ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.