އަބުރާ ބެހުމުގެ ކުށާބެހޭ މާއްދާތައް އުވާލުމާގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖެއަށް ތަޢުރީފްކޮށްފިއެވެ. މިގޮތުން، އ.ދ. އިން 1 ޑިސެމްބަރުގައި ނެރުނު ނޫސްބަޔާނެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުރިއަރުވައި ރައްކާތެރިކުރުމާބެހޭ އ.ދ.ގެ ޚާއްޞަ މަންދޫބު، ފްރޭންކް ލަ ރޫ ވަނީ، ރާއްޖެއިން މިނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ޤާނޫނުލް އުޤޫބާތުގެ އަބުރާބެހޭ މާއްދާތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީތީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ.

23 ނޮވެމްބަރ 2009 ވި ހޯމަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 66 ވަނަ ޖަލްސާއިން ފާސްކުރެއްވި، "ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4)އަށް 7ވަނަ އިޞްލާޙް ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު ތަޞްދީޤު ކުރައްވާފައެވެ. މި އިސްލާހުގައި އަބުރާބެހުމުގެ ކުށާބެހޭ މާއްދާތައް ވަނީ އުވާލައްވާފައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާގޮތުން ރާއްޖެ މިހާރުވަނީ 53 ދަރަޖަ ކުރިއަށް ޖެހިފައެވެ. އަދި ވޭތުވެދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީވެސް ރާއްޖެއެވެ. މިއީ، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް ހަރުދަނާކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގެންގުޅުއްވަމުން ގެންދަވާ ސިޔާސަތު ތަމްސީލުވެގެންދާ ކަމެއްވެސްމެއެވެ.