ކެޑޭޓް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިވަފްދުގައި ހިމެނިވަޑައިގަންނަވަނީ ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިޔާގެ ކެޑޭޓުންނާއި އޮފިސަރުންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަފްދުގެ ބޭފުޅުން ރާއްޖެ މި ކުރައްވާ ޒިޔާރަތަކީ، އެހެން ޤައުމުތަކުގެ ކެޑޭޓުންނާ ބައްދަލުކުރައްވައި، ޤައުމުތަކުގެ އާދަކާދައާއި ޘަގާފަތާބެހޭ މަޢްލޫމާތު ހޯއްދެވުމަށް ލިބިވަޑައިގަންނަވާ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި، ރަށްތަކުގެ ނާޒުކުކަމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން މި ދަތުރުން އެނގިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ، ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެއްވުނު ކަމެއް ކަމަށާއި، ދިވެހިން ބަހައްޓާ ގާތްކަމާއި މެހްމާންދާރީ މިދަތުރުން ވަރަށް ބޮޑަށް ފެނިވަޑައިގެންފި ކަމުގައި ވިދާޅުވިއެވެ.

މިބައްފަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.