ރާއްޖޭގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމާގުޅޭ ލިޔެކިޔުންތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބެލޭނެ ގޮތެއް ހަމަޖެއްސެވުމަށް ސަރުކާރުން ބައްލަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އޭރުން އެވެރިކަމުގައިވެސް ކަން ހިންގާފައި އޮތްގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށާއި، ރައީސް ނާޞިރު ވެރިކަން ކުރައްވާފައިވާ ގޮތާއި، ބައެއް ކަން ކަމުގައި އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުންތައް ނިންމަވާފައިވާ ގޮތް އޭރުން އެނގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި މިމަހުގެ 22ވަނަ ދުވަހަކީ، ރާއްޖޭގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު، އަވަހާރަވިތާ އެއްއަހަރުފުރޭ ދުވަސް ކަމަށް ވުމާއެކު، އެމަނިކުފާނުގެ ޒިކުރާ އާކުރައްވައި އެމަނިކުފާނު ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިޔާސީ ކަންކަމުގަޔާއި ދިވެހި ވެރިކަމާގުޅޭ ކަންކަމުގަޔާއި، ޤައުމިއްޔަތު ބިނާކުރުމުގެ ކަންކަމުގައި އިބްރާހީމް ނާޞިރު އަދާކުރެއްވި ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އިބްރާހީމް ނާޞިރާ ގުޅޭގޮތުން މިދިޔަ 30 އަހަރު ވަރަށްގިނަ ގޮތްގޮތަށް ވާހަކަދެކެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވާފައިވާ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަންވެސް އޮޅޭ މިންވަރަށް އެކި ގޮތަށް ވާހަކަދެކެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް ނާޞިރުގެ މުދަލަށާއި ޤަދަރާއި ޢިއްޒަތަށްވެސް ވަނީ ވަރަށްބޮޑަށް އަރާގަނެވިފައިވާ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން، ރައީސް އިބްރާހީމް ނާޞިރުގެ މުދަލަށް އަރައިގަނެވިފައިވާ ކަމަށް މިވިދާޅުވީ، އެމަނިކުފާނު އުޅުއްވި ގެ "ވެލާނާގެ" ދަޢުލަތަށް ނަންގަވާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޭގައި ސަރުކާރުގެ ވަރަށްބޮޑު ޢިމާރާތެއް މިހާރު ބިނާކުރެވިފައިވާ ކަމަށް ވިދާޅުވެ، ވެލާނާގެއަކީ ޤަދީމީ ގޮތުންވެސް ވެލާނާގޭ ބޭފުޅުންގެ ގެކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ ޤަދީމީ، ދުވަސްވީ، އެންމެ އާސާރީ ޢާއިލާއަކީވެސް ވެލާނާގޭ ޢާއިލާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވެލާނާގޭގައި މިހާރު ބިނާކުރެވިފައިވާ ޢިމާރާތް ހުޅުވޭ ދުވަހު އިބްރާހީމް ނާޞިރުގެ ނަންފުޅުގައި އެ ޢިމާރާތް ފާހަގަކުރެވޭތޯ ބެއްލެވުމަކީ ވަރަށްބޮޑު ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ޤާއިމުކުރުން މަނާކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅި، ބަޙުޘް ހިނގަމުންދާތީ، އެކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ވަރަށް ސާފު ކަމަށާއި، އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް، އެއްވެސް ޤަވާއިދެއް މިރާއްޖެއަކު ނުހެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އެހެން ދީންތަކަށް އަޅުކަން ކުރަން ބޭނުންވާ އެހެން ދީންތަކުގެ ބިދޭސީން އެކަމުން މަޙްރޫމް ކުރުމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތް ދެކޭގޮތް އޮޅުންފިލުވުމަކީ މިވަގުތު ވަރަށްބޮޑަށް ބޭނުންފުޅުވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރައްވައި ތަސްދީޤު ކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އަންނަ ހިނދު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮންނާނެ ސުވާލަކީ، އެހެން ދީންތަކަށް އަޅުކަން ކުރުމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަނީ ކޮން ޙުކުމެއްތޯ ކޮންގޮތެއްތޯ މިސުވާލު ކަމަށާއި، އެހިނދު މި ސުވާލަށް އެމަނިކުފާނަށް ޖަވާބެއް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ޖަވާބަކަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގައި ތިއްބެވި ދީނީ ދަންނަ ބޭކަލުންނާ އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވުންވެސް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެބިލު ޤާނޫނަކަށްވެގެން އަންނައިރުގައި ތަޞްދީޤު ކުރެއްވުމުގައި ގޮތެއް ނިންމަވަން ފަސޭހަފުޅުވާނީ އޭރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު މިހާރު ހުންނެވީ ޗުއްޓީއެއްގައި ކަމަށްވިޔަސް، ރޭޑިޔޯ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނަށް މިލިބިވަޑައިގަންނަވާ ފުރުސަތަކީ ދޫކޮށްލެއްވުން ރަނގަޅު ފުރުސަތެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު އެމަނިކުފާނު މިދެއްވާ ރޭޑިޔޯ ޚިޠާބު މިގޮތަށް މެދުނުކެނޑި ފޮނުއްވުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.