بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އޭ.ޑީ.ކޭ. ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އަދި ސީ.އީ.އޯ. އަޙްމަދު ނާޝިދު، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު އަފްޢާލް، "ދުވާހިތުން" ދުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އޭ.ޑީ.ކޭ. ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ހިންގަން ނިންމާފައިވާ ޙަރަކާތްތަކުގެ ތެރެއިން، މިރޭ މި ބޭއްވި ދުވުމުގައި އަޅުގަނޑުވެސް މި ބައިވެރިވީ ހަމަ ދުވާހިތުން. ކުރިން ރޭވިފައި ހުރި އަޅުގަނޑުގެ ބައެއް އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތައް އަވަސްކޮށް، ބައެއް ބައްދަލުވުންތައް ލަސްކޮށް، މިރޭ މިކަމަށް އަޅުގަނޑު ހުސްކުރީ، ހަމަ ޙަޤީޤަތުގައިވެސް މިކަމުގައި ބައިވެރިވާހިތުން. އަޅުގަނޑަށް ޤަބޫލުކުރެވުނީ، މިއީ ވަރަށް މުހިންމު މަޤްޞަދެއްގައި އޭ.ޑީ.ކޭ.އިން އިންތިޒާމުކުރި ކަމެއް ކަމަށް.

އަމިއްލަ ބަޔަކު ދެމުން އަންނަ ޞިއްޙީ ޚިދުމަތަކަށް، ކާމިޔާބު 35 އަހަރު ފުރިގެން ދިޔުމަކީ، އެހާ އާދައިގެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އޭ.ޑީ.ކޭ. ހޮސްޕިޓަލުން އެ އަދާކޮށްދެމުން އެ އަންނަނީ، ޤައުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއް.

ހަމައެއާއެކު، ޞިއްޙީ ޚިދުމަތް ދޭ ތަނަކަށް އަހަރު ފުރުން ފާހަގަކުރުމަށް މި ފެށި ޙަރަކާތަކީ، ޞިއްޙަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. ހެލިފެލިވެ، ޙަރަކާތްތެރިވެ އުޅުމަށް އަޅުގަނޑުމެން އާދަވިވަރަކަށް، ބަލިތަކުން ސަލާމަތްވޭ، ދުރުވޭ. އަޅުގަނޑުމެންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ވަރަށް ބޮޑަށް އިތުރުވޭ. ދުވުމާއި ކަސްރަތު ކުރުމުގައި އަޅާ ކޮންމެ ފިޔަވަޅަކީ، ބަލިތަކާ ދުރަށް އަޅުގަނޑުމެން އަޅާ ފިޔަވަޅެއް.

އޭ.ޑީ.ކޭ. ހޮސްޕިޓަލަށް 35 އަހަރު ފުރޭއިރު، މިރޭ ފެށްޓޭ މި ޙަރަކާތަކީ، ވީހާވެސް ބޮޑަކަށް އަޅުގަނޑުމެން ހޮސްޕިޓަލާ ދުރުކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއް. ބައެއް ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގެންފާނެ، ނާޝިދު ހޮސްޕިޓަލެއް ހިންގަވަމުން، ހޮސްޕިޓަލާ ދުރަށް މީހުން ގެންދަން، މިކަހަލަ ކަމެއް މި ބޭއްވީ ކީއްވެގެންބާވައޭ؟ އަޅުގަނޑު ހިތުން ވަރަށްބޮޑު ހެޔޮ ނިޔަތެއް މިކަމުގައި ނާޝިދުގެ އޮންނާނެ.

މިރޭގެ މި ދުވުމުން ޙާޞިލްވާ މުހިންމު އަނެއް ކަމަކީ، މި ދުވުމުން ލިބޭ ފައިސާ، ޓައިނީ ހާޓްސް މޯލްޑިވްސްއަށް ހަދިޔާކުރެވޭކަން. ޓައިނީ ހާޓްސްއަކީ، ވަރަށް މުހިންމު ޚިދުމަތެއް ހިލޭ ސާބަހަށް ކޮށްދޭ ފަރާތެއް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ކޯވިޑާ ގުޅިގެން މި ކުރިމަތިލާންޖެހުނު ދަތިތަކުގައި، ޓައިނީ ހާޓްސްގެ މުޅި ޙަރަކާތް ގާތްގަނޑަކަށް ހުއްޓުމަކާ ހިސާބަށް އައި. އެހެން ނަމަވެސް، މިރޭގެ އޭ.ޑީ.ކޭ.ގެ މި ހަދިޔާއާ އެކުގައި، އަޅުގަނޑު އުއްމީދު ކުރަނީ، އަނެއްކާވެސް ޓައިނީ ހާޓްސްގެ ފަރާތުން އަޅުގަނޑުމެންނަށް މި ކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް.

އަޅުގަނޑު މި ދެންނެވީ، މި ދުވުމުގައި އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް ބައިވެރިވާން ނިންމި ނިންމުން. އަޅުގަނޑާ ފަޒޫއާއި އަދި މިތާ މިތިބި ހުރިހާ ދުވުންތެރިން ހަމަ މި ދުވުމުގައި ބައިވެރިވީ ހަމަ ދުވާހިތުން. އެއީ ކުރިންވެސް ދެންނެވި ފަދައިން، ނާޝިދު ވަރަށް ހެޔޮ ނިޔަތުގައި، އޭ.ޑީ.ކޭ. އިން އިސްނަގައިގެން، އިންތިޒާމުކުރި ކަމަކަށްވާތީ. އެހެންކަމުން، މި ދުވުން އިންތިޒާމު ކުރެއްވި ކަމަށްޓަކައި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ އިސްވެރިންނަށް، ނާޝިދު، އަފްޢާލް އަދި ހުރިހާ ބޭފުޅުން ހިމެނޭގޮތަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކްލިނިކެއް، 1987 ވަނަ އަހަރު މާލޭގައި ހުޅުވި. އެތަނަށް 35 އަހަރުވެގެންދާއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށްވާނެކަމަށް، މާގިނަ ބަޔަކު އޭރަކު އަޅުގަނޑު ހިތުން ގަބޫލެއްނުކުރާނެ. މިއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށްގިނަ ބައެއްގެ ބުރަ، ބޮޑު މަސައްކަތެއް. އަދި ވަރަށް ވިސްނުންތެރިކަމާއެކު، ނާޝިދުމެން ކުރި މަސައްކަތުގެ ނަތީޖާ.

ހަމަގައިމުވެސް އޭ.ޑީ.ކޭ.ގެ މި ފަޚުރުވެރި ކާމިޔާބީގެ އެންމެ ބޮޑު ޙިއްޞާދާރަކީ، އަޅުގަނޑުމެން އެންމެންގެ އެކުވެރި ނާޝިދު. އަޅުގަނޑުމެން އެންމެން ދަންނަ އޭ.ޑީ.ކޭ. ނާޝިދު. އެހެންކަމުން، އޭ.ޑީ.ކޭ.އަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި، ނާޝިދަށާއި، އޭ.ޑީ.ކޭ. ގްރޫޕްގެ އެންމެހައި ހިންގުންތެރިންނަށާއި، ހީވާގި މުވައްޒަފުންނަށް ވަރަށް ހޫނު މަރުޙަބާއެއް އަޅުގަނޑު ދަންނަވަން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުން. އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް.

އޭ.ޑީ.ކޭ ހޮސްޕިޓަލަށް އަޅުގަނޑަށް ވަރަށް ގިނައިން ދެވޭ. އެތަނަށް ދެވޭ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ފެންނަނީ ކޮންމެވެސް ބޮޑު މަސައްކަތެއް އެތާ ހިނގާ ތަން. އުސް ޢިމާރާތްތަކެއް އަޅަން ފަށްޓަފާނެ. ކޮންމެވެސް ތަނެއް ތަޅާލާފައި އެހެން ގޮތަކަށް ބަދަލުކުރާ ތަން ފެނިދާނެ. ނާޝިދު އަބަދުވެސް އެ ވާނުވާބަލަން އެތަނުގައި އުޅުއްވާތަން އަޅުގަނޑަށް ފެނޭ.

އަޅުގަނޑު ހިތަށްއަރާ، ނާޝިދު މި ހޮސްޕިޓަލް ހަދައި ނިންމާނީ، ކޮން ދުވަހަކުންބާވައޭ. މިހާރު މި ފާހަގަކުރަނީ 35 އަހަރު ފުރުން. އަޅުގަނޑަށް ވަރަށް ރަނގަޅު، ނާޝިދު މިކަން ސާފުކޮށްލައްވަދެއްވައިފިއްޔާ އަޅުގަނޑުމެންނަށް. އަޅުގަނޑު ހިތުން މިއީ ނިމުމެއް އޮތް ކަމެއް ނޫން.

މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލީމާ، އަޅުގަނޑަށް އޭގެ ޖަވާބު ކޮންމެވެސްވަރަކަށް ލިބޭ. އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތާރީޚަށް އަޅުގަނޑުމެން ބަލާއިރު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައިވެސް މި ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައި. އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭ.ޑީ.ކޭ.ގައި.

ހަމައެއާއެކު، ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭ.ޑީކޭ.ގައި ތަޢާރުފް ކުރެއްވުމަށް ނާޝިދު ބޭނުންފުޅުވާ މިންވަރުވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ހާމަވޭ. މި ދެންނެވީ އަޅުގަނޑު އެ ހޮސްޕިޓަލަށް ދާއިރުގައި، އެތަނަށް އެ އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ. އަބަދުވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތި ނާޝިދާއި އަފްޢާލް، މިބޭފުޅުން އުޅުއްވާނީ.

އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ވެއްޖިއްޔާ، މިހާރު ތައްޔާރުވަމުންދަނީ ވަރަށް އަވަހަށް އިތުރު ޚިދުމަތްތައް ފެށުމަށް. މި ހޮސްޕިޓަލުން ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރުފް ކުރަން. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި.

އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ތެރެއިން މާގިނަ ބަޔަކަށް ނޭނގި އޮތް، އެހެން ނަމަވެސް ވަރަށް މުހިންމު ދާއިރާއެއް އަޅުގަނޑު ފާހަގަކޮށްލާނަން. އެއީ މީހުން ބިނާކުރުން. އެއީ ނާޝިދު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަން އަޅުގަނޑަށް އެނގޭ. މި ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، މި ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި މީހުން.

މި ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއްވެސް ހިންގަމުން. އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންވެސް ކޮށް ނިންމައިފި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް، އެ ސްކޫލްގައި ފެށުމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ނާޝިދު.

މި ނޫނަސް އޭ.ޑީ.ކޭ.އިން ޢާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަ. އަދި ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިސާއެއްގައި، ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އޭ.ޑީ.ކޭ. އެންމެ ކުރީ ސަފަށް ނުކުންނަކަން، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށް، އޭ.ޑީ.ކޭ.ގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ވަކިން ޚާއްޞަ ގޮތެއްގައި، މިދިޔަ 35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ.ގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން އަޅުގަނޑަށް ފާހަގަކުރެވޭ. ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، މި ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑު ޤަބޫލުކުރަން.

އެހެންކަމުން، އޭ.ޑީ.ކޭ.އިން އިސްނަގައިގެން ހިންގާ މިފަދަ ކޮންމެ ޙަރަކާތެއްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައިވެސް އަޅުގަނޑު ދެކެން. އޭ.ޑީ.ކޭ.އަށް އަބަދުވެސް ކާމިޔާބީއަށާއި ކުރިއެރުމަށް އަޅުގަނޑު އެދެން. އޭ.ޑީ.ކޭ.ގެ އިސް ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް ކާމިޔާބު ބާއްޖަވެރި ދުވަސްތަކަކަށް އެދެން.