ވަރލްޑް ބޭންކުން ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވާރލްޑް ބޭންކްގެ ރައީސް މިސްޓަރ ރޮބަރޓް ޒޯލިކާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބައްލަވާލައްވަމުން، ސަރުކާރަށް މިހާރުޖެހިވަޑައިގެންފައިވަނީ، ސަރުކާރު މުވައްޒަފުން މަދުކުރެއްވުމަށާއި، ކަރަންޓްގެ އަގު ބޮޑުކުރެއްވުމަށާއި، ޤައުމުގައި ތިބި ނިކަމެތި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ދަލެއް އަޅުއްވައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިކަންކަން ކުރުމުގައި ވަރލްޑް ބޭންކްގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓުގެ މަޝްވަރާތަކުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ޤައުމުތައް ހޭނުމަށްޓަކައި ފަންޑެއް އުފެއްދުމަށް އެއްބަސްވެވިއްޖެނަމަ، އެފަންޑު ބަލަހައްޓައި ހިންގުން، ވަރލްޑް ބޭންކްފަދަ މިހާރުވެސް އުފެދިފައިވާ މާލީ ޖަމްޢިއްޔާއަކާ ހަވާލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ވާރލްޑް ބޭންކްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާބެހޭގޮތުން އަޑުއުފުއްލެވުމުގައާއި، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙު ގެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ހިތްވަރުފުޅުގަދަ މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ޕްރައިވަޓައިޒް ކުރުމާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ވަރލްޑް ބޭންކުން އެހީތެރިވެދެއްވާނެކަން ވަރލްޑް ބޭންކްގެ ރައީސް ހާމަކުރެއްވިއެވެ.