ރަށްކުރިއަރުވާ ކޮމިޓީތަކަކީ ޞައްޙަ ކޮމިޓީތަކަކަށްނުވާތީ، އެކޮމިޓީތަކުގެ ދަށުގައި މިހާރު ހުރި އިންޖީނުގެތަކަށް ޝަރުޢީ ބަދަލު ދެއްވުމަށްފަހު، އެ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިމައްސަލައާ ބެހޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކަކީ، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައްވައި 8 އޭޕްރީލް 1999ގައި ޢަމަލުކުރައްވަން ފެށްޓެވި "ރަށްކުރިއަރުވާ ކޮމިޓީގެ ގަވާއިދު"ގެ ދަށުން އުފެދިފައިވާ ކޮމިޓީތަކެކެވެ. 2008 އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ތަޞްދީޤު ކުރައްވައި ޢަމަލު ކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ބާރުލިބިފައިވާ ގަވާއިދަކަށް މެނުވީ ޤާނޫނީ ޙައިސިއްޔަތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ރައްޔިތުންގެ މަޖިލީހުގެ ވަކި ޤާނޫނަކުން ބާރު ނުލިބި، އޭގެ ކުރިން ޢަމަލު ކުރަމުން އައި ގަވާއިދުތައް، އާ ޤާނޫނުއަސާސީގެ ދަށުން ބާޠިލުވާނެތީވެ، ދިވެހިރާއްޖޭގައި އެ އުޞޫލުން ޤާނޫނީ ބާރު ނުލިބިހުރި ހުރިހާ ޢާންމު ގަވާއިދުތަކަށް، ޤާނޫނީ ބާރު ލިބިދިނުމުގެ ގޮތުން، ޤާނޫނު ނަންބަރު 2008/6، "ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު" ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީއެވެ. މިޤާނޫނުގެ ދެ ޖަދުވަލުގައި މިޤާނޫނުގެ ދަށުން ބާރު ލިބިދޭ ގަވާއިދުތައް ހިމަނާފައިވާއިރު "ރަށްކުރިއަރުވާ ކޮމިޓީގެ ގަވާއިދު" މިޤާނޫނުގައި ހިމަނާފައެއް ނުވެއެވެ.

މިހެން މިކަން އޮތުމާއެކު، ރަށްކުރިއަރުވާ ކޮމިޓީގެ ގަވާއިދަކީ މިހާރު ޢަމަލުކުރަމުންގެންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޤާނޫނީ ޙައިސިއްޔަތު ލިބިފައިވާ ގަވާއިދަކަށް ނުވާތީއާއި، އަދި އެކޮމިޓީތަކަކީ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ލިބިގެންނުވާ ކޮމިޓީތަކެއްކަމަށް ޝަރުޢީ ކޯޓުން ނިންމަވާފައިވާތީ، ރަށްކުރިއަރުވާ ކޮމިޓީތަކަކީ ޞައްޙަ ކޮމިޓީތަކަކަށްނުވާތީ، އެކޮމިޓީތަކުގެ ދަށުގައި މިހާރު ހުރި އިންޖީނުގެތަކަށް ޝަރުޢީ ބަދަލު ދެއްވުމަށްފަހު އެ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީއެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިޚާބުތައް ބޭއްވެންދެން، ރަށު ކައުންސިލަރުންނަށް ލަފާ ބޭނުންވާ ކަންކަމުގައި ލަފާދޭނެ ކޮމިޓީއެއް އެކުލަވާލެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަތުރުވެރިކަމުގެ އިޤްތިޞާދީ ފައިދާ އަތޮޅުތަކުގެ ރައްޔިތުންނަށް ސީދާގޮތުން ލިބިދިނުމަށް ޓޫރިސްޓް ވިލެޖް ކޮންސެޕްޓާ އެއްގޮތަށް ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީ ކުރެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން އެކުލަވާލައްވާފައިވާ ގަވާއިދާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި، މީހުން ދިރިއުޅޭ ރަށްރަށުގައި މިގަވާއިދުގެ ދަށުން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެއްވުމަށް ނިންމަވައި، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައި މިގަވާއިދަށް ޢަމަލު ކުރައްވަން ފެށްޓެވުމަށްވެސް ނިންމެވިއެވެ.