ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ހިންގުނު ހަރަކާތުގެ އަމާޒަކީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޙައްޤުތަކެއް ލިއްބައިދޭ މުޖްތަމަޢެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދަކީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ކުރިއަށް ގެންދަވަމުން އަމާޒަކީ، އިޖްތިމާޢީ ހަރަކާތްތަކުގަޔާއި ޤައުމުގެ ޑިމޮކްރެޓިކް ހަޔާތުގައި ފުރިހަމައަށް ބައިވެރިވެރިވެވޭނެ މަގު ހޯއްދަވައި ދެއްވުމާއި، ހަމަހަމަ އިންސާފުވެރި އުސޫލެއްގެ މަތިން ހުރިހާ ރައްޔިތުންނާމެދު އަމަލުކުރެވޭފަދަ މުޖްތަމަޢެއް ބިނާކުރުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އަޅުގަނޑުމެން މިބިނާކުރުމަށް މަސައްކަތްކުރާ އަނެއް ދިވެހިރާއްޖެއަކީ ހަމަހަމަކަމުގެ މައްޗަށް ބިނާކުރެވޭ ދިވެހިރާއްޖެއެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

"ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ހުރިހާ އިންސާނުން ދުނިޔެއަށް އަންނަނީ ޙައްޤުގެ ގޮތުންނާއި ޤަދަރުގެގޮތުން ހަމަހަމަ، މިނިވަނުންގެ ގޮތުގައިކަން އެ ޑެކްލެރޭޝަންގެ އެންމެ ފުރަތަމަ ފޮޅުވަތުގައި ބަޔާންކޮށްފައިވާ ކަމަށާއި، މިޖުމްލައަކީ ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ކަމުގައި ވިދާޅުވެފައިވެއެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ކުރިއަށް ގެންދަވަމުން، ޒަމާންތަކެއްވަންދެން އަޅުގަނޑުމެންގެ މުޖްތަމަޢު ގަބޫލުކޮށްފައިވާ، އެހެންނަމަވެސް ލަދުގަންނަންޖެހޭ ޙަޤީޤަތަކީ، ރާއްޖެއަށް އުފަންވާ ކުއްޖެއްގެ މުސްތަޤްބަލު ބިނާވެފައި އޮންނަނީ، އެކުއްޖެއްގެ ޤާބިލުކަމާއި ތޫނުފިލިކަމާއި ނުވަތަ އެކުއްޖެއްގެ މަސައްކަތުގެ މައްޗަށް ނޫން ކަމަށާއި، އެހެންނަމަވެސް އެކުއްޖެއްގެ ބައްޕައަކީ ކާކުކަމާއި، ޢާއިލާގައި ސިޔާސީ ގުޅުމެއްވޭތޯއާއި، ނޫންނަމަ އެކުއްޖަކު ކިޔަވަން ބޭރަށް ފޮނުވޭހާ ތަނަވަސްކަމެއް އެކުއްޖެއްގެ އާއިލާގައިހުރިތޯ ބަލާބެލުމުގެ މައްޗަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އަންހެން ދަރިންނާއި ފިރިހެން ދަރިން، ތަފާތުކުރުމާއި މާލޭގެ މުއްސަނދިންނާއި އެހެން ރަށްރަށުގެ ފަޤީރުންނާދެމެދު ތަފާތުކުރުމާއި، ނުކުޅެދޭމީހުން ތަފާތުކުރުމަކީ، ދިވެހި މުޖްތަމަޢު އަޅާނުލައި ދޫކޮށްފައިވާ ނާއިންސާފީ ކަންތައްތަކެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ތަފާތުކުރުމާއި ނާއިންސާފީ ޢަމަލުތަކާ ކުރިމަތިވާ ކޮންމެފަހަރަކު އެކަމެއް ހުއްޓުވައި، މުޖްތަމަޢަކީ، ހުރިހާކުދިންނަށް އެކުދިންގެ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރެވޭނެ ހަމަހަމަ ފުރުސަތުތަކެއް ފޯރުވައިދޭ ތަނަކަށް ހެދުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި، މިހާރަށްވުރެ ހަމަހަމަ އަދި އިންސާފުވެރި ދިވެހިރާއްޖެއެއް އުފެއްދުމުގައި އެމަނިކުފާނާއެކު ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައިވެއެވެ.