ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަކީ، ވަރަށް ޤާބިލު، ކުޅަދާނަ ބޭފުޅެއް ކަމަށް ކޮމަންވެލްތުގެ މި ދައުރުގެ ރައީސް ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ބޮޑުވަޒީރު ޕެޓްރިކް މެނިންގ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕޭންގައި އިއްޔެ ފެށުނު ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސް ވެރިންގެ ޖަލްސާގައި ތަޤްރީރު ކުރައްވަމުންނެވެ. ބޮޑުވަޒީރު ޕެޓްރިކް މެނިންގގެ ވާހަކަފުޅުގައި، ރައީސް ނަޝީދު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާކަމީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރު ސެޕްޓެމްބަރމަހު ޔޫ.އެން.ގައި ބޭއްވުނު ތިމާވެށްޓާބެހޭ ޖަލްސާތަކުން އޭނާއާ ބައްދަލުވެވަޑައިގެންނެވި ޒުވާން ރައީސް ނަޝީދަކީ، ވަރަށް ހުޝިޔާރު، ޤާބިލް ބޭފުޅެއްކަން ފާހަގަކުރެއްވުނު ކަމުގައިވެސް ބޮޑުވަޒީރު ޕެޓްރިކް މެނިންގ ވިދާޅުވިއެވެ. މި މޭރުމުން ޕެޓްރިކް މެނިންގ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާ ފެށުނީ އިއްޔެއެވެ. މި ޖަލްސާ އިފްތިތާޙް ކޮށްދެއްވީ ކޮމަންވެލްތްގެ ވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އިލިޒަބަތު ދެވަނައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑާއި، އަދި ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.