ޖިނާއީ އިޖްރާތުގެ ގަވާއިދަށް ޢަމަލުކުރުން ހުއްޓާލާފައިވުމުގެ ސަބަބުން، އެތައް ބައެއްގެ ޙައްޤުތަކަށް މިދަނީ ގެއްލުންވަމުން ކަމަށާއި، މި ޤާނޫނީ ދައުލަތް ހިންގުމަށްވެސް މިވަނީ ވަރަށްބޮޑަށް ދަތިވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު 10 ޖެހިއިރު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައެވެ.

ޖިނާއީ މައްސަލަތައް ލަސްނުކޮށް ތަޙުޤީޤުކޮށް، ދަޢުވާ އުފުލައި، އަދި އެކަށީގެންވާ މުއްދަތެއްގައި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމަށް ބޭނުންވާ ގަވާއިދެއް ކަމުގައިވާ ޖިނާއީ އިޖުރާތުގެ ގަވާއިދަކީ، 5 އޯގަސްޓް 2008 ދުވަހު ތަޞްދީޤުކުރެވިފައިވާ ޤާނޫނު ނަންބަރު 2008/6، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ބާރުލިބިފައިވާ ގަވާއިދެއް ކަމަށްވީނަމަވެސް، މިގަވާއިދަށް ޢަމަލުކުރަންޖެހޭ ފަރާތްތައް ކަމަށްވާ، ތަޙުޤީޤުކުރާ ފަރާތްތަކާއި، ދަޢުވާކުރާ ފަރާތްތަކާއި، ޝަރީޢަތް ހިންގާ ފަރާތުން މިގަވާއިދަށް ޢަމަލުކުރަމަކުން ނުދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަށް ޢަމަލުކުރުމަކީ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށްވެސް ލާޒިމުކަމެއްކަމަށް ވީހިނދު، އެ ގަވާއިދަށް ޢަމަލު ނުކުރުމަށް ކޯޓަކުން އިދާރީގޮތުން ނިންމުމަކީ، ޤައުމެއްގައި ޤާނޫނީ ވެރިކަމެއް ދަމަހައްޓަން ދަތިވެ ޤާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް. އަދި ޖިނާއީ ޢަދުލުގެ ނިޒާމާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ކުޑަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމަށް އެޅޭ ހުރަހަކަށްވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ދައުލަތުގެ މުއައްސަސާތަކުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށްވުމާއެކު، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ އެ މާއްދާގެ (ނ) ގެ ދަށުން އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް އަނެއް މީހާއާ ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ، ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށް ޤާނޫނުއަސާސީ ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ނުކުތާތައް މިފާހަގަކުރައްވަނީ، ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ މައްސަލަތަކުގެ ތުހުމަތުކުރެވި ތަޙުޤީޤު ކުރެވެމުންދާތީއާއި، އޭގެތެރެއިން ދައުލަތުގެ ޢިއްޒަތްތެރިއަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ދަޢުވާ އުފުލިފައިވާތީ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އެފަރާތްތަކަށް ޤާނޫނުއަސާސީ ލިބިދީފައިވާ ޙައްޤުތައް ލިބިދެވެންޖެހޭނެ ކަމަށާއި، ކުށެއް ސާބިތުވުމުގެ ކުރިން، އެމީހުންގެ މައްޗަށް އޮންނަ ޤަދަރާއި ޢިއްޒަތް ކިލަނބުވެގެން ނުވާނެ ކަމަށާއި، ކުށެއްގެ ތުހުމަތުކުރެވޭ ހަމަ ކޮންމެ މީހަކަށް މި ޙައްޤުތައް ލިބިގެންވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ 2010 ވަނަ އަހަރުގެ ބަޖެޓަކީ، މީގެ ކުރީއަހަރުތަކުގެ ބަޖެޓާ ވަރަށް ތަފާތު ބަޖެޓެއް ކަމަށާއި، ބަޖެޓު އެކުލަވާލާފައި އޮތްގޮތާއި، ބަޖެޓު އަތުރާލެވިފައިވާގޮތާއި އަދި ބަޖެޓު ހުށަހެޅޭގޮތާ، މި ހުރިހާކަމެއްވެސް ކުރީއަހަރުތަކާ އަޅާބަލާއިރު، ވަރަށްބޮޑަށް ތަފާތުވާނެކަމުގައި ވިދާޅުވިއެވެ. މި ބަޖެޓުގެ އެންމެ މައިގަނޑު އެއް އަމާޒަކީ، މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިފަހަރުގެ ބަޖެޓަކީ، ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަމާއި ތަރައްޤީ މަގުފަހިކޮށްދޭނެ ބަޖެޓެއް ކަމަށާއި، މުދަލާއި ޚިދުމަތުގެ އަގު ދަށްކޮށްދޭނެ ބަޖެޓެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިބަޖެޓުގެ ނަތީޖާ ކުރިއަށް މިއޮތް އަހަރުގެ ފުރަތަމަ ތިން ހަތަރު މަހެއްގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ޖަލްސާއަކީ، ވަރަށް ކާމިޔާބު ޖަލްސާއަކަށްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޖަލްސާގެ ޢާންމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެމަނިކުފާނު އިންޓަރވެންޝަނެއް ހައްދަވާނެ ކަމަށާއި، އެއީ، ޖަލްސާގެ މައިގަނޑު ނިންމުންތަކުގެ ތެރެއަށް، ދިވެހިރާއްޖެއާއި ދުނިޔެ ހޫނުވުމާ ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެ ދެކޭގޮތް، އަލުން އަނބުރާ އާރޫޙަކާއެކީގައި ހިމަނުއްވައި ދެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް.ވަން.އެން.ވަން.ގެ ރޯގާގެ މައްޗަށް ރައީސުލްޖުމްހުރިއްޔާ ބައްލަވާލައްވަމުން، ރަނގަޅަށް ބަލައިގެން އުޅުނީމާ މިރޯގާއަކީ، އަޅުގަނޑުމެންނަށް އެއިން ޝިފާއެއް ނުވަތަ ފަރުވާއެއް ނުލިބޭ ބާވަތުގެ ރޯގާއެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި އަޅުގަނޑުމެން ކަންބޮޑުވެ ހާސްކަމުގެ ތެރެއަށް ވެއްޓުމަށްވުރެ، ރިވެތި ގޮތުގައި ވިސްނުންތެރިކަމާއެކީގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔައިމާ، އިރާދަކުރެއްވިއްޔާ މިރޯގާއިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރމަހުގެ 25ވަނަ ދުވަހަކީ، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އ.ދ.އިން ފާހަގަކުރަމުން އަންނަ ދުވަސްކަމަށްވުމާއެކު، މިދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރ 25ން ފެށިގެން ޑިސެމްބަރ 10ގެ ނިޔަލަށް އ.ދ.އިން 16 ދުވަހުގެ ކެމްޕޭނެއް ހިންގަމުންގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައިވެސް މި 16 ދުވަހުގެ ކެމްޕޭނުގެ ތެރޭގައި ތަފާތު ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިކަމާ ގުޅޭގޮތުން އިއްޔެނޫން އިހަށް ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި އިޤްރާރުވެ ސޮއިކުރެވި، ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޤަދަރާއި، ދިވެހިރާއްޖޭގެ ޢިއްޒަތާއި، ދިވެހީންނަކީ ކޮބައިކަން ބޭރު ދުނިޔޭގެ ރައްޔިތުންނަށް ވަރަށްބޮޑަށް ސާފުވެގެންދާނެ ނިންމެވުމެއް ކަމުގައި ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއަކީ، ރާއްޖޭގައި ހިނގާ ކަމެއްކަން މުޖުތަމަޢު ޤަބޫލުކުރުމަކީ ދަތިކަމަކަށްވީނަމަވެސް، 2006ވަނަ އަހަރު ރާއްޖޭގައި ހަދާފައިވާ ސަރވޭއަކުން ގޭތެރޭގެ އަނިޔާއާއި، ބައިވެރިޔާގެ ފަރާތުން ލިބޭ ޖިސްމާނީ ޖިންސީ އަދި ނަފްސާނީ އަނިޔާ ލިބޭ ހަތާވީސްހާސް އަންހެނުން ތިބި ކަމަށް އެބަ އަންދާޒާ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމާ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ވަރަށް ދެރަފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ. މިހާ ގިނަ އަދަދެއްގެ އަންހެނުންނަށް މިހާ ބޮޑު ބަދުނަސީބެއްގައި، ދައްޗެއްގައި އެމީހުންގެ ދިރިއުޅުން އާރާސްތު ކުރަމުން ގެންދަން ޖެހޭކަން ހިތާމައާއެކު ފާހަގަކުރައްވަމުން، އަނިޔާއެއް ލިބޭނަމަ އެކަން ފޮރުއްވަވައިގެން ނުތިއްބެވުމަށް ރާއްޖޭގެ އަންހެނުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ މިމައްސަލަތައް ޙައްލު ކުރެއްވުމަށް ވެވަޑައިގެންނެވި މިންވަރަކުން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.