ޢީދުގެ އުފާ ފާޅުކުރާއިރު، މިއަދު އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މިފަދަ ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެން އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުޞަތެއްކަމުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެން އިލްހާމް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށާއި، މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަޤީންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، މި ބަރަކާތްތެރި ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.