ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮލެޖް ކައުންސިލްގެ ރައީސާގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މި މަގާމަށް ހަމަޖެއްސެވީ، ހެންވޭރު މަންދުއެދުރުގޭ ޑޮކްޓަރ ރަޝީދާ މުޙަންމަދުދީދީއެވެ.

ޑޮކްޓަރ ރަޝީދާ މުޙަންމަދުދީދީއަކީ، އެމެރިކާގެ ޓެމްޕްލް ޔުނިވަރސިޓީއިން ޕޮލިޓިކަލް ސައެންސްގެ ރޮނގުން ޕީ.އެޗް.ޑީ. ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ ލައިބީރިއާގައި ހުންނަ އ.ދ. މިޝަންގެ ކަންޓްރީ ކޯޑިނޭޓަރ އަދި ސިވިލް އެފެއާޒް އޮފިސަރ ކަމުގެ މަގާމާއި، ޖޮއިންޓް އޮފީސް ފޮރ ކޮމަންވެލްތް ޕާރމަނަންޓް މިޝަންސް ޓު ދަ ޔޫ.އެން.ގެ އެގްޒެކެޓިވް އޮފިސަރ ފޮރ ރިސަރޗް އެންޑް ޑޮކިއުމެންޓޭޝަން ކަމުގެ މަގާމު ފުރައްވާފައެވެ.

ޑޮކްޓަރ ރަޝީދާ މުޙަންމަދުދީދީއަކީ، އަމީނިއްޔާ ސްކޫލްގެ ހިސްޓްރީ ޓީޗަރުކަމުގެ މަގާމާއި، އެ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމާއި، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ހިސްޓްރީ ޓީޗަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުން ހިންގެވި ހެޑްމާސްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައިވެސް ކިޔަވާދެއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އަންހެނުންގެ ޤައުމީ މަޖިލީހުގެ މެންބަރުކަންވެސް އޭނާވަނީ ކުރައްވާފައެވެ.