ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ އާއި ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިހުރި މަޝްރޫޢުތަކާއިގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު، މ.މަޑުއްވަރީ ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، ސަރުކާރުން މަޑުއްވަރީގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޑުއްވަރިއަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ދަތިތަކާއި ގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވަނީ މިބައްދަލުވުމުގައި ދައްކާފައެވެ. މިގޮތުން މަޑުއްވަރީގެ ބަނދަރުގައި ނިވާކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ދެ މޫސުމަށް އުދައެރުމާއި، ރަށްގިރުމާއި، ކުނީގެ މައްސަލަ އާއި ޒުވާނުންގެ މަރުކަޒެއް ނެތުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.

މިބައްދަލުވުމުގައިވެސް އެންމެ ބޮޑަށް މަޝްވަރާކުރެވިފައި ވަނީ، މަޑުއްވަރީގެ ބަނދަރާއި ގުޅޭ ގޮތުންނެވެ. މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާއި މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުމުންނެވެ. އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދޭނީ މަޑުއްވަރީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ
މަޑުއްވަރީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާނަރުދަމާގެ މަސައްކަތް ހިމެނެއެވެ.

މަޑުއްވަރީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މ.މަޑުއްވަރީއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މުލަކަތޮޅުގެ 5 ރަށަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަންނަވާނީ މ ދިއްގަރަށެވެ.