ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އެސް. ޑޮލަރުގެ ޓްރެޜަރީ ބޮންޑް ވިއްކުން މިއަދު އިފްތިތާޙް ކުރައްވައިފިއެވެ. މިއީ ޔޫ.އެސް. ޑޮލަރުން ސެކިއުރިޓީ ބޮންޑް ރާއްޖޭގައި ވިއްކަން ފެށުނު ފުރަތަމަ ފަހަރެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރުންނާއި، ރާއްޖޭގައި ހުންނަވާ އިންޑިޔާ ހައިކޮމިޝަނަރާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު މިއެޅުއްވި ފިޔަވަޅުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ރާއްޖޭގެ ތަރައްޤީގެ މަސައްކަތަށް އެހީތެރިކަން ލިބެމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް "އެވޯޑް އެޑްވައިސް" ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އައްސަދެވެ.

މިރަސްމިއްޔާތަށްފަހު ސްޓޭޓް ބޭންކް އޮފް އިންޑިޔާއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގުޅިވަޑައިގެން ޕްރެސް ކޮންފަރެންސެއްވެސް ބޭއްވެވިއެވެ.