ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް ޕްރިންސް ވަލީދަށް މިއެރުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީ ހިނދު، ޕްރިންސް އަލްވަލީދު، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، އަދި އިސްލާމްދީނުގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށާއި، ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާ ކުރެއްވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި ޚިދްމަތްތަކަށްޓަކައެވެ.

ޕްރިންސް އަލްވަލީދަށް މި ނިޝާން އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު 11 ޖެހިއިރު މުލީއާގޭގައެވެ. މިރަސްމިއްޔާތަށް ޕްރިންސް ވަލީދުގެ ދެކަނބަލުން މުލީއާގެއަށް ވަޑައިގަތީ ހަތްކޮޅު ދަށުގައި ރަސްމީ ޢިއްޒަތުގައެވެ. އެދެކަނބަލުންނަށް މުލީއާގެއިން އޮނަރގާޑެއް އެރުވުނެވެ.

ޕްރިންސް އަލްވަލީދާއި، އަމީރާ މިރަސްމިއްޔާތަށް މުލީއާގެއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ.

ޕްރިންސް އަލްވަލީދަށް މި ޢިއްޒަތް އެރުއްވުމުގެ ކުރިން، މި ޢިއްޒަތް އެރުއްވުމަށް ނިންމެވި ސަބަބު ބަޔާންކުރައްވާފައިވާ ސައިޓޭޝަން، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު އިއްވަވައި ދެއްވިއެވެ.

ޕްރިންސް އަލްވަލީދަށް މި ޢިއްޒަތް އެރުވުމަށްފަހު މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕްރިންސް އަލްވަލީދަކީ ރާއްޖެއަށް އާ ބޭފުޅެއް ނޫން ކަމަށާއި، ވަރަށްގިނަ ފަހަރު ރާއްޖެއަށް ޒިޔަރަތް ކުރައްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނަށް މި ޢިއްޒަތް އެރުއްވުމުގެ އެއް ސަބަބަކީ، އިސްލާމީ ޤައުމުތަކުގައި ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގެނައުމަށް މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކަށް ބައްލަވާލައްވައި، ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާއެކުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތްތާނގައިވެސް ބަދަހި ކުރައވައި ތަރައްޤީ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ޕްރިންސް އަލްވަލީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ވަރަށް އޮމާންކަމާއި އަމާންކަމާއެކުގައި ބަދަލުވެގެން ދިޔައީތީ އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފް ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޕްރިންސް އަލްވަލީދުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި މިކަމަށް ދުނިޔޭގެ ހޭލުންތެރިކަން އުފެއްދެވުމަށް ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައްވެސް ފާހަގަކުރެއްވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ދިވެހި ދައުލަތުން މީގެކުރިން 15 ބޭފުޅަކަށް އަރުވާފައިވެއެވެ. 15 މާޗް 1972ގައި މި ޢިއްޒަތް ރައީސް އިބްރާހީމް ނާޞިރު، ޑިއުކް އޮފް އެޑިމްބަރާއަށާއި، އާރލް މައުންޓް ބެޓްންއަށް އަރުވާފައިވެއެވެ. އަދި 30 އޮކްޓޯބަރ 1984ގައި މި ޢިއްޒަތް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޗުންޑޫ ހުވާނަށާއި، 16 ނޮވެމްބަރ 1989ގައި މި ޢިއްޒަތް ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސަރ ޝްރީދަތު ރާމްފާލަށް އަރުވާފައިވެއެވެ. އަދި 10 ނޮވެމްބަރ 2008ގައި މި ޢިއްޒަތް އިތުރު 11 ބޭފުޅަކަށްވެސް އަރުވާފައިވެއެވެ. އެބޭފުޅުންނަކީ އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަލްފާޟިލް ޢަލީ ޢުމަރު މަނިކު، އަލްފާޟިލް ޢުމަރު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ޖަމީލު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަލްފާޟިލް އަޙްމަދު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން އަދި ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމެވެ.