بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

މި އަހަރުގެ ޤައުމީ ދުވަހު އާދެ، ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު، ސަރުކާރުން އަލަށް ޢިމާރާތްކުރި އޮފީސް ބިލްޑިންގ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް ޚާއްޞަ އުފަލެއް.

އާދެ، މިޢިމާރާތް ނިސްބަތްވެފައިވަނީ، ތިޔަބޭފުޅުންނަށް ދެންމެ ތިޔަ ފެނިވަޑައިގެންނެވި ފަދައިން، ރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ބައެއް އަދާކުރެއްވި ޤައުމީ ބަޠަލެއްގެ ނަންފުޅަށް. އާދެ، "ހުރަވީ ބިލްޑިންގ" ނިސްބަތް ކުރެވިފައިވަނީ، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީންގެ ނަންފުޅަށް. މީގެކުރިން، އަޅުގަނޑުމެން ޢިމާރާތްކޮށް ހުޅުވި، މިފަދަ އަނެއް ޢިމާރާތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އެހެރަ "ޣާޒީ ބިލްޑިންގ". އެ ޢިމާރާތް ނިސްބަތްވެފައިވަނީ ދިވެހި ތާރީޚުގެ ލާމަސީލު ބަޠަލް ކަމުގައިވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމްގެ ނަންފުޅަށް. އެހެންވުމާއެކު، މިއަދު މިހުޅުވޭ ޢިމާރާތް، އަޅުގަނޑުމެންގެ ރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވި ޤައުމީ މުޖާހިދު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީންގެ ނަންފުޅަށް ނިސްބަތް ކުރެވުނުކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް އެކަމަށްޓަކައި އުފާކުރާނެ ކަމެއް.

އާދެ، މިތަން ޢިމާރާތްކޮށް މިނިމުނީ. ސަރުކާރުގެ އޮފީސްތަކުގެ ބޭނުމަށް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔުމާއެކު، އަދި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައްވެސް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔުމާއެކު، އޮފީސްތަކަށް ވަނީ އިތުރު ޖާގަ ބޭނުންވެފައި. ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިން އާދެ، މީގެ ހަތަރު އަހަރު ކުރިން، ޣާޒީ ބިލްޑިންގ ހުޅުވުނު ދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، އަޅުގަނޑު ދަންނަވާލިން، ޣާޒީ ބިލްޑިންގ ޢިމާރާތް ކުރުމުން އަދި ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ޖާގަ ލިބުނީ ކަމުގައި އަޅުގަނޑު ނުދެކެމޭ. އޭގެއިތުރުން، އެފަދަ އެއް ޢިމާރާތް ނުވަތަ ދެ ޢިމާރާތް އަދި ހަދައިގެން ނޫނީ، ސަރުކާރުގެ އޮފީސްތަކަށް މިހާރު ބޭނުންވާ ތަނަވަސްކަން އެތަންތަނަކަށް ނުލިބޭނެއޭ.

އާދެ، އެގޮތުގެ މަތިން، މި ޢިމާރާތް "ހުރަވީ ބިލްޑިންގ" މި ޢިމާރާތްކޮށް ނިމުނީ. މި މަސައްކަތް ފެށުނީ ގާތްގަނޑަކަށް މީގެ ތިންއަހަރު ދުވަސް ކުރިން. މި މަސައްކަތް ފެށިގެން ވަރަށް ހަލުވިކަމާއެކު ހިނގަމުންގޮސް، މިއަދު އެކަން ނިމި، މި ހުޅުވަނީ. މި މަސައްކަތުގައި އުޅުއްވީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ އެކިއެކި މުހިންމު ބޮޑެތި މަސައްކަތްތަކުގައި، އެބޭފުޅެއްގެ ދައުރު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭ ބޭފުޅެއް. އާދެ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އަދި އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް. އޭނާގެ ބެއްލެވުމުގެ ދަށުން މި ޢިމާރާތް ބިނާކުރެއްވުމުގެ ކަންތައް ދުވަހުން ދުވަހަށް ބަލަހައްޓަވައި ދެއްވަމުން ގެންދެވީ، އެން.އެސް.އެސް.ގެ މޭޖަރ ޝައުކަތު އިބްރާހީމް. އެހެންވީމާ، އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، މޭޖަރ ޝައުކަތު އިބްރާހީމަށް، އަދި އެބޭފުޅުންގެ ދަށުން މިތާނގެ މަސައްކަތްތައް ކުރަމުންގެންދިޔަ އެންމެންނަށް، މިއަދުގެ މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ޢިމާރާތަކީ ކުރިން، މީގެ ހަތަރު އަހަރު ކުރިން، އަޅުގަނޑުމެން ހުޅުވި ޣާޒީ ބިލްޑިންގ ފަދަ ޢިމާރާތެއް. ޢިމާރާތުގެ ތަނަވަސްކަމަށް ބަލާއިރު، ދާދި އެއްފަދަ ދެތަން އެއީ. ހަނދުމަފުޅު ހުންނާނެ ފަދައިން، ޣާޒީ ބިލްޑިންގގެ ތަނަވަސްކަން ނުވަތަ އެތާނގެ ފްލޯރ އޭރިޔާ އެއީ ބެލިފައިވަނީ، 51200 އަކަފޫޓް ކަމަށް. މި ޢިމާރާތުގެ ތަނަވަސްކަން ބެލިފައިވަނީ، 54000 އަކަފޫޓް ކަމަށް. އެހެންވީމާ، އެތަނަށްވުރެ މިތަން ކުޑަތަންކޮޅެއް ބޮޑު. މިތަނަށް ބާރަ އޮފީސް މިއަދު އެބަ ބަދަލުވޭ. އެ ބާރަ އޮފީހުގައި 494 މުވައްޒަފުން މަސައްކަތްކުރޭ.

އާދެ، ޝައްކެއްނެތްގޮތުގައި، ސަރުކާރުގެ އޮފީސްތައް ހިންގާ ޢިމާރާތްތައް ކައިރިކައިރީގައި ހުރެފައި، އެއްތަނެއްގައި ގިނަ އޮފީސްތަކުގެ މުވައްޒަފުން މަސައްކަތްކުރާ ގޮތަށް އޮތުމުން، ސަރުކާރުގެ މަސައްކަތްތައް ހަލުވިވެގެން ދާންޖެހޭނެ. އަދި ޢާންމުންނަށްވެސް އެކަމުން ލުއިތަކެއް އިޙްސާސް ކުރެވޭނެ. އާދެ، އެއްވެސް ބޭނުމެއްގައި ތަފާތު ގިނަ އޮފީސްތަކަށް ދާންޖެހޭ މީހުންވެސް، މާދުރު ތަންތަނަށް ނުހިނގާ، އެއް ޢިމާރާތެއްގައި ހުންނަ އޮފީސްތަކަށް ގޮސްގެން، އެމީހުން ބޭނުންވާ ކަންތައް ނިންމޭގޮތްވާކަމުގައިވަންޏާ، ޝައްކެއްނެތްގޮތުގައި، އެއީ ޢާންމުންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވަރަށްބޮޑު ލުޔެއް.

އާދެ، ކޮންމެއަކަސް އަޅުގަނޑުމެންގެ މަޤްޞަދަކީ ރީތި ޢިމާރާތެއް ބިނާކުރުމެއް ނޫން. ހަމައެކަނި މަންޒަރުގެ ގޮތުގައެއް ނޫން، މިފަދަ ތަންތަން ޢިމާރާތްކޮށް މިހަދަނީ. އޭގެ ފަހަތުގައި ވަރަށްބޮޑު ބޭނުމެއް އެބައޮތް. އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން. ސަރުކާރުގެ ހުރިހާ މުވައްޒަފުންނަކީ، ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އެންމެ އާދައިގެ ވަޒީފާ އަދާކުރާ މީހާއާ ޖެހެންދެން އެއީ ރައްޔިތުންގެ ޚާދިމުން. އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނަންވީ ނުކުތާއަކީ އެއީ. މިފަދަ ޢިމާރާތެއް ބިނާކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެން، މުވައްޒަފުން މަސައްކަތްކުރާ އޮފީސް ރީތިކޮށް ބެހެއްޓުމެއް ނޫންކަން. އަޅުގަނޑުމެންނަށް ތަނަވަސްކަން ލިބޭފަދަ ޖާގަތަކެއް ލިބިފައި އޮތުމެއް ނޫންކަން. އަޅުގަނޑުމެންނަށް ފިނިކޮށްދޭނެ ފަންކާތަކެއްގެ އަރާމު އަޅުގަނޑުމެންނަށް ލިބުމެއް ނޫންކަން. އަޅުގަނޑުމެންގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުންކަން. އެއީ އަޅުގަނޑުމެން މިއަދު ހަނދާންކުރަންވީ އެންމެބޮޑު ކަމަކީ.

އާދެ، ސަރުކާރުގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ ގިނަވަމުން. އެއީ އެކަން ވާނެގޮތް. ރާއްޖެ ތަފާތު ރޮނގުތަކުގައި ތަރައްޤީވަމުންދާއިރު، ސަރުކާރުގެ އޮފީސްތައް ގިނަވަމުންދާނެ. ސަރުކާރުގެ ޚިދުމަތްތައް އަދާކުރަން ބޭނުންވާ މުވައްޒަފުންގެ ޢަދަދު ގިނަވަމުންދާނެ. އާދެ، ތަންކޮޅެއް ކުރިން، ސަރުކާރުގެ ޚިދުމަތަކީ ނުވަތަ ރައްޔިތުންނަށް ނުވަތަ ޤައުމަށް ސަރުކާރުން އަދާކޮށްދޭންޖެހޭ ޚިދުމަތަކީ ހަމައެކަނި، އަޅުގަނޑުމެން މިއުޅޭ ހިސާބުގަނޑުގައި އާދެ، އިންޑިޔާ ކަނޑުގައި، ކަނޑުފޭރެން އުޅޭ، ކަނޑު ފޭރޭ މީހުންގެ އަތްދަށުން ރާއްޖެ ސަލާމަތްވާނެފަދަ ގޮތަކަށް، ރާއްޖޭގެ ދިފާޢީ ކަންތައްތައް ހަމަޖައްސައިދިނުން ކަމުގައި އޮތް ދުވަސްވަރެއްވެސް، ތާރީޚާ އެކުވެގެން ހިނގައްޖެ. އޭގެފަހުން، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ޚިދުމަތަކީ، ހަމައެކަނި މީހުން ނަމާދުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކޮށްދިނުމާއި، މީހުންގެ މެދުގައި އުފެދޭ މައްސަލަތައް، ޝަރީޢަތުގެ ގޮތުން ޙައްލުކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުން ކަމުގައި އެކަނި އޮތް ދުވަސްވަރެއްވެސް ހިނގައްޖެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި، ބިދޭސީ ބައެއްގެ އަތްމަތީގައި އޮތް ދުވަސްވަރެއްވެސް ހިނގައްޖެ. އޭގެފަހުން، އަޅުގަނޑުމެންގެ ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް އެއްވެސް ޑަކްޓަރަކު ނެތި، އެ ޚިދުމަތްތައް އަދާކުރެވެމުންދިޔަ ދުވަސްތަކެއްވެސްދިޔަ. އޭގެފަހުން، ހަސްފަތާލެއް ނެތް ކަމުގައިވިޔަސް، ބޭރުގެ ޑަކްޓަރުންގެ ޚިދުމަތް ލިބިގެން، ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ދެވެމުން އައި ދުވަސްވަރެއްވެސްދިޔަ. އެހެންނަމަވެސް، އެދުވަސްތަކާ މިހާރާ ވަރަށް ތަފާތު. މިހާރު ރާއްޖޭގައި ހުރީ އެންމެ ހަސްފަތާލެއް ނޫން. އެއަށްވުރެ ގިނަ ހަސްފަތާލުތައް އެބަހުރި. އޭގެ އިތުރުން، މާލޭގައިވެސް އިތުރު ޞިއްޙީ މަރުކަޒެއްވެސް އެބަހުރި. ތަފާތު ކުލިނިކްތައް އެބަހުރި. ރާއްޖެތެރޭގައިވެސް ހެލްތު ސެންޓަރުތައް ބައިވަރު އެބަހުރި.

ތަޢުލީމީ ގޮތުން ވިސްނާލިޔަސް، ސަރުކާރުން ރާއްޖޭގެ ޅަދަރިންނަށް ތަޢުލީމު ދޭނެ އެއްވެސް ވަސީލަތެއް ނެތް ދުވަސްތަކެއްވެސްދިޔަ. އޭގެފަހުން، އެންމެ މަދަރުސާއެއް ހުރި ދުވަސްތަކެއްދިޔަ. ފިރިހެންކުދިން ދުވާލުގެ ވަގުތުތަކުގައި މަދަރުސާއަށް ދިޔައީ. އަންހެންކުދިން ރޭގަނޑުގެ ވަގުތުތަކުގައި. އޭގެފަހުން ދެ މަދަރުސާއަކަށް ބަދަލުވެގެންދިޔަ. އެހެންނަމަވެސް، މިހާރަށް ވިސްނާލާއިރު، ސަރުކާރުގެ ޚަރަދުގައި ހިންގާ ސަރުކާރުގެ ސާޅީސް އެތައް މަދަރުސާއެއް ރާއްޖޭގައި އެބަހުރި. ސަރުކާރުން އެހީވެދީގެން ހިންގާ ސަތޭކަ އެތައް މަދަރުސާއެއް އެބަހުރި. އެހެންވީމާ، ޤައުމަށް ނުވަތަ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް، އިތުރުވެގެންދާ މިންވަރު އަޅުގަނޑުމެންނަށް ވަޒަންކުރެވޭނެ.

މި ދެންނެވި ހުރިހާ ކަމެއްގެ އިތުރަށް، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ގެނެސް، ރައްޔިތުންގެ އަތްފޯރާ އަގެއްގައި، ރައްޔިތުންގެ ގިނަ މީހުންނަށް ދަތިނުވާނޭ ފަދަ ކުޑަ އަގެއްގައި ލިބޭގޮތަށް ހަމަޖައްސައިދިނުން އެއީ ސަރުކާރުން މިހާރު ކުރަމުންގެންދާ ޚިދުމަތެއް. ޢަދުލު އިންޞާފް ޤާއިމުކުރުން، ރާއްޖޭގެ އަމަންއަމާންކަން ހިފެހެއްޓުން. މިހެންގޮސް ދަންނަވައި ޢަދަދު ނުކުރެވޭހާ ގިނަ ޚިދުމަތްތައް މިހާރު ވަނީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހިފައި. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އަދާކޮށްދެވޭތޯ؟

އާދެ، އެހެންވީމާ އަޅުގަނޑު މިދެންނެވީ، މިފަދަ ޢިމާރާތްތައް ހެދުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެން ރީތި އޮފީސްތަކެއްގައި މަސައްކަތް ކުރަން ތިބުމެއް ނޫނޭ. ނުވަތަ އަޅުގަނޑުމެންނަށް ދަތިނުވާގޮތަށް އެންމެންނަށް އިށީނދެގެން ތިބެވޭނެ، ތަންކޮޅެއް އަރާމު އޮފީސްތަކެއް ހެދުމެއް ނޫނޭ. ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމޭ.

އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑު މި ދެންނެވި ނުކުތާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް ވިސްނާވަޑައިގަތުން. އެންމެ ފުރަތަމަ އަޅުގަނޑު އަމިއްލައަށްވެސް މިކަމާ ދޭތެރޭގައި ވިސްނުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވަން. އަބަދުވެސް، އަޅުގަނޑާއެކު މަސައްކަތް ކުރައްވާ، އަޅުގަނޑަށް އެހީތެރިވެދެއްވާ ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ އަރިހުންވެސް ހަމަ މިއަދު މި އެދެނީ، އެހުރިހާ ބޭފުޅުންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. އަދި އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވަން ތިއްބަވާ މިނިސްޓަރުންގެ ނައިބުންނާއި، ޑިރެކްޓަރ ޖެނެރަލުންނާއި، ނުވަތަ ޑިރެކްޓަރުންނާއި، އަދި އެނޫންވެސް ސަރުކާރުގެ މަޤާމުތަކުގައި ތިއްބަވާ ހުރިހާ މުވައްޒަފުންގެ އަރިހުން، މިއަދު ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު މި އެދެނީ، އަޅުގަނޑު މި ދެންނެވި ނުކުތާގެ މައްޗަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުން.

އާދެ، އަޅުގަނޑު ޤަބޫލުކުރަން، މިހާރުވެސް އެހުރިހާ ބޭފުޅުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެހެން. އެހެންނަމަވެސް، އަބަދުވެސް އަޅުގަނޑުމެން ކުރާ ކަންތައްތައް، އަމިއްލަ ނަފްސުގެ ލޮލުން އެކަންތައްތަކާ ދޭތެރޭގައި ބަލައިލަންޖެހޭ. ފާޑުކިޔުމުގެ ގޮތަކުން ކޮންމެ މީހަކުވެސް އަމިއްލައަށް އެމީހާގެ ޢަމަލުތަކަށް ބަލައިލަންޖެހޭނެ. އެގޮތުން އަޅުގަނޑު އެހެން މިދަންނަވަނީ. އަޅުގަނޑުމެން ހުރިހާ އެންމެންވެސް ކުރާ މަސައްކަތްތައް މިހާރަށްވުރެ ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރެވޭތޯ ބަލަމާ ހިންގަވާށޭ. ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް، އެބޭފުޅުން ސަރުކާރުގެ އޮފީސްތަކުގައި އެ ހޭދަކުރައްވާ ހުރިހާ ވަގުތުތަކަކީ، ރައްޔިތުންގެ ޚިދުމަތުގައި އަދާކުރައްވާ ވަގުތުތަކެއް ކަމުގައި ހައްދަވަމާ ހިންގަވާށޭ.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތުން، ވަރަށް ގިނަ މީހުންނަށް ހަމައެކަނި ސަރުކާރުން ލިބޭ މުސާރައިން ފުއްދާލެވޭކަށް ނޯވޭ. އަމިއްލަ މަސައްކަތްތައްވެސް ކުރަންޖެހޭ. އާދެ، އެއީ ދެން މިޒަމާނުގައި ނުވަތަ ރާއްޖެ މިހާރު މިއޮތްގޮތުން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިފައިވާ ކަމެއް. އެކަން އެހެން އޮތް ކަމުގައިވިޔަސް، ސަރުކާރުގެ އޮފީސްތަކުގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތުތަކަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުގައި ހޭދަކުރާ ވަގުތުތަކެއް ކަމުގައި ވެގެނެއް ނުވާނެއޭ އަޅުގަނޑު ދަންނަވަން ބޭނުންވަނީ. އެހުރިހާ ވަގުތުތަކެއް، ހެނދުނު ހަތްގަޑިބައިވީއްސުރެ މެންދުރުން އަނބުރާ އެއްގަޑި ތިރީސް ވަންދެން، ހަ ގަޑިއިރު އަދި އޭގެފަހުން އޮފީހުގެ ބޭނުމަކަށް އޮފީސް ހުޅުވަން ޖެހިއްޖިއްޔާ ހުޅުވައިގެން ތިބޭ ވަގުތުވެސް އޮފީހުގެތެރޭގައި އެއްވެސް މީހަކު އަމިއްލަ މަސައްކަތެއް ކުރުމަކީ އަޅުގަނޑު ހިތުން އެމީހެއްގެ އަމިއްލަ ޟަމީރުވެސް ރުހޭނެ ކަމެއްނޫން. ސަރުކާރުން އެމީހަކަށް ދޭ މުސާރަ އެ ޙައްޤުވަނީ އެމީހާ އެކުރާ މަސައްކަތަކަށް. އެ މަސައްކަތް އެކަށީގެންވާ ފަރުވާތެރިކަމަކާއެކު ކުރަމުން ނުގެންދެވޭ ކަމަށްވަންޏާ، އެ މުސާރަ އެއީ، އަދި ކިތަންމެ ކުޑައެތިކޮޅެއް ކަމުގައިވިޔަސް، އެއީ، އެމީހަކަށް ޙައްޤުވާނެ އެއްޗެއް ނޫން.

އާދެ، މި ވާހަކަ ދެން މާދިގުކޮށް ދައްކާކަށް އަޅުގަނޑު ނެތިން. ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ މަޤްޞަދު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ދެކެން. މި އުފާވެރި މުނާސަބަތުގައި، އާދެ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރި އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް މިއަދުގެ މުނާސަބަތުގައި މުބާރަކުބާދީ ރައްދުކުރަން. ހަމައެއާއެކު، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ޤައުމަށް ހުރިހާ ގޮތަކުންވެސް ތަނަވަސް އަދި ބާއްޖަވެރި މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން. ސަރުކާރު ހިންގަން ތިއްބަވާ ބޭފުޅުންނަށާއި، ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.