ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީވެސް ވަޑައިގެންނެވިއެވެ. ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާ އޮތީ ނޮވެމްބަރ މަހުގެ 27ން 29އަށް ވެރިރަށް ޕޯޓް އޮފް ސްޕޭންގައެވެ.

ތިމާވެށީގެ ދާއިރާގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅުންނަށް ކޮމަންވެލްތް ޖަލްސާގެ ތެރެއިން ލިބިވަޑައިގެންނެވި ފުރުޞަތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ކޯޕަންހޭގަންގައި ބޭއްވޭ ޖަލްސާއިން މުހިންމު ނަތީޖާއެއް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލެއްވިއެވެ. އަދި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ފަދަ ބޭފުޅުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.