ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމުގެ މަގާމަށް މިއަދު ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މިމަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވީ ވ. ވިއަރެސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ.

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު މެންދުރެއްހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމުގައި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ހުންނަވައިގެން، ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް، ހެޔޮގޮތުގައި ހަރުދަނާކަމާއެކު ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކޮމިޝަނުގައި މިހާތަނަށް ޙުސައިން ރަޝީދު އަޙްމަދު ކޮށްދެއްވި ޚިދްމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.