ޤައުމަށްބޭނުންވާފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކާއި ހަވާލުވެފައިވާ ޒިންމާއާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށާއި، އެކުދިންނާއި މެދު ޤައުމުވެސް ފޮނިއުއްމީދުތަކެއް ކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ އަދި މުޖުތަމަޢަށް އަހުލުވެރިވެފައިވާ އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށާއި އެކަން ކުރެވެން އޮތީ މުޅި މުޖުތަމަޢަށް އޮތް ޒިންމާއަދާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރިވެތި އަޚުލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަޚުލާޤާއި ރިވެތި ބަސްތަކުން މީހުންނާއި މުޚާތަބު ކުރެވޭ މަންޒަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ސްކޫލު ނިސްބަތްވާ، އަހުމަދު ކާމިލްދީދީގެ ޙަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނަކީ ތަޢުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.