1982 ވަނަ އަހަރު ލިބުނުވަރަށްވުރެ %196 އިތުރުވެފައިވޭ. އަދި، ހަމައެފަދައިން، މަސްހިއްކައިގެން ލިބުނު ބޭރުފައިސާވެސް ކުރީ އަހަރަށްވުރެ %28 އިތުރުވެފައިވޭ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާމެދު ޤައުމީ ފެންވަރުގައި ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބޭއްވުނު ސެމިނާރެއް، 1983 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު. ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަސްވެރިންގެ މަންދޫބުން ބައިވެރިވެގެން ބޭއްވުނު މިސެމިނާރަކީ ރާއްޖޭގެ ތާރީޚުގައި މަސްވެރިކަމާ ބެހޭގޮތުން ބޭއްވުނު މި ފެންވަރުގެ އެންމެފުރަތަމަ ބައްދަލުވުން.

ވޭތުވެދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، މިހިނގާ 1984 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކުޅަދާނަވެގެންވީ ކޮންމެ މީހަކުވެސް މަދުވެގެން އެއްދުވަހު މަހަށް ދިޔުމަށް ގޮވާލިން. މިގޮވާލުމުގައި އަޅުގަނޑުގެ މަޤްޞަދަކީ، މަސްވެރިކަން ރާއްޖޭގެ އިޤްތިޞާދުގައި އަދާކުރާ މަތިވެރި ޙިއްޞާގެ އަގު، ރައްޔިތުންގެ އެންމެން ވަޒަންކުރުން.

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ އެކިއެކި ހިސާބުގައި ނެރުބައްތިއާއި ދުރަށް އަލިކުރާ ބައްތި ޖެހުމާއި، ބޮއި ލުންފަދަ ކަންތައް، ކުރީ އަހަރެކޭ އެއްފަދައިން، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު. 1983 ވަނަ އަހަރު، 19 ބައްތިއާއި، 25 ނެރު އެތިގަނޑާއި، 11 ބޮއި ހަރުކުރެވުނު. މިދިޔަ އަހަރުގެ މަސްވެރީންގެ ދުވަހުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު، ޢާންމުކޮށް ވިއްކާ ތެލަށްވުރެ އަގުހެޔޮކޮށް ވިއްކާގޮތަށް ހަމަޖައްސައިދެވުނު. އަދި، މާލެއަތޮޅު މާފުށީގައާއި ތުލުސްދޫގައި ހުންނަ އެސް.ޓީ.އޯ.ގެ ފިހާރަތަކުން، މަސްވެރިކަމާބެހޭ ސާމާނު މާލެއިން ލިބޭ އަގަށްވުރެ އަގުހެޔޮކޮށް ލިބޭން ހުންނަގޮތަށް ހަމަޖައްސައިދެވުނު.

މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން އެންމެ ޚާއްޞަގޮތެއްގައި ސަމާލުކަން ދޭ އެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކައުތެރިކޮށް ބެލެހެއްޓުން. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން މި މަސައްކަތް ކުރަމުން ގެންދިޔައީ، ރާއްޖޭގެ ޙާލަތު ތަންދޭ އެންމެ މަތީ ފެންވަރަށް. ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް މިއަހަރު ކުރީކޮޅު ޤަވާޢިދާ ޚިލާފަށް ވަދެ އުޅުނު ބޭރު ޤައުމެއްގެ މަސްހިފާ ބޯޓެއް، އެން.އެސް.އެސް.ގެ މަސައްކަތުން ހިފައިގެން ގެނެސްފައިވާކަން މިފުރުޞަތުގައި އަޅުގަނޑު މިފާހަގަކޮށްލަނީ ހިތްހަމަޖެހުމާއެކު.

ބޯޓުފަހަރު ދުއްވުން

1983 ވަނަ އަހަރަކީ ބޯޓުފަހަރު ދުއްވުމުގައި، ކުރީ އަހަރެކޭ އެއްފަދައިން ރާއްޖެއަށް މާހިތްހަމަޖެހޭފަދަ ނަތީޖާއެއް ފެނުނު އަހަރަކަށް ނުވޭ.

މިހެން ދިމާވީ، ޔޫރަޕްގެ ޤައުމުތަކަށް އައިސްފައިވާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުންނާއި، ދުނިޔޭގައި މުދާ އުފުލާ ބޯޓުފަހަރު ގިނަވުމުން، ނާލު އަގުހެޔޮވަމުންދާތީއާއި، މުދާ ނުލިބޭގޮތް މެދުވެރިވަމުންދާތީ.

ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް ދަށަށް ދިއޔުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ބައެއް ބޯޓުފަހަރު ވިއްކާލެވިފައިވޭ. 1983 ވަނަ އަހަރު ނިމުނުއިރު ކުންފުނީގައި އޮތީ، 25 ބޯޓު. އެ ބޯޓުގެ ޖުމްލަ ޓަނޭޖަކީ 218,750 ޓަނު.

އިޤްތިޞާދީ ދަތިތައް މެދުވެރިވަމުން ދިޔުމާއެކުވެސް، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފަރާތުން ޤައުމުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި ވަރަށްބޮޑަށް ބައިވެރިވެ، އެހީވެދެމުން ގެންގޮސްފައިވޭ. މިގޮތުން، މާފުށީގައި ހިނގަމުންދާ ކުޑަކުދީންގެ އިޞްލާޙިއްޔާއަށް ވެދޭ އެހީއާއި، މާލޭގައި ބޯފެންއަޅާ ފެންތާނގީ ހެދުންފަދަ ކަންތައްތައް ފާހަގަކޮށްލަންޖެހޭ.

ޓޫރިޒަމް

1983 ވަނަ އަހަރު އާމްދަނީގެ ގޮތުން ސަރުކާރަށް ލިބިފައިވާ ފައިސާގެ %17.4 ލިބިފައިވަނީ ޓޫރިޒަމްގެ ދާއިރާއިން. ޓޫރިޒަމް ރާއްޖޭގެ އިޤްތިޞާދުގައި ފުރަމުންދާ މަގާމު އެއްދުވަހުން އަނެއްދުވަހަށް ދަނީ މައްޗަށް ކަމަށްވާތީ، ސަރުކާރުން ރާއްޖޭގެ ޓޫރިޒަމަށް ދެމުންގެންދަނީ، ވަރަށް ޚާއްޞަ އަހަންމިއްޔަތެއް.

ވޭތުވެދިޔަ އަހަރު ރާއްޖޭގައި އިތުރު 6 ޓޫރިސްޓް ރިޒޯޓް ހުޅުވި، 1983 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި 50 ޓޫރިސްޓް ރިޒޯޓް އޮތް. މީގެ އިތުރަށް، ޓޫރިސްޓުން ތިބޭގޮތަށް ތައްޔާރުކޮށްފައިވާ 4 ހޮޓަލާއި 116 ގެސްޓްހައުސްއާއެކު، ރާއްޖޭގައި ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައިވާ 5,395 އެނދު ހުރި. 1983 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 74,000 އަށްވުރެ ގިނަ.

ޔޫރަޕްގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގައި ހިނގި ނަސްލީ ގަޑުބަޑުގެ ސަބަބުން ނަމަވެސް، މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު، ކުރިން ޚިޔާލުކުރެވިފައިވާ އަދަދަށްވުރެ މަދުވިކަން، އެއީ ރާއްޖޭގެ ޓޫރިޒަމްގެ ކަންތައް ކުރިއަށް ގެންދަންވީ މިންވަރާމެދު އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ޚިޔާލުކުރަން ޖެހިއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ މުވާޞަލާތު

ރާއްޖޭގެ މުވާޞަލާތު ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް 1983 ވަނަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއި އޯޕެކް ފަންޑުގެ އެހީގައި ހިންގުމަށް ކަނޑައެޅިފައިވާ މާލެއާއި ރާއްޖެތެރެއާ ދެމެދުގައި ދަތުރުފަތުރުކުރުމުގެ މަޝްރޫޢަށް ބޭނުންވާ 75 ޓަނުގެ ދެ ބޯޓު މިދިޔަ އަހަރު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ވަނީ ރާއްޖެއަށް ގެނެވިފައި. މި ދެބޯޓުގެ ދަތުރުތައް އަންނަ މާޗްމަހު ފެށުމަށް ހަމަޖެހިފައިވޭ.

ރާއްޖޭގެ އެންމެ ދެކުނު އަތޮޅު ކަމުގައިވާ އައްޑުއަތޮޅާއި މާލެއާ ދެމެދުގައި ވައިގެ ދަތުރުތައް ޤަވާޢިދުކޮށް ކުރެވޭގޮތް މިދިޔަ އަހަރުގެތެރޭގައި ހަމަޖެއްސުނު. އަދި އެއަރ މޯލްޑިވްސްގެ ފަރާތުން ކުއްޔަށް ހިފައިގެން ދުއްވާ ބޯއިންގ 737 ގެ މަތިންދާބޯޓެއްވެސް އެދެމެދުގައި ދަތުރުކުރާގޮތަށް ހަމަޖެހުނު. ރާއްޖޭގެ އެހެން ދެ ދިމާއަކަށް ވައިގެމަގުން ދަތުރުކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކައްދޫގައާއި ހަނިމާދޫގައި ހަދަމުންގެންދާ ދެ އެއަރޕޯޓްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. ނަމަވެސް، މަސައްކަތް ހިންގުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މަސައްކަތް ދިޔައީ ލަފާކޮށްފައިވާ ވަރަށްވުރެ ލަސްކޮށް.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަތޮޅުވެރިކަން ކުރާ ރަށްރަށުގެ އިތުރަށް، ބައެއް އެހެން ރަށްރަށުގައިވެސް މާލެއާ ޓެލެފޯނުން ވާހަކަ ދެއްކޭނެގޮތް ހަމަޖައްސައި ދެވުނު. އަދި އަތޮޅުވެރިކަން ކުރާ ހުރިހާ ރަށެއްގައި ސަބް ޕޯސްޓް އޮފީސްތަކެއް ހުޅުވުނު.

ވިޔަފާރި

1983 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިވެސްވަނީ އެކަށީގެންވާ މިންވަރަކަށް ކުރިއަށްގޮސްފައި.

1983 ވަނަ އަހަރު ރާއްޖެއިން 95.4 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރެވިފައިވޭ. މިއީ، 1982 ވަނަ އަހަރު އެކްސްޕޯޓް ކުރެވުނު މުދަލަށް ބަލާއިރު، ގާތްގަނޑަކަށް %32 އިތުރު އަދަދެއް. ހަމަ އެފަދައިން، 1983 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، އޭގެ ކުރީ އަހަރަށްވުރެ %19 އިތުރުވެފައިވޭ. ވޭތުވެދިޔަ އަހަރު އިމްޕޯޓް ކުރި މުދަލުގެ ޖުމްލައަކީ ގާތްގަނޑަކަށް 271 މިލިއަން ރުފިޔާ. މީގެތެރެއިން 151 މިލިއަން ރުފިޔާގެ މުދަލަކީ، އަމިއްލަ ވިޔަފާރިވެރިން ރާއްޖެއަށް އެތެރެކުރި މުދާ.

ސަރުކާރުގެ ވިޔަފާރި ހިންގާ ފަރާތް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވިޔަފާރިން ލިބޭ ފައިދާއަކީ، ސަރުކާރަށް ލިބޭ އާމްދަނީގެ ވަރަށްބޮޑު ބައެއް. 1982 ވަނަ އަހަރުގެ ފައިދާއަށް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެސް.ޓީ.އޯ.އިން ސަރުކާރަށް ލިބުނު 16.2 މިލިއަން ރުފިޔާއަކީ، އެއަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ %14.2. މިފައިދާއަކީ އޭގެކުރީ އަހަރަށްވުރެ %7 އިތުރު ފައިދާއެއް.

އެސް.ޓީ.އޯ.އިން ކުރާ އެންމެ ޚާއްޞަ އެއްމަސައްކަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް ރާއްޖެއަށް އެތެރެކޮށް، އެކަށީގެންވާ އަގެއްގައި ޢާންމުންނަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން. މީގެ އިތުރަށް، ޑަކްޓަރުންގެ ސިޓީއަށް ނޫނީ ވިއްކަން ހުއްދަ ނޯންނަ ހުރިހާ ބޭހެއްވެސް ހަމައެކަނި އެތަނުން ރާއްޖެގެނެސް ވިއްކާގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހަމަޖެއްސިފައި. މިގޮތަށް ހަމަޖެއްސުމުން، ކުރިއަށްވުރެ މާ އަގުހެޔޮކޮށް ޢާންމުންނަށް ބޭސް ގަންނަން ލިބޭގޮތް މެދުވެރިވި.

1983 ވަނަ އަހަރު އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ދެކުނު އަތޮޅުތަކުގައި ސަރުކާރުގެ ފަރާތުން ރޯމަސްގަތުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ، އެސް.ޓީ.އޯ.އިން. އަދި މިހާރު އައި.ޑީ.އޭ.އިން ލިބިފައިވާ ލޯނުގެ ދަށުން ހިންގާ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢު ހިންގާ ފަރާތަކީވެސް އެސް.ޓީ.އޯ.

އެސް.ޓީ.އޯ.އިން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އައްޑުއަތޮޅު ގަމުގައި ހިނގަމުންދާ ތައްޔާރީހެދުން ހަދާ ދެ ކާރުޚާނާ ވަކީން ފާހަގަކޮށްލަންޖެހޭ. 1983 ވަނަ އަހަރުގެ ތެރޭގައި، މި ދެތަނުން ގާތްގަނޑަކަށް 130000 ޑަޒަނުގެ ތައްޔާރީ ހެދުމާއި ސުވެޓަރފަދަ ތަކެތި އެކްސްޕޯޓް ކުރެވިފައިވޭ.

ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހިނގަމުން ގޮސްފައިވަނީ އެދެވޭ ގޮތެއްގައި. އެ އަހަރު ހިސާބުތައް ދައްކާގޮތުން، 1982 ވަނަ އަހަރު އެކުންފުނިން %30 ފައިދާވި. ކުންފުނީގެ ޢާންމު މަސައްކަތްތަކުގެ އިތުރަށް، ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ ބައެއް ޚިދުމަތް އެކުންފުނިން ލިބެމުންދިޔަ. އޭގެތެރޭގައި ރާއްޖޭގެ ދެކުނުގެ 5 އަތޮޅުގައި ހިންގުމަށް ގަސްދުކުރެވިފައިވާ މަސްވެރިކަމުގެ މަޝްރޫޢުގެ ދަށުން މަސް އެއްކުރާ 4 ބޯޓު މާލޭގައި ބަނުން ހިމެނޭ. އޭގެ ފުރަތަމަ ބޯޓު މިހާރުވަނީ ބަނދެ، އިންޖީނު ބަހައްޓައި ނިމިގެން ބާލާފައި. އިތުރު ދެ ބޯޓު ބަނުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް ގެނެވިފައި. ހަތަރުވަނަ ބޯޓު ބަނުމުގެ މަސައްކަތްވެސް ވަނީ ފެށިފައި.

އަދި މާލެއާއި ރާއްޖެތެރެއާ ދެމެދު ސަރުކާރުން ފަށާ ދަތުރުފަތުރުގެ މަޝްރޫޢުގެ ބޯޓުފަހަރު ހިންގާގޮތަށް ހަމަޖެހިފައިވަނީވެސް އެމް.ޓީ.ސީ.ސީ.ގެ ފަރާތުން.

ދަނޑުވެރިކަން

ހުސްވި 1983 ވަނަ އަހަރު ރާއްޖޭގައި ފާހަގަކުރެވުނީ، ގަސްއިންދުމާއި ދަނޑުވެރިކަމުގެ އަހަރުގެ ގޮތުގައި. މިހާތަނަށް ލިބިފައިވާ ހިސާބުތައް ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެއްލައްކައަށްވުރެ ގިނަ އަދަދެއްގެ ރުއް އިންދިފައިވޭ. އަދި ފުނަ، ކާނި، ހިރުނދު، ދިއްގާ، މިދިލިފަދަ ލަކުޑިއަށް ބޭނުންކުރެވޭ ބާވަތްތަކުގެ ތިންލައްކައަށްވުރެ ގިނަގަސް އިންދިފައިވޭ. މީގެ އިތުރަށް، ބަނބުކެޔޮ، ފަތްކެޔޮފަދަ ކާބޯތަކެތި އަޅާ ގަސްވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ވަރަށްގިނަ އަދަދަކަށް އިންދިފައިވޭ. 1983 ވަނަ އަހަރު ރާއްޖޭގައި އިންދުނު ރުއްގަހާއި ކެނޑުނު ރުއްގަހުގެ އަދަދަށް ބަލާއިރު، ކެނޑުނު އަދަދު މާބޮޑަށް މަދުވެފައިވާކަން ފާހަގަކޮށްލަންޖެހޭ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ގަސް އިންދުމުގެ ކަންތައް ކުރިއެރުވޭތޯ ކުރި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ އަތޮޅަކުން މަންދޫބަކު ބައިވެރިކޮށްގެން ގަސް އިންދުމުގެ ކަންތައްތައް އަމިއްލަ އެހީގައި ކުރިއަށް ގެންދެވޭނޭ ގޮތުގެ މައްޗަށް ވާހަކަ ދެއްކުމުގެ ބައްދަލުވުމެއް ބޭއްވުނު. އަދި ރާއްޖެތެރޭގެ 10 އަތޮޅެއްގައި، ގޯތިތެރޭގައި ގަސްއިންދުމާބެހޭ މަޢުލޫމާތު ދޭ ކޯސްތަކެއް ހިންގުނު.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ދަނޑުހެއްދުމުގެ މަސައްކަތްވެސް އެކަށީގެންވާ ދަރަޖައަކަށް ކުރެވުނު. ނަމަވެސް، މޫސުން ދިމާވިގޮތުން، ދަނޑުތަކުން އެދެވޭ ނަތީޖާއެއް ނުލިބޭ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް މިދިޔަ އަހަރު ރާއްޖޭގައި ވަކީން ޚާއްޞަގޮތެއްގައި ފާހަގަކުރެވުނު. އެދުވަހުގެ މުނާސަބަތުގައި ޚާއްޞަ އިޙްތިފާލެއް އޭދަފުށީގައި ބޭއްވުނު. އަދި އެދުވަހު ރަމްޒެއްގެ ގޮތުން ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ކާއެއްޗެތިއަޅާ ގަހެއް އިންދައި، އަދި އޭގެ އިތުރަށް، މުޅި ރާއްޖޭގައި ސާޅީސްހާހަށްވުރެ ގިނަ އަދަދަކަށް ކާބޯތަކެތި އަޅާ ގަސް އިންދުނު.

ބޭރުގެ އެހީ

އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުން ލިބޭ އެހީ 1983 ވަނަ އަހަރުގެތެރޭގައިވެސް ރާއްޖެއަށް ލިބެމުންދިޔަ. އެ އަހަރު ރާއްޖެއަށް އެހީގެގޮތުގައި ލިބިފައިވާ ފައިސާއާއި ތަކެތީގެ އަގުގެ ޖުމްލައަކީ، ގާތްގަނޑަކަށް 12.4 މިލިއަން ރުފިޔާ. މީގެތެރޭގައި ކާބޯތަކެއްޗާއި، އެނޫން ބައެއް ތަކެތިވެސް އެހީގެގޮތުގައި ލިބިފައިވޭ.

ރާއްޖެއަށް ބޭރުގެ އެހީ ލިބެމުންދާ އަނެއް ރޮނގަކީ، ސްކޮލަރޝިޕް ދިނުމާއި، ރާއްޖެއަށް ބޭނުންވާ ކަންކަމަށް ބޭރުގެ މާހިރުން ފޮނުވައިދިނުން. މިރޮނގުންވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ގިނަގުނަ އެހީތަކެއް ލިބިފައި.

ވީމާ، ރާއްޖެއަށް އެހީވެދޭ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރުމަށް އަޅުގަނޑު މިފުރުޞަތުގެ ބޭނުންކުރަން.

                    ޚާރިޖީ ހިންގުން

1983 ވަނަ އަހަރަކީ ދައުލަތުގެ ޚާރިޖީ ހިންގުމުގެ ދާއިރާގައި ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާ އަހަރެއް. ވަކީން ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖެ އެ ސަރަޙައްދެއްގައި އޮތް ސަރަޙައްދު ކަމުގައިވާ ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމުގައި ރާއްޖެ ކުޅެމުންދިޔައީ ވަރަށް މުހިންމު ބައެއް. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާއެއް މިއަހަރުގެތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

ޚާރިޖީ ދާއިރާގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޤަދަރުދަނީ އެއްދުވަހުން އަނެއްދުވަހަށް އުފުލެމުން. މިކަމުގެ އެންމެ އަލިގަދަ އެއް ހެތްކަކީ، ބޭރު ޤައުމުތަކުގެ މަތީ ދަރަޖައިގެ ވެރީން ރާއްޖެއަށް ޒިޔާރަތްކުރެއްވުން އިތުރުވަމުންދާކަން.

1983 ވަނަ އަހަރުގެތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި، މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙަންމަދުގެ ދެކަނބަލުންނާއި، ބަންގްލާދޭޝްގެ ޒަޢީމް ލެފްޓެނެންޓް ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދާއި، ނޭޕާލުގެ ރަސްގެފާނު ކިންގ ބިރެންދުރާގެ ދެކަނބަލުން ހިމެނިވަޑައިގެންނެވިކަމީ ރާއްޖެއަށް ލިބުނު ވަރަށްވެސް މަތިވެރި ފަޚުރެއް. މިބޭފުޅުންގެ އިތުރަށް، ވަރަށްގިނަ ޤައުމުތަކުގެ ވަޒީރުންވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވޭ.

1983 ވަނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ޤައުމުތަކުގެ ވެރީން ދެއްވާފައިވާ ދަޢުވަތަށް އެ ޤައުމުތަކަށް އަޅުގަނޑު ޒިޔާރަތްކުރިން. އެ ޤައުމުތަކަކީ، ބަންގްލަދޭޝްއާއި، އުތުރުކޮރެޔާއާއި، އިންޑިޔާ. މީގެއިތުރަށް މިޞްރުގެ ޖާމިޢުލްއަޒްހަރަށް 1000 އަހަރު ފުރުމުގެ މުނާސަބަތުގައި ޤާހިރާގައި ބޭއްވި އިޙްތިފާލުގައި ބައިވެރިވުމަށް މިޞްރުގެ ރައީސް ދެއްވި ދަޢުވަތަކަށް އެޤައުމަށް އަޅުގަނޑު ދިޔައިން. އަދި ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ވެރީންގެ 7 ވަނަ ޖަލްސާގައި ބައިވެރިވުމަށްޓަކައި ނިއުދިއްލީއަށްވެސް އަޅުގަނޑު ދިޔައިން. މިއިން ކޮންމެ ދަތުރެއްގައިވެސް އަޅުގަނޑު މަސައްކަތްކުރީ، އަޅުގަނޑުގެ ލަޔާޤަތު ތަންދިން މިންވަރަކުން ރާއްޖެއަށް ރީތިނަމާއި އިތުރު ފައިދާ ހޯދައިދެވޭތޯ. ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި، ބައެއް އެހެން މިނިސްޓަރުންވެސް ހަމަ އެ މަސައްކަތްޕުޅުގައި ވޭތުވެދިޔަ އަހަރު ބޭރުގެ ވަރަށްގިނަ ޤައުމުތަކަށް ޒިޔާރަތް ކުރައްވާފައިވޭ.

1983 ވަނަ އަހަރުގެ ތެރޭގައި، އިތުރު 3 ޤައުމަކާއެކު ރާއްޖެ ސިޔާސީ ގުޅުން އުފެއްދި. އެ ޤައުމުތަކަކީ ކޮމޯރޯސްއާއި ތޫނިސްއާއި ގްރީސް. 1983 ވަނަ އަހަރު ނިމުނުއިރު، 59 ޤައުމާއެކު ރާއްޖެވަނީ ސިޔާސީ ގުޅުން އުފައްދާފައި. އަދި ދެ ޤައުމުގެ ފައިދާއަށްޓަކައި މަސައްކަތްކުރުމުގެ ގޮތުން ދޭދޭ ޤައުމުގެ މެދުގައި ކުރެވޭފަދަ ތަފާތު އެއްބަސްވުންތައް ވަނީ އެކިއެކި ޤައުމާއެކު ކުރެވިފައި.

ވޭތުވެދިޔަ އަހަރު ބައެއް އިތުރު ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ރާއްޖެ ބައިވެރިވެފައިވުމާއެކު، ވޭތުވެދިޔަ އަހަރު ނިމުނުއިރު ބައިނަލްއަޤްވާމީ 36 ޖަމާޢަތުގައި ރާއްޖެ ބައިވެރިވެފައިވޭ.

               ވޭތުވެދިޔަ ފަސްއަހަރުގެ މައްޗަށް ބަލައިލުމެއް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއީ ރާއްޖޭގެ ރިޔާސަތުގެ އާ ދައުރެއް ފެށުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ޕްރެޒިޑެންޝަލް އެޑްރެހެއް ހުށަހެޅޭ ފުރަތަމަ ފަހަރު ކަމަށްވާތީ، 1983 ވަނަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތުގެ ޢާންމު ބަޔާނެއް ދަންނަވާލުމަށްފަހު، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ދައުލަތުގެ ކަންތައްތައް ހިނގަމުން އައިސްފައިވާގޮތުގެ މައްޗަށް ހިސާބަކަށްނަމަވެސް ބަލައިލުމަކީ، މިފުރުޞަތުގައި އެކަށީގެންނުވާ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން.

އާދެ! 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ހިނގައިދިޔަ ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ކަންތައްތަކަށް ވަނީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައި. އެކަށީގެންވާ އިޞްލާޙުތަކަކާއި ތަރައްޤީތަކެއް ގެނެވިފައި.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެންމެބޮޑު ތަރައްޤީއެއް ގެނެވުނު އެއްދާއިރާއަކީ ރާއްޖޭގެ ތަޢުލީމު. 1978 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ ސަރުކާރުން ހިންގާ 4 މަދަރުސާ. މި 4 މަދަރުސާއާއެކު މުޅިރާއްޖޭގައި އޭރު ހިނގަމުންދިޔައީ 20 މަދަރުސާ. އޭރު އެތަންތާނގައި ކިޔަވަން އުޅެނީ ގާތްގަނޑަކަށް 12 ހާސް ކުދީން. 1983 ވަނަ އަހަރު ނިމުނުއިރު ސަރުކާރުން ހިންގާ 38 މަދަރުސާއާއެކު، މުޅިރާއްޖޭގައި 104 މަދަރުސާއާއި، 161 މަކްތަބު ހިނގަމުން ގޮސްފައިވޭ. މިތަންތާނގައި ކިޔަވާކުދިންގެ އަދަދު 42 ހާހަށްވުރެ ގިނަ. މާލޭގައި ސަރުކާރުން ހިންގާ މަދަރުސާތަކުގައިވެސް މީގެ ފަސްއަހަރު ކުރިން ކިޔަވަންތިބި ކުދިންގެ އަދަދުގެ ނިސްބަތުން 1983 ގެ ނިޔަލަށް %183 އިތުރުވެފައިވޭ.

މެދުކެނޑުމެއްނެތި ހިނގަމުންދާތާ 10 އަހަރަށްވުރެ ގިނަދުވަސްވެގެން ސަރުކާރުން އެހީވެދޭ 84 ކިޔަވައިދޭ ތަން މިހާރު މާލެއާއި ރާއްޖެތެރޭގައި އެބަހުރި. ތަޢުލީމަށް ސަރުކާރުގެ ބަޖެޓުން ހޭދަކުރާ އަދަދުވެސް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އައިސް، 1978 ވަނަ އަހަރު ހޭދަކުރެވުނު 2.4 މިލިއަން ރުފިޔާގެ 6 ގުނަ 1983 ވަނަ އަހަރު ޚަރަދުވެފައިވޭ.

ޞިއްޙީ ދާއިރާގައި ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެޅުނު ކުރިއަށް ދިޔުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެތެރޭގައި ހުޅުވުނު ފުރަތަމަ ހޮސްޕިޓަލް ކުޅުދުއްފުށީގައި ހުޅުވުނުކަން. ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ބަލާއިރު، މިދިޔަ ފަސްއަހަރުގެ ތެރޭގައި ފާހަގަކުރެވޭފަދަ ކުރިއެރުމެއް އައިސްފައިވޭ. އާދެ، ދިވެހިންގެ އެވްރެޖް އުމުރުގެ ދިގުމިން 46.5 އަހަރުން 52.2 އަހަރަށް ބަދަލުވެފައިވޭ. އަދި އުމުރުން 5 އަހަރު ނުވާ ކުދިން މަރުވުމުގެ އަދަދު، ހާހަކުން 120 ން 78 އަށް ތިރިއަށް ޖެހިފައިވޭ.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެންމެބޮޑު ތަރައްޤީއެއް އައިސްފައިވާ ތަނަކީ، ރާއްޖެތެރެ. 1978 ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖެތެރޭގެ ވަރަށްގިނަ މިސްކިތްތައް ހުރީ ވީރާނާވެފައި. ރަށްރަށުގެ އޮފީސްތައް ހުރީ ބާވެ، ވާރޭ ހިޔާނުވާ ހިސާބަށް ގޮސްފައި. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖެތެރޭގެ 27 ރަށެއްގައި 29 މިސްކިތް ޢިމާރާތްކޮށް، އިތުރު 20 ރަށެއްގެ 22 މިސްކިތް މަރާމާތުކޮށްދެވިފައިވޭ. 2 އަތޮޅެއްގެ އަތޮޅުއޮފީސް ޢިމާރާތްކޮށް، 7 ރަށެއްގެ ރަށުއޮފީހާއި ރަށްވެހިގެ އަޅާދެވިފައިވޭ.

1978 ގެ ފަހުން ރާއްޖެތެރެއަށް އައި ތަރައްޤީގައި އެންމެބޮޑަށް ފާހަގަކޮށްލެވޭ އަނެއްކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ރަށުކޯޓެއް ޤާއިމުކުރެވުނުކަން. އަދި ރަށުއޮފީސްތަކަށް ކާތިބުންނާއި މަސައްކަތުމީހުން ލެއްވުމުން، އެއޮފީސްތަކުގެ މަސައްކަތް ކުރިއަށްވުރެ ފުރިހަމަ ގޮތެއްގައި ކުރެވެމުންދިޔަކަން.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެއަށްވެސް ވަނީ ތަރައްޤީގެ ރޮނގުން ފާހަގަކޮށްލެވޭފަދަ ބަދަލުތަކެއް ގެނެވިފައި. މާލޭގެ ފަޅުން ބިންހިއްކުމުގެ މަޝްރޫޢާއި، އިސްލާމީ މަރުކަޒާއި ޣާޒީ ބިލްޑިންގފަދަ ޢިމާރާތްތަކުގެ އިތުރަށް އެތައް ކަމެއް ވަނީ ކުރެވިފައި. އޭގެތެރޭގައި މާލޭގެ ހުޅަނގުކޮޅުގައި ދިރިއުޅޭ މީހުންނަށް ފެން ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި، އިލެކްޓްރިސިޓީ އިތުރުކުރުން ހިމެނޭ. އަދި މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާތީ، މާލެއަކީ ދިރިއުޅުމުގެ ވަސީލަތްތައް ކުރިއަރާފައިވާ، ރީތި ރަށަކަށް ހެދޭތޯ މާލެ ޕްލޭން ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މާލޭގެ ބަނދަރު ތަރައްޤީ ކުރުމާއި، ބޯފެނާއި ފާޚާނާކުރުމުގެ ކަންތައް ރަނގަޅުކުރުމާއި، މާލެއަށް ބޭނުންވާ އެނޫންވެސް ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ދެވޭތޯ އިންތިޒާމުތައް ދަނީ ކުރެވެމުން.

ސަރުކާރުގެ ދާއިރާއަށް ބަލައިލާއިރު، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި، އިތުރު އޮފީސްތައް އުފެއްދުމާއި، އޮފީސްތަކުގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން، ވަރަށްގިނަ އަދަދަކަށް މުވައްޒަފުން އިތުރުކުރެވިފައިވޭ. 1978 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގައި ތިބީ، 4,788 މުވައްޒަފުން. މިދިޔަ އަހަރު ނިމުނުއިރު 7,168 މުވައްޒަފުން ތިބި. ސަރުކާރުގެ މުވައްޒަފުންގެ މުސާރަވެސް މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައިވަނީ އެތައްފަހަރެއްގެ މަތިން ވަރަށްބޮޑުތަން އިތުރުކޮށްދެވިފައި.

އިޖުތިމާޢީ ގޮތުން ސަރުކާރުން ދޭ ޚާއްޞަ އެހީތައް މިދިޔަ ފަސްއަހަރުގެތެރޭގައި ވަނީ 1,156 ގުނައަށް އިތުރުވެގެންގޮސްފައި. މިއެހީތަކުގެ އެންމެބޮޑު ބަޔަކީ، ގުރައިދޫގައި ހުންނަ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައި ތިބޭ މީހުން ބެލެހެއްޓުމަށާއި، އަމިއްލައަށް ބޭސްނުކުރެވޭފަދަ ނިކަމެތިންނަށް، މާލެއިންނާއި އަދި ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްކޮށްދިނުންފަދަ ކަންތަކަށް ވެދޭ އެހީ. 1978 ވަނަ އަހަރު މިފަދަ ކަންކަމަށް ސަރުކާރުން ހޭދަކޮށްފައިވަނީ ހަމައެކަނި -/1,099 ރުފިޔާ. މިދިޔަ އަހަރު 1.5 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ.

މާލެއަތޮޅު މާފުށީގައި ހުޅުވިގެން ހިނގަމުންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއަކީ ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އިޖުތިމާޢީ ގޮތުން އެޅިފައިވާ އެންމެ ހަރުދަނާ އެއް ފިޔަވަޅު. އެކިބާވަތުގެ ކުށްކުރާ ކުޑަކުދީން އިތުރުވަމުންދާތީ، އެފަދަ ކުދީން ބަލަހައްޓައި، އެކުދިން ތަރުބިއްޔަތު ކުރާނޭ އިޞްލާޙިއްޔާއެއް ހުޅުވުނީ 1979 ވަނަ އަހަރު. އެތަނުން ތަފާތު މަސައްކަތް ދަސްކޮށްގެން، ދިރިއުޅުމުގެ އެކިއެކި ރޮނގުރޮނގުން ފައިދާހުރި މަސައްކަތްކުރުމަށް ބައެއް ކުދީން މިހާރުވަނީ ޢަމަލީ ޙަޔާތަށް ނުކުމެފައި.

އިޤްތިޞާދީގޮތުންވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ ވަނީ ވަރަށްބޮޑަށް ކުރިއަރާފައި. ބޭރުގެ މާހިރުން އެއްބަސްވާގޮތުގައި، 1978 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުރީ އަހަރަކު %1 ގެ ނިސްބަތުން. ނަމަވެސް، 1981 ހާތާނގައި މިނިސްބަތް %11 އަށް އެރި. 1978 ވަނަ އަހަރު ނިމުނުއިރު، ރާއްޖެއަށް ލިބޭ ފައިސާގެ ނިސްބަތުން މީހަކަށްޖެހެނީ، އަހަރަކު ގާތްގަނޑަކަށް -/1,100 ރުފިޔާ. 1983 ވަނަ އަހަރު ނިމުނުއިރު މިއަދަދުވަނީ -/2,700 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި.

އިޤްތިޞާދީ ކުރިއެރުން ދައްކައިދޭ މިދެންނެވި އަދަދުތަކުގެ އިތުރަށް، ސަރުކާރަށް ލިބުނު އާމްދަނީވެސް މިދިޔަ ފަސްއަހަރުގެ ތެރޭގައި އެތައް ގުނައަކަށް އިތުރުވެފައިވާކަން ފާހަގަކޮށްލަންޖެހޭ.

އާދެ، 1978 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.7 މިލިއަން ރުފިޔާ. 1983 ވަނަ އަހަރު ލިބިފައިވަނީ 137.5 މިލިއަށް ރުފިޔާ.

ރާއްޖޭގެ އެންމެގިނަ މީހުން ބައިވެރިވާ މަސައްކަތް ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ފަސް އަހަރުގެ ތެރޭގައި އައިސްފައިވަނީ، ހީވެސްނުކުރާފަދަ ތަރައްޤީތަކެއް. 1978 ވަނަ އަހަރު ނިމުނުއިރު ހުރީ އިންޖީނު ބެހެއްޓި 548 ދޯނި. 1983 ގެ ނިޔަލަށް 1304 އަށް އިތުރުވެގެން ހިނގައްޖެ.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި މަސްވެރީންގެ އަތުން ސަރުކާރަށް ގަންނަ މަހުގެ އަގު އެތައްތަނެއް ބޮޑުކޮށްދެވުނު. 1978 ވަނަ އަހަރު މަސްވެރީންގެ އަތުން ރޯމަހާއި ހިކިކަނޑުމަސް ގަތުމަށް ސަރުކާރުން ޚަރަދު ކުރެވިފައިވަނީ، 9.5 މިލިއަން ރުފިޔާ. 1983 ވަނަ އަހަރު ހަމައެކަނި މިދެންނެވި ދެބާވަތް ގަތުމަށް ސަރުކާރުން މަސްވެރީންނަށް 20.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. މީގެއިތުރަށް ލޮނުމަހާއި، ކަށިމިޔަރު ތެޔޮފަދަ ބާވަތްތައް ގަތުމަށްވެސް ވަރަށްމަތީ އަދަދެއްގެ ފައިސާ ހޭދަކުރެވިފައިވޭ. މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ބޭރުގެ އެކިއެކި ފަރާތްފަރާތުން އެހީ ހޯދައިގެން ތަފާތު ދެ މަޝްރޫޢެއްވެސް މިހާރުވަނީ ފެށިފައި.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ އަވަހަށް ކުރިއަރަމުންދާ މަސައްކަތް ކަމުގައިވާ ޓޫރިޒަމްގެ ދާއިރާއަކީ، 1979 ވަނަ އަހަރުގެ ކުރީން ސަރުކާރަށް އެއްވެސް އާމްދަނީއެއް ލިބޭގޮތަށް ހިނގަމުން ގޮސްފައިވާ އޮތް މަސައްކަތެއް ނޫން. ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމުން ސަރުކާރަށް 67.5 މިލިޔަން ރުފިޔާ ލިބިފައިވޭ. 1978 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އޮތީ 18 ޓޫރިސްޓް ރިޒޯޓް. 1978 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 29,000 ޓޫރިސްޓުން. 1983 ނިމުނުއިރު ރާއްޖޭގައި އޮތީ 50 ރިޒޯޓް. ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 74,000 އަށް އިތުރުވެފައި.

ރާއްޖޭގެ ވިޔަފާރިވެސް މިދިޔަ ފަސްއަހަރުގެ ތެރޭގައި ވަރަށްބޮޑަށް ފުޅާވެ ތަނަވަސްވެފައިވޭ. ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދަލުގެ އަގު 6 ގުނަ އިތުރުވުމާއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގުވެސް 51 މިލިޔަން ރުފިޔާއިން 271 މިލިޔަން ރުފިޔާއަށް އިތުރުވެގެން ގޮސްފައިވޭ.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ރާއްޖެއަށް އައި ތަރައްޤީގެ އެންމެބޮޑު ބަޔަކީ ކުރީން މިދެންނެވި މާއްދީ ކަންތައްތަކެއް ނޫން. އަދި ކީއްތޯ! ސަރުކާރުގެ ސިޔާސަތަށް ގެނެވުނު މުހިންމު ބަދަލުތަކާއި، ޤައުމީ ގޮތުންނާއި އިޖުތިމާޢީގޮތުން މީސްތަކުންގެ މެދުގައި އުފެދުނު ހޭލުންތެރިކަން. މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދެވެމުންދާ ޤަދަރާއި ޙުރްމަތްތެރިކަން އިތުރުވެގެންދިޔަކަން. އަދި ޤައުމީ ލޯތްބާއި އިޖުތިމާޢީ ޚިދުމަތުގެ ރޫޙު ދިވެހީންގެ ހިތްތަކުގައި އާވެ އާލާވެގެންދިޔަކަން.

މިރޮނގުން ވިސްނާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ބަހާއި ތާރީޚާއި ޘަޤާފަތު ކުރިއެރުވުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލަންޖެހޭ. ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހަކާއި، ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހެއް އުފެދި، އެ ދެ މަޖިލީހުން އަގުހުރި ޚިދުމަތްތަކެއް ލިބިގެންދިޔުމަށްފަހު، މިހާރު އެ ދެ މަޖިލީހަށް ވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެއްގެ ސިފަ އައިސްފައި. ޤައުމުގެ އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއެރުވުމަށްޓަކައި، އަންހެނުންގެ ޤައުމީ ކޮމިޓީއަކާއި ޒުވާނުންގެ ޤައުމީ މަޖިލީހެއް ވަނީ އުފެއްދިފައި. މާލޭގެ އަވަށްއަވަށުގައި އަވަށް ހިންގާ ކޮމިޓީތަކާއި، ރާއްޖެތެރޭގެ ރަށްރަށުގައި ރަށްކުރިއަރުވާ ކޮމިޓީތަކާއި، އަތޮޅު ކުރިއެރުވުމަށް އެހީތެރިވާ ކޮމިޓީ އުފެދި، އެ ކޮމިޓީތަކުގެ ޚިދުމަތްތައް ޖަމާޢަތަށް ވަނީ އެކަށީގެންވާގޮތެއްގައި ލިބެން ފަށާފައި.

ޚާރިޖީ ދާއިރާގައިވެސް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމަށް ވަނީ މުޅީން އައު ތަޞައްވުރެއް ގެނެވިފައި. 1978 ވަނަ އަހަރު ނިމުނުއިރު ރާއްޖެ ސިޔާސީގޮތުން ގުޅިފައިވަނީ ގާތްގަނޑަކަށް ތިރީހަކަށް ޤައުމާ. މިހާރު މިއަދަދު ވަނީ އޭގެ ދެގުނައަށް އިތުރުވެފައި. އަޅުގަނޑުމެންނާ އެންމެ ކައިރިއަށް އޮތް ސްރީލަންކާއާ ރާއްޖެއާ ދެމެދުގެ ގުޅުންވެސް 1978 ވަނަ އަހަރާ ހަމައަށް އައިއިރު އޮތީ ވަރަށް ހަމަނުޖެހޭ ގޮތަކަށް. ނަމަވެސް، މިހާރު އެގުޅުންވަނީ ކުރީން ދުވަހަކުވެސް ނުދެކޭފަދަ ގޮތެއްގައި ބަދަހިވެ ހަރުދަނާވެފައި. ކޮމަންވެލްތުފަދަ މުހިންމު ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ބައިވެރިވުމާއެކު، މިފަދަ ޖަމާޢަތްތަކުގައި މިހާރު ރާއްޖެ އަދާކުރަމުންދަނީ މިނިވަން ޒުވާން ދިވެހި ޤައުމުގެ ތަޞައްވުރާ އެކަށީގެންވާ މުހިންމު ބައެއް.

                   ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

އަޅުގަނޑު ދެންމެ ކުރުގޮތަކަށް މިދަންނަވާލީ، ވޭތުވެދިޔަ ފަސްއަހަރުގެތެރޭގައި، ތަފާތު ދާއިރާތަކުން އަޅުގަނޑުމެންގެ ޤައުމު ހޯދާފައިވާ ކުރިއެރުންތައް. އެ ތަރައްޤީ އެގޮތަށް ގެނެވިފައި އެވަނީ، އަޅުގަނޑަށް ދެންނެވެން އަންނަނީ، މިވޭތުވެދިޔަ ފަސްއަހަރު ދައުލަތް ހިންގަމުން ގެންދިޔަ ސިޔާސަތަކީ، ރާއްޖެއަށް ފައިދާހުރި ސިޔާސަތެއް ކަމަށްވާތީއޭ.

އެހެންކަމުން ކުރިއަށް އޮތް އަހަރުވެސް ދައުލަތް ހިންގުމުގެ ސިޔާސަތަކަށް ވާންވާނީ، ވޭތުވެދިޔަ އަހަރުތަކުގައިވެސް ދައުލަތް ހިންގަމުން ގެންގޮސްފައިވާ ސިޔާސަތު ކަމުގައި އަޅުގަނޑު ދެކެން. އެ ސިޔާސަތަކީ، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، އިސްލާމީ އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ ސިޔާސަތު. އިޖުތިމާޢީ ގޮތުން އެދެވޭ އިޞްލާޙުތައް ގެނައުމާއި، ޤައުމުގެ އަފްރާދުންގެ ހިތުގައި ވަޒަންދެކެ ލޯބިވުމުގެ މާތް ސިފަ އަށަގެންނެވޭތޯ މަސައްކަތް ކުރުމުގެ ސިޔާސަތު. ބޭރު ދުނިޔޭގައި ރާއްޖޭގެ ޤަދަރު އުފުލޭގޮތް ބައިނަލްއަޤްވާމީ ދަނޑުތަކުގައި ޙަރަކާތްތެރިވަމުން ދިޔުމުގެ ސިޔާސަތު.

މިސިޔާސަތު ހިންގުމުގައި، ކުރިއެކޭ އެއްފަދައިން ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ ތާއީދު ސަރުކާރަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ހަމައެފަދައިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތަރުޙީބާއި އެއްބާރުލުން ލިބެމުންދާނެކަމާމެދުވެސް އަޅުގަނޑު ޝައްކެއްނުކުރަން.

ދާޚިލީ ސިޔާސަތު

ކުރިއަށް އޮތް އަހަރު ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތަކަށް ވާނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ރައްޔިތުންގެ މެދުގައި ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން. ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ތަނަވަސްކޮށްދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުމުގެ މަގުތައް ފަހިކޮށްދިނުން.

މިސިޔާސަތުގެ އެންމެ މުހިންމު ބިންގަލަކަށްވާނީ، މާތްވެގެންވާ އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ސަރުކާރާއި ރައްޔިތުންގެ ކަންތައްތައް އިޞްލާޙުކުރުން. ރައްޔިތުންގެ ހިތުގައި އިސްލާމީ ރޫޙު އުފެއްދުމާއި ދިވެހިވަންތަކަން ދިރުވައި އާލާކުރުން. އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ދިވެހީންގެ ފަޚުރެއް ކަމުގައިވާ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކައުތެރިކޮށް ދެމެހެއްޓުން.

ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތުގެ މުހިންމު އަނެއް ބިންގަލަކަށްވާނީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތައް އިތުރުކޮށްދިނުމަށް މަސައްކަތްކުރުން. އަޅުގަނޑުމެންގެ ޅަދަރިންނަށް ކިޔަވައިދޭނޭ އިތުރު ތަޢުލީމީ މަރުކަޒުތައް ހުޅުވުމާއި، ބޭހާއި ފަރުވާދޭނޭ ޞިއްޙީ މަރުކަޒުތައް އިތުރުކުރުން. އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޙަރަކާތްތެރިކަން އުފެއްދުން. ނުކުޅެދޭ މީހުންނާއި، ދައުލަތުގެ އެހީއަށް ބޭނުންވާ މީހުންނަށް އިތުރު އެހީލިބޭނޭ ގޮތްތައް ހޯދައިދިނުން.

ޚާރިޖީ ސިޔާސަތު

ކުރިއަށް އޮތް އަހަރުވެސް ދައުލަތުގެ ޚާރިޖީ ސިޔާސަތަކަށްވާނީ، ވޭތުވެދިޔަ ފަސްއަހަރުވެސް ދައުލަތް ހިންގުމުގައި ގެންގެޅެމުން އައި ސިޔާސަތު.

އެ ސިޔާސަތުގެ މައިގަނޑު ބައިތަކަކީ، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ވަންހަނާވެގެންނުވާނޭ ފަދައިން، ވަކިފަރާތަކަށް ނުޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް އެކުވެރިކަން އުފެއްދުން. ޚާއްޞަކޮށް އަވަށްޓެރި ޤައުމުތަކާއި މުސްލިމް ޤައުމުތަކާއެކު ގުޅުން ބަދަހިކުރުން. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ޢަސްކަރީ އަދި ސިޔާސީ ވާދަވެރިކަމުގެތެރެއަށް ނުވަދެ، ބައިނަލްއަޤްވާމީ ދާއިރާގައި ޙައްޤާއި އިންޞާފުގެ އަޑު އުފުލުން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މުހިންމު އުސޫލުތަކަކީ އ.ދ.މަޖިލީހުގެ ޗާޓަރާއި، އިސްލާމިކް ކޮންފަރެންސްގެ ޤަރާރުތަކާއި، ވަކިފަރާތަށް ނުޖެހުމުގެ މައިގަނޑު ހަމަތައް. މި އުސޫލުތަކުގެ އަލީގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދުނަ ނުދިނުމަށާއި، ހަތިޔާރުގެ ވާދަވެރިކަން ނައްތާލުމަށް މަސައްކަތް ކުރުން. އެއްވެސް ޤައުމެއްގެ ދާޚިލިއްޔަތާ އަނެއް ޤައުމަކުން ނުބެހުމަށާއި، ދޭދޭ ޤައުމުގެ މެދުގައި ހިނގާ ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ހަމަޖެއްސުމަށް ބާރުއެޅުން.

ދުނިޔޭގެ ކޮންމެ ތަނެއްގައި ނަމަވެސް، މިނިވަންކަމާއި އެބައެއްގެ އިންސާނީ ޙައްޤުތައް ހޯދުމަށްޓަކައި މަސައްކަތްކުރާ މީހުންނަށް ތާއީދުކުރުން. އަދި ވަކީން ޚާއްޞަގޮތެއްގައި، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަތުން ނިގުޅައިގަނެވިފައިވާ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތާއި، އިޒްރޭލް މީހުން ހިފާފައިވާ އަލްޤުދްސާއި، އެނޫންވެސް ޢަރަބިންގެ ބިންތައް މިނިވަންކުރުމަށް ޢަރަބި އިސްލާމީ ޤައުމުތަކުން ކުރަމުންދާ މަތިވެރި ޖިހާދުގައި ދެވެން އޮތް ހުރިހާ އެހީއެއް ވެދިނުން.

އަޅުގަނޑުމެން އެ ކަނޑެއްގައި މިތިބަ އިންޑިޔާ ކަނޑު ޞުލްޙައިގެ ސަރަޙައްދަކަށް ހެދުމަށް އ.ދ.އިން ފާސްކޮށްފައިވާ ޤަރާރަށް ފުރިހަމައަށް ތާއީދުކުރުމާއެކު، ދުނިޔޭގެ އެކިއެކި ހިސާބުގަނޑުގައި ޞުލްޙައިގެ ސަރަޙައްދުތައް އުފެއްދުމަށް ގޮވާލެވޭ ގޮވާލުންތަކަށް ތާއީދުކުރުން. ދުނިޔޭގެ އިޤްތިޞާދީ ކަންތައްތަކުގައި، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ، އިންޞާފުވެރި އުޞޫލުތަކެއްގެ މައްޗަށް ހެދޭ ބައިނަލްއަޤްވާމީ އައު އިޤްތިޞާދީ ނިޒާމެއް އުފެއްދުމަށް ބާރުއެޅުން. އަދި އެޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ޚާއްޞަ ޢިނާޔަތްތަކެއް ލިބިދިނުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން.

                  ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

1983 ވަނަ އަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ މަޖިލީސް ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ ހިތްހަމަޖެހޭފަދަ ގޮތެއްގައި ކަމަށް އަޅުގަނޑު މިދަންނަވަނީ އުފަލާއެކު. ތިޔަ ޢިއްޒަތްތެރި މަޖިލީސް ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކައުތެރިވެވަޑައިގަތުމާއެކު، ދައުލަތަށް އިޚްލާޞްތެރިކަންމަތީ ތިއްބަވައިގެންކަން އަޅުގަނޑު ޤަބޫލުކުރަނީ ޝުކުރުވެރިކަމާއެކު.

ވޭތުވެދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވަނީ 21 ބިލް. ބައެއް އާ ޤާނޫނު ހެދުމުގެ ގޮތުންނާއި، ބައެއް ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ގޮތުން ހުށަހެޅުނު މި 21 ބިލްވެސް ވަނީ، އެ ބިލްތަކާމެދު މިނިވަންކަމާއެކު ބަޙުޘްކުރެއްވުމަށްފަހު އަދި ބައެއް ބިލްތަކަށް އިޞްލާޙު ގެންނެވުމަށްފަހު މަޖިލީހުން ފާސްކުރައްވާފައި.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމާ ގުޅިގެން ހޮވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރެވެމުން ގޮސްފައިވޭ. އެ މަޖިލީހަށް ހުށަހެޅިފައިވާ 143 މާއްދާގެ މައްޗަށް އެކުލެވޭ ނަމޫނާ ޤާނޫނުއަސާސީގެ 103 މާއްދާއާމެދު މިހާރުވަނީ ބަޙުޘްކޮށް ނިމިފައި. އެހެންކަމާއެކު، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ދެން މާލަސްތަކެއްނުވެ ނިމިގެންދާނެ ކަމަށް އުންމީދުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވޭ!

ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގަމުންދިޔަގޮތާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާވެފައިވާގޮތް އަޅުގަނޑު ދެންމެ މިދެންނެވީ. އަދި ވޭތުވެދިޔަ ފަސްއަހަރުގެތެރޭގައި ރާއްޖެއަށް އައިސްފައިވާ ބަދަލުތައްވެސް ވަރަށް ކުރުކޮށް މި ހާމަކޮށްލީ.

ތިޔަ އެންމެ ބޭފުޅުންވެސް ގަބޫލު ކުރައްވާނޭ ގޮތުގައި، އެ ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަނީ ވަރަށްގިނަ ކަންތައްތަކެއް ކުރަން ފެށިފައި. އެކަންތައްތައް ކުރަން ފެށިފައި ވަނީ، ކޮންމެ ކަމަކާމެދުވެސް އެކަށީގެންވާ މިންވަރަކަށް ޚިޔާލުފާޅުކުރެވި މަޝްވަރާ ކުރެވިގެން. އަދި އެކަންތައްތަކަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކަމުގައި ޤަބޫލުކުރެވިގެން. ވީމާ، އެކަންތައްތައް ކުރިއަށް ގެންދިޔުމާއި ފުރިހަމަކޮށް ނިންމުންވަނީ އަޅުގަނޑުމެން އެންމެންނާ ޙަވާލުވެފައި. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ތިޔަ ޢިއްޒަތްތެރި މެންބަރުންނާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި އިތުބާރާއެކު، ރާއްޖޭގެ ރިއާސީ އައު ދައުރާ ޙަވާލުވެގެން އަޅުގަނޑު ތެދުވެ މިހުރީ، މިދިޔަ ފަސްއަހަރުގެ ތެރޭގައި އަޅުގަނޑު ފަށާފައިވާ ކަންތައްތައް ފުރިހަމަކޮށް ނިންމުމަށް ޢަޒުމް ކަނޑައަޅައިގެން.

ރިޔާސީ ދައުރުގެ ވޭތުވެދިޔަ ފަސްއަހަރަކީ، އަޅުގަނޑު ދެކޭގޮތުގައި ފަށައިގަތުމުގެ ފަސްއަހަރު. ޤައުމުގެ ކަންތައްތަކާމެދު ޚިޔާލުކުރުމާއި، މަޝްވަރާކުރުމާއި، ރޭވުމުގެ ފަސްއަހަރު. މިހާރު ހިނގަމުން މިދާ ފަސްއަހަރަކީ މަސައްކަތުގެ ފަސްއަހަރު. ކުރީން ފެށިފައިވާ ކަންތައްތައް ކުރިއަށް ގެންދިޔުމަށާއި، ހަލުވިކަމާއެކު ނިންމުމަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ ފަސްއަހަރު. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންގެ ޢިއްޒަތްތެރި ވަކީލުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، ތިޔަ ޢިއްޒަތްތެރި މެމްބަރުން މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި އަދި ހީވާގި ރައްޔިތުންނަށް މިއަދު އަޅުގަނޑު މިގޮވާލަނީ، މި މަސައްކަތުގެ ފަސްއަހަރަކީ ކާމިޔާބު އަހަރުތަކަކަށް ހެދޭތޯ އަޅުގަނޑާއެކު މަސައްކަތް ކޮށްދެއްވުމަށް. މިހާރު ފެށިފައިވާ ކަންތައްތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ނިންމުމަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑަށް އެހީތެރިވެދެއްވުމަށް.

ޝައްކެއްނެތް! ކާމިޔާބީއާއި ތަރައްޤީއަކީ ވަރުގަދަ ޢަޒުމަކާއި މަތިވެރި ހިންމަތަކާއެކު ކުރާ މަސައްކަތުގެ ފޮނިމޭވާ. ތެދުވެރިކަމާއެކު ސަރުކާރާއި ރައްޔިތުން އެއްބާރުލާ އެއްބާރުލުމުގެ ހެޔޮ ނަތީޖާ.

ކީރިތި ﷲ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، އަޅުގަނޑަށާއި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި ދިވެހި ޤައުމާއިގެން ކުރިއަށް ދިޔުމަށް ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރާ ޙާލު،

ޤާނޫނު ނަންބަރު 1/68ޖ. ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ މާތްކަން ލިބިގަންނަން.

رَبَّنَا لاَ تُزِغُ قُلُوبَنَا بَعْدَ إِذْهَدَيْتَنَا وَهَبْ لَنَا مِن لَّدُنْكَ رَحْمَةً، إِنَّكَ أَنْتَ اْلوَهَّابُ.

وَماَتَوْفِيقِى إِلاَّبِاللَّـهِ، عَلَيْهِ تَوَكَّلْتُ، وَإِلَيهِ اُنِيب.

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّـهِ وَبَرَكَاتُهُ.