ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލް، ވައިސް އެޑްމިރަލް އަނިލް ކޭ ޗޯޕްރާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ވައިސް އެޑްމިރަލް އަނިލް ޗޯޕްރާ ރާއްޖެވަޑައިގެން މިއުޅުއްވަނީ އިންޑިޔާގެ ކޯސްޓްގާޑާއި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން މިމަހުގެ 1ން 4އަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް "ދޯސްތީ 10" ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކޯސްޓްގާޑާ ގުޅިގެން އިންޑިޔާ ކޯސްޓްގާޑުން ހިންގާ ތަމްރީނުތަކަކީ ރާއްޖެއަށް ވަރަށް ބޭނުން ތަމްރީނުތަކެއް ކަމަށާއި، އެފަދަ ތަމްރީން ޕްރޮގްރާމްތަކެއް ބާއްވަވައިދެއްވަމުން ގެންދަވާ ކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި އިންޑިޔާ ކޯސްޓްގާޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކަނޑުފޭރޭ މީހުންގެ ކިބައިން ރާއްޖޭގެ ރަށްތަކާއި ދަތުރުވެރިން ސަލާމަތްކުރެއްވުމަކީ ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމެއްކަމަށާއި، މިފަދަ މީހުން ދެނެގަނެ ހޯދުމުގައި އިންޑިޔާގެ ކޯސްޓްގާޑުގެ އެއްބާރުލެއްވުން ވަރަށް ބޭނުންތެރި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ވައިސް އެޑްމިރަލް އަނިލް ޗޯޕްރާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ކޯސްޓްގާޑާއި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން މިބާއްވާ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.