ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކްލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލް މެޗް ބައްލަވާލައްވާ، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެެއްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ މިރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައެވެ.

މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކިންގް އޮފް ފްޓްސަލް' އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކްލަބް މޯލްޑިވްސް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލް މެޗުގައި ކުޅެފައިވަނީ ފެނަކަ ޓީމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ޓީމެވެ. އަދި މި މެޗު 2-1 އިން އެމް.ޕީ.އެލް ޓީމު ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ފެނަކަ ޓީމެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގައި 31 ޓީމުންވަނީ ބައިވެރިވެފައެވެ. އަދި ކްލަބް މޯލްޑިވްސްއިން މި މުބާރާތުގެ ތެރެއިން 'އެއިޓީން ތަރޓީ 2022' ގެ ނަމުގައި އަންހެން ޓީމުތަކަށް ފުރުޞަތު ދިނުމަށް ބޭއްވި މުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ ކްލަބް މޯލްޑިވްސް އިން އަންނަނީ އިޖުތިމާޢީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސްއިން ޕްރޮމޯޓްކުރަނީ ބްލައިންޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ކްލަބް މޯލްޑިވްސްއިން މި އަހަރު މުޅިން އަލަށް 'އެކޮއި' ޓެބެއްވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާފައެވެ. 'އެކޮއި' ގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕް 2022ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މަޢުލޫމާތުތަކެވެ.