ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް އެ ޤާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފައެވެ. އަދި، މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އާއި، 56 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނެސް، މި ޤާނޫނުގެ 71 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ތިން އަކުރު ވަނީ އިތުރުކޮށްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނު ތަޞްދީޤުކުރުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ޢަމަލުކުރަންފެށިފައެވެ.