ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފާދިއްޕޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ޅ. މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުން ހިމެނެއެވެ. މީގެ އިތުރުން ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ހުޅުވައިދެއްވާނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.