ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެޑިޔުކޭޝަނަލް އައި ރޭޑިޔޯ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފިއެވެ. އެޑިޔުކޭޝަނަލް އައި ރޭޑިޔޯއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ކޮމަންވެލްތް އޮފް ލަރނިންގއާއި، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީ ގުޅިގެން ހިންގާ މަޝްރޫޢެކެވެ.

ރާއްޖޭގެ ރަސްމީކޮށް މި އިފްތިތާޙް ކުރެވުނު އެޑިޔުކޭޝަނަލް އައި ރޭޑިޔޯޯއަކީ، އިންޓަރނެޓް މެދުވެރިކޮށް، ރާއްޖޭގެ ޓީޗަރުންނަށާއި ކިޔަވާކުދިންނަށާއި، ބެލެނިވެރިންނަށް، ތަޢުލީމީ ޕްރޮގްރާމްތައް ގެނެސްދޭ ޚިދުމަތެކެވެ.

އެޑިޔުކޭޝަނަލް އައި ރޭޑިޔޯ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެޑިޔުކޭޝަނަލް އައި ރޭޑިޔޯގެ ޚިދްމަތް ފެށުމަކީ، ރާއްޖޭގެ ތަޢުލީމީ ތަރައްޤީގައި ކަޑައްތުކުރެވޭ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ރޭޑިޔޯ މެދުވެރިކޮށް ތަޢުލީމީ ޕްރޮގްރާމްތައް ފޮނުވަން މީގެ ތިރީސް އަހަރުކުރިން ފެށިގެންގޮސް އެ ޕްރޮގްރާމްތަކުގެ ފައިދާ ޓީޗަރުންނަށް ލިބެމުން އަންނަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިއަދު މި ފެށުނު އިންޓަރނެޓް ރޭޑިޔޯ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެ ރޭޑިއޯއިން ފޮނުވާ ޕްރޮގްރާމްތައް ޝައުޤުވެރިވާ ގޮތަކަށް އުފެއްދުމާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށް އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުވައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އެޑިޔުކޭޝަނަލް އައި ރޭޑިއޯގެ ޚިދުމަތް ދެއްވުމުގައި ކޮމަންވެލްތް އޮފް ލަރނިންގއާއި، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން ފޯރުއްވައިދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތް އޮފް ލަރނިންގގެ ރައީސް ސަރ ޖޯން ޑެނިއަލްއާއި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީގެ ރައީސް އަދި ވައިސް ޗާންސެލަރ ޕްރޮފެސަރ ތާން ސްރީ އަންވަރު ޢަލީ ވާހަކަފުޅު ދެއްކެވިއެވެ.