ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު، މިދިޔަ އަހަރު ޙާޞިލު ކުރެއްވި މާލެއަތޮޅު ތުލުސްދޫ އިޔުރިޝް، އިބްރާހީމް ރައޫފް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން،
އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ، މިއަދު އާސަހަރާއަށް ވަޑައިގެން، އިބްރާހީމް ރައޫފްގެ މޫނު ދެކެވަޑައިގެން، އިބްރާހީމް ރައޫފްގެ އަނބިކަނބަލުން ޢިނާޔާ މޫސާއާއި، ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައެވެ.

އިބްރާހީމް ރައޫފް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 59 އަހަރެވެ.

އިބްރާހީމް ރައޫފަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވީ، މިދިޔަ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، 26 ޑިސެންބަރު 2021 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފަކީ، 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހީމް ރައޫފް، މާލެއަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު،
ދެ ދައުރު ފުރިހަމަކުރައްވައި، ތިންވަނަ ދައުރުގައި ރައީސްކަންވެސް ކުރައްވާފައިވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 12 ސެޕްޓެންބަރު 1982 ގައެވެ. އަތޮޅުއޮފީހުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 13 އޮގަސްޓު 1984 ގައެވެ. ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ކ. އަތޮޅުއޮފީހުގެ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ހިމެނެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފަކީ، އަތޮޅުގެ ތަރައްޤީއަށާއި ކުރިއެރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެކިއެކި މުބާރާތްތައް ބޭއްވެވުމުގައްޔާއި، ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް މޮނިޓަރ ކުރެއްވުމުގައްޔާއި، ރަށްރަށުގައި އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، ޤާނޫނުތަކަށް އަހުލުވެރިކުރުވުންފަދަ ގިނަ މަސައްކަތްތަކެއް ވަރަށް ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު އިބްރާހީމް ރައޫފް އިސްނަންގަވައިގެން ކުރައްވާފައިވެއެވެ.