މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެގޮތުން ބާއްވަވާ ބައްދަލުކުރެއްވުން އަންނަ ސެޕްޓެންބަރުމަހުގެ 5 ވާ ހޯމަ ދުވަހަށް ފަސްކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވަވާގޮތަށް ކުރިން ހަމަޖެއްސެވީ ސެޕްޓެންބަރުމަހުގެ 1 ވާ ބުރާސްފަތި ދުވަހުއެވެ.

މި ދެންނެވި ބައްދަލުވުން އޮންނާނީ، އެ ދުވަހުގެ މެންދުރުފަހު 2:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި، އޮންލައިންކޮށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުއްވައިލައްވައިފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށްޓަކައި
"ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" ޖެއްސެވުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.