އޮމާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޝައިޚް ޙުމައިދް ބިން ޢަލީ އަލް-މާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އޮމާން ސަފީރާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި އޮމާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާއާއި ސަފީރާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޮމާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، އޮމާން އެއަރ މިހާރު ރާއްޖެއަށް އުދެހެން ފަށާފައިވާކަން ފާހަގަކުރައްވަމުން، މިކަމަކީ ރާއްޖެއާއި އޮމާނާ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމަށް އެޅިފައިވާ ރަނގަޅު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ތަޖުރިބާ ޙިއްޞާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ސަފީރު ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދު ގުޅުން ފުޅާކުރެއްވުމަށް ސަފީރު މަސައްކަތް ކުރައްވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މަސްވެރިކަމުގެ ދާއިރާގައި އޮމާންއަކީ ވަރަށް ކުރިއަރާފައިވާ ޤައުމެއްކަމަށް ވިދާޅުވެ، މިދާއިރާގައި އޮމާނާއެކު ގުޅުން ފުޅާކުރެއްވުމުގެ ޝައުޤުވެރިކަން ހާމަކުރެއްވިއެވެ.