ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދެމެންބަރުން ކަމަށްވާ އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައި ހުންނަވާ މެންބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަކީ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ހ)ގެދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންސާފުވެރި ޝަރީޢަތެއް ޤާޢިމު ކުރުމަށާއި، މީހުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ޤާނޫނުއަސާސީގެ ވަރަށްގިނަ މާއްދާތައް ބާރުއަޅާ ކަމުގައިވެސް ވިދާޅުވިއެވެ. މިގޮތުން ޖިނާއީ އިޖުރާތުގެ ގަވާއިދަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުން ބާރުލިބިދީފައިވާ ގަވާއިދެއް ކަމަށް ވިދާޅުވެ، އެހެންނަމަވެސް، މިގަވާއިދަށް ކޯޓުތަކުން މިހާތަނަށްވެސް ޢަމަލުކޮށްފައިނުވާކަން ފާހަގަކުރެއްވިއެވެ. މިކަން ފާހަގަކުރައްވާ މައިގަނޑު ސަބަބަކީ، ދައުލަތުގެ ޢިއްޒަތްތެރިންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވި ކޯޓުގައި މިހާރު ދަޢުވާ އުފުލިފައިވުމާއެކު، ކުށުގެ ތުހުމަތުގައި ހުންނަ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ޙިމާޔަތް ލިބިދޭ އުޞޫލުން މިބޭފުޅުންނަށްވެސް ޙިމާޔަތް ދެއްވަން ޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރައްވާ މަސައްކަތްތަކުގެ މަޢްލޫމާތު، ޢާންމުންނަށް ވީހާވެސް ބޮޑަކަށް އެނގުން މުހިންމު ކަމަށް ވިދާޅުވެ، އެކޮމިޝަންގެ މަސައްކަތްތައް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ގެންގޮސްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.