ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސިވިލާތުގެ ތަޙުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެޤައުމުގައި އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފިއެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ ދެ މެސެޖު ލިޔުއްވާފައިވެއެވެ. މި ދެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 ވަނަ އަށާއި، ޝާހީ ޢާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތް ބޭފުޅުންނާއެކު، އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި، ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިޔުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އެކަމަނާ ވަނީ މި ދަތުރުފުޅުގައި ވަޑައިގެންނެވުމުގެ ކުރިން، އެކަމަނާގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުމުން، އިނގިރޭސި ރާނީގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާކަން ފާހަގަކުރައްވަމުން، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ޤައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި 2022 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.