ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީބަޔާން އިއްވަވައިފި

  • މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ސިޔާސަތު.
  • ސަރުކާރުން މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެއްވައި، ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުޙަލާގައި މިހާރުވެސް އެބަ ކުރިޔަށްގެންދޭ.
  • 17 ރަށަކާއި 3 ސިޓީއެއްގައި 240 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ހިނގަމުން.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައި ވަނީ މިއަދު ހެނދުނު 9 ޖެހިއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި އެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދިން އެއް ސިޔާސަތު ކަމުގައެވެ. އެގޮތުން، އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުން އެތައް ރަށެއްގައި ކުރިޔަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނުގެ ނަމުގައާއި ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގައި "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" މިއަހަރު ކުރިއަށް ގެންދެވޭނެކަމުގައެވެ. އަދި، ޒަމާނީ އައު މިސްކިތްތައް ބިނާކުރުން މި އަހަރުވެސް ކުރިޔަށްދާނެކަމަށާއި ޙައްޖާއި ޢުމްރާއާއި، ވަޤްފުގެ ކަންކަމާ އަދި ޒަކާތާ ބެހޭ ޤާނޫނުތައް އެކުލަވާލައި މިއަހަރު މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމަށް އަލިއަޅުވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންނާއި ބިދޭސީންގެ މެދުގައި ތަފާތުނުކޮށް މުޅިރާއްޖެއަށް ވެކްސިން ފޯރުކޮށްދެވިފައިވާކަމާއި އަދި، ބޫސްޓަރ ވެކްސިން ޖެހުމަށް ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ވެކްސިން ޖެހުމުގައި ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ކާމިޔާބީއެއް ރާއްޖެއިން ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ވީ ވަޢުދާ އެއްގޮތަށް، މިނިމަމް ވޭޖް ކަނޑައަޅައި ހުރިހާ ސިނާޢަތެއްގެ މަސައްކަތްތެރިންނަށް އޭގެ ފައިދާ ހޯދައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒުކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ 5 ސަރަޙައްދުގައި ތަރައްޤީކުރާ 5 ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ ތަފްޞީލުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އައު ޚިދުމަތްތައް ތަޢާރަފުކޮށް، އަދި މިހާރުވެސް އެތައް ސްޕެޝަލިޓީ ޚިދުމަތެއް މި ހޮސްޕިޓަލްތަކުގައި ފަށައި ފޯރުކޮށްދެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ގެންގުޅޭ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މިއަދުގެ ވިސްނުމަކީ ހިންގާ މަޝްރޫޢުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކާ ކުރާ ކަންކަމުގެ ބަދަލުގައި، ދިރި އުޅުމުގެ މަގު ކޮށާ އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުންކަމުގައެވެ.

މި ސަރުކާރުން މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެއްވައި ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުޙަލާގައި މިހާރުވެސް ކުރިޔަށްދެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެންމެ ފަހު ކޮންޓްރެކްޓް ތަކުގައި މިދިޔަ އަހަރު ނިމެނިކޮށް ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައެވެ. މަގު ހެދުމަށް ބަލާއިރު 17 ރަށަކާ 3 ސިޓީއެއްގައި 240 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ހިނގަމުންދެއެވެ.

އިންޖީނުގެތައް އެޅުމާއި ކަރަންޓުގެ ފެންވަރު މަތިކޮށް ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓްގެ ޖުމްލަ ކެޕޭސިޓީ ހިނގާދިޔަ 3 އަހަރުގެ ތެރޭގައި ދެގުނަ ކުރެވިފައިވާކަމުގައެވެ.

އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގެ ގޮތުން އަވިން ކަރަންޓް އުފައްދާ ނިޒާމުގެ ޒަރީއާއިން ޖުމްލަ 128 ރަށެއްގައި 36.5 މެގަވޮޓްގެ ކަރަންޓު މިހާރު އުފައްދަމުންގެންދެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހޯމްސޯލާ ޕްރޮގްރާމް ގެ ދަށުން މަދުވެގެން 1000 ގޭބިސީގެ ފުރާޅު މިއަހަރުގެ ތެރޭގައި މިނިޒާމުގެ ތެރެއަށް ގެނައުންކަމުގައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ މިދިޔަ އަހަރު ސަރުކާރުން އެކި ދާއިރާތަކުން ހޯދި ކުރިއެރުންތަކާއި މިދިޔަ އަހަރު ސަރުކާރު ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.