ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ސަރުކާރުން ބިނާކުރަމުން ގެންދިޔުމުގެ އެންމެ މުހިންމު މަޤްޞަދަކީ ސްކޫލްތައް އެއްދަން ފަޅިއަށް ބަދަލު ކުރުން- ރައީސުލްޖުމްހޫރިއްޔާ
  • މި އަހަރު މޭމަހުން ފެށިގެން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ
  • 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް އަންނަނީ ހިނގަމުން
  • ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގައި މިހާތަނަށް 12000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ފުރުޞަތު ހޯދައިދީފައި

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ސަރުކާރުން ބިނާކުރަމުން ގެންދިޔުމުގެ އެންމެ މުހިންމު މަޤްޞަދަކީ ސްކޫލްތައް އެއްދަން ފަޅިއަށް ބަދަލު ކުރުންކަމުގައި ހާމަކުރައްވާފައެވެ.

މިގޮތުން، އެމަނިކުފާނު ވަނީ މި ދައުރުގައި 23 ސްކޫލެއް އެއް ދަންފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިއްޖެކަމަށާއި، ނިމިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާއި 6 މަލްޓިޕާޕަސް ހޯލް ޢިމާރާތްކޮށް ނިންމާފައިވާކަމުގައި ވިދާޅުވެފައެވެ. އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ޖުމްލަ 948 މިލިއަން ރުފިޔާ ހޭދަވާނެކަމުގައި ވިދާޅުވެފައެވެ.

ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުންކަމުގައިވާ ހިނދު އެބޭފުޅުންނަށް، އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އަށް 56 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ތަޢުލީމީ ދާއިރާގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން، ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ހޯދައިދެވިއްޖެކަމަށާއި، މި ޕްރޮގްރާމްގެ ތެރެއިން 2,127 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މިގޮތުގައި ކުރިއަށްއޮތް 2023 ގެ ނިޔަލަށް 5,000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ނިންމައިގެން ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށާއި، އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޤައުމީ ޚިދުމަތަށް ޑިގްރީ ހަދައިގެން ނުކުންނާނެކަމުގައި އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖޭން ބޭރުން މަތީ ތަޢުލީމް ޙާސިލްކުރަން ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާކަމަށާއި، މި ލޯނުތައް ދޫކުރުމުގައި، މާލީ ތަނަވަސްކަން ނެތް މީހުންނާ، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދީފައިވާކަން ހާމަކުރެއްވިއެވެ. އަދި، މިހިނގާ 2022 ވަނަ އަހަރު މި ސްކީމްގެ ދަށުން އިތުރު 700 ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލެވޭނެކަމުގައި އެމަނިކުފާނު ފާހަގަ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާ ތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ހިނގަމުންދާކަމަށާއި، މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރުންނަށް ލޯން ދޫކުރެވިފައިވާ ކަމަށާއި، 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައިސީޓީ، އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މިމަހުން ފެށިގެން ކުރިއަށް ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމު ކުރުމުގެ މަސައްކަތް ހިންގަމުން ދާކަން ހާމަކުރައްވާފައެވެ. އެގޮތުން، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ ކަމަށާއި، ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ކ. ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތް އިޢުލާން ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދާއިރާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކުޑަ ރަށެއްގެ ދަރިވަރަކަށް ވުމަކީ ހަމަހަމަ ފުރުޞަތުން މަހްރޫމް ވާން ޖެހޭ ސަބަބެއް ނޫންކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވަނީ ބ. ފެހެންދޫ އަދި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ޚިދުމަތް މުޅިން އަލަށް މިއަހަރު ފަށާފައިވާކަން ހާމަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި، 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދައިދެވިއްޖެކަމުގައި ވިދާޅުވަމުން ތަޢުލީމީ ދާއިރާގެ ޓީޗަރުންނާ ޕްރިންސިޕަލުން ތަމްރީނުކުރުން ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގައި ވިދާޅުވެފައެވެ.