بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިވަން މުއައްސަސާތަކުގެ ވެރިން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި އަދި މުވައްޒަފުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ދައުލަތުގެ އިސްވެރިންނާއި، އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ދަންނަވާނީ، މިއަދު މި ފެށިގެން މިދަނީ ވަރަށް މުހިންމު މަސައްކަތްތަކެކޭ. އާދެ، ޚާއްޞަކޮށް، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިޔުމަކީ އެއީ މިއަދު ސަރުކާރުގެ، މުޅި ސަރުކާރު ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އެ ކުރާ މަސައްކަތަށް އަޅުގަނޑު ދަންނަވާނީ، އެންމެ ފުރިހަމަ ކަމެއް ގެނުވައިދޭނެ އެއް ކަންތައްތަކޭ.

އާދެ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ޚިދުމަތް އަވަސްކުރުމަށާއި، ފަސޭހަކޮށް އެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ފޯރުކޮށްދެވޭނޭ ގޮތްތައް ހޯދުމާ ބެހޭގޮތުން. އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، އަޅުގަނޑުމެން އެކްސްޓަރނަލް ކަސްޓަމަރސް އަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތައް އިންޓަރނަލް ކަސްޓަމަރސްގެ ގޮތުގައި އެ ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނޭ ގޮތްތަކަށް އަޅުގަނޑުމެން ފުރަތަމަ ކަންތައްތައް ކުރަން އެބަޖެހޭ. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް، އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައި އޮތް ސަމާލުކަން ޙަޤީޤަތުގައި ކުޑަކަން.

އެހެންނަމަވެސް، އަޅުގަނޑު ފާހަގަކުރަން، މި ސަރުކާރުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ، ފަސޭހަ އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް. ސިވިލް ސަރވިސް މުވައްޒަފުން އެ ކުރައްވާ މަސައްކަތްތަކަކީ އެއީ މުޅި ޤައުމު ހިންގުން. ކަމެއް ކުރާ ބަޔަކަށް އެކަމުގެ އެންމެ ފަސޭހަގޮތް ހޯދައިދިނުމަކީ އެއީ ސަރުކާރަކުން އަބަދުވެސް ކުރަންޖެހޭނެ ކަންތައްތައް. ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ އެއީ، ސަރުކާރަކުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތްތައް.

އާދެ، މިއީ އެއްވެސް ހާލެއްގައި ޤައުމުގައި ހިނގަމުންދާ އެހެނިހެން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާ އަޅައިބަލާއިރު މުހިންމުކަން އެއްވެސްވަރަކަށް ކުޑަކަމެއް ނޫން. އާދެ، ރާއްޖެ އުފެދިފައި އޮތްގޮތުންވެސް، ޚާއްޞަކޮށް، މިއަދު ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތެއްގެ ގޮތުގައި ލާމަރުކަޒު ކުރުން، މި ވަކި ޕްލޭނެއްގެ ދަށުން މިކަންތައްތައް ކުރިޔަށް މިދަނީ މިއީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަށްވާތީވެ. އާދެ، އަޅުގަނޑުމެންގެ ކުދި ރަށްތަކުން ސިޓީ ހިފައިގެން މާލެ އައިސް، މާލޭގެ އޮފީސްތަކަށް ސިޓީލައިގެން، އޭގެ ޖަވާބު ހޯދަން އަނެއްކާ އަނެއް ދަތުރު މާލެ އައިސް، ދެތިން ހަތަރު މަސް ވަންދެން، މިގޮތަށް ދެކޮޅަށް ބުރުޖެހުން އެއީ، ރައްޔިތުންނަށް ތަކުލީފެއްގެ ގޮތުގައި ދޫކޮށްލައިގެނެއް ނުތިބެވޭނެ ކަންކަން.

އާދެ، މިއައި ބަދަލުތަކާއެކު ގިނަ ފަސޭހަތަކެއްވެއްޖެ. މިހާރުވެސް އަޅުގަނޑު ޤަބޫލުކުރަނީ ޚާއްޞަކޮށް، ސިވިލް ސަރވިސް ކޮމިޝަނުން މި ނިމިގެންދާ އަހަރުވެސް ކުރެވުނު މަސައްކަތްތަކުން ވަރަށް ބޮޑެތި ފަސޭހަތަކެއްވެއްޖެއޭ. ވީޑިއޯ ޕްރެޒެންޓޭޝަންގައި އަދި ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، ކުރެވުނު މަސައްކަތްތަކުން އެކިއެކި އިދާރާތަކަށް ލިބިގެންދާނޭ ފަސޭހަ ކަންތައްތަކުގެ ވާހަކަ. ހަމައެއާއެކު، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއް ދިމާއަކުން ޚިދުމަތްތައް ހޯދުމުގެ ފަސޭހަކަން ޤާއިމުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެކިއެކި ދިމާޔަށް ދިޔުމުގެ ބަދަލުގައި، "ވަން ސްޓޮޕް"، އެންމެ ތަނަކުން އެ ޚިދުމަތްތައް ލިބުމަކީ އެއީ މިޒަމާނުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކަކީ. ތަރައްޤީއަކީވެސް އެއީ.

އާދެ، އަޅުގަނޑުމެންނަށް މި ފެނިގެން މިދިޔަ، އަޅުގަނޑުމެން މި ތަޖުރިބާ އަދިވެސް ކުރަމުންމިދާ ކަންތައްތަކުން، އާދެ، ގާތްގަނޑަކަށް ދެ އަހަރު މިވަނީ ކޯވިޑް-19ގެ ހާލަތުގައި ދަތި އުނދަގޫ ކަންތައްތަކެއް ތަހައްމަލު ކުރަމުންދާތަން. މުޅި ދުނިޔެ ހުއްޓި، ޤައުމުގައި އަޅުގަނޑުމެންގެވެސް އެތައް ކަންތައްތަކެއް ބަންދުކުރެވި، ހުއްޓިދިޔަ ވަގުތުވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ޙަޤީޤަތުގައި ޓެކްނޮލޮޖީގެ މުހިންމުކަން. އަޅުގަނޑުމެންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންނުކުރެވުނުނަމަ، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ ހަމަ ހުރިހާ ކަމެއްވެސް ހުންނާނީ ބަންދުވެފައޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އިދާރާތަކުންނާއި، އެކިއެކި ފަރާތްތަކުން އެ ކުރި މަސައްކަތުން އަޅުގަނޑުމެންނަށް ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައްވެސް ނަގައިދެވުނު. އޮފީސްތަކުގެ މަސައްކަތް ގޭގައި ތިބެގެންވިޔަސް، އަޅުގަނޑުމެންނަށް ހުއްޓުމެއްނެތި ކުރެވުނު. ރައްޔިތުންގެ އަސާސީ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދިޔަ. މިއީ މިޒަމާނުގެ ޓެކްނޮލޮޖީން އަޅުގަނޑުމެންނަށް ލިބިގެންދާ ފަސޭހަތައް.

އެހެންވީމާ، މި މަސައްކަތް ފެށިގެންދާތީ ޚާއްޞަކޮށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަށާއި އަދި ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، މުޅި ސަރުކާރުން މުޅި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މި ކުރެވޭ، ކުރަމުންދާ މަސައްކަތްތައް އާދެ، ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާ އަހަންމިއްޔަތު، އެ ކަންތައް ހަމަ ފާހަގަކޮށް، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އަދި މިކަމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ އިކޮނޮމިކް މިނިސްޓަރ އުސްތާޛު ފައްޔާޒް އިސްމާޢީލަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މީގެ ދެ ދުވަސްވަރު ކުރިން، އަޅުގަނޑުމެން ތިބީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި. ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާ ކަމަށްވަންޏާ މިއަދު މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުން ތިއްބެވި. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެން ވިސްނަންޖެހެނީ، ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި. އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނޭ މާހަޢުލު އަޅުގަނޑުމެން ޤާއިމުކުރަން އެބަޖެހޭ. ދައުލަތުގެ އެކިއެކި އިދާރާތައް ހުރިއިރު، އަޅުގަނޑުމެންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުގަނޑުމެންގެ ދޭދޭ ވަރކް ކޮލީގުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ވަރުގަދަވާން އެބަޖެހޭ. އަޅުގަނޑުމެންގެ އެއް އިދާރާއާއި އަނެއް އިދާރާއާ ދޭތެރޭގައި އޮންނަންޖެހޭ ކޯޑިނޭޝަން އަޅުގަނޑުމެން ރަނގަޅަށް ފުރިހަމަކުރަން އެބަޖެހޭ. ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް އަޔަސް، އަޅުގަނޑުމެންގެ ފަހަތުގައި، ނުފެންނަ ހިސާބުގައި މަސައްކަތް ކުރާނެ ވަރަށް ގިނަބަޔަކު ތިބޭނެ. ބެކް ސްޓޭޖްގައި، ކަރޓްންގެ ފުރަގަހުގައި ވަރަށް ގިނަ ބަޔަކު ތިބޭނެ މަސައްކަތްތައް ކުރަން.

އަޅުގަނޑުމެންނަށް އޮތް އެންމެ މުހިންމު ކަމަކީ، ސަރުކާރެއް އަންނަނީވެސް ރައްޔިތުންނަށް ހިތްހަމަޖެހުމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް. އެހެން އެއްވެސް ބޭނުމެއް، ވެރިއެއްގެ ކިބައިގައިވެސް ނޯވޭ. އަދި އެ ވެރިއެއްގެ ދަށުގައި މަސައްކަތް ކުރަން ތިބޭ ފަރާތުގެވެސް ހަމަ ނޯވޭ. ހަމައެކަނި އޮންނަ ކަމަކީ، އެ ޤައުމެއްގެ ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއި، އިޚްލާޞްތެރިކަމާއި އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުން.

އަޅުގަނޑުމެން އާ އަހަރަކަށް ކުރިމަތިލާހިނދު، އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، ސަރުކާރުގެ އިސްކޮށް ތިއްބެވި ހުރިހާ ފަރާތްތަކަށާއި އަދި އަޅުގަނޑުމެންގެ ޙަޤީޤީ ވަރކްފޯސް ކަމަށްވާ ސިވިލް ސަރވަންޓުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އާ އަހަރުގެ އާ ޢަޒުމަކާއެކު އަޅުގަނޑުމެން މަސައްކަތް ފަށަންވީ، މި ދެންނެވި ކަންތައްތައް އިތުރަށް ފުރިހަމަކުރުމަށޭ. އާދެ، ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، ވަރަށް މުހިންމު ކަމެއް، ސަރުކާރުން ސިވިލް ސަރވަންޓުންނަށް، ސިވިލް ސަރވިސްގެ އާދެ، މިނިމަމް ވޭޖެއް ކަނޑައެޅިގެން މި ދިޔައީ.

އެނގިވަޑައިގަންނަވާނެ، ޤައުމަކަށް، މުޅި ދުނިޔެއަށްވެސް، ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތައްވެސް މިއަދު އެ އުޅެނީ ދިމާވި ގޮންޖެހުންތަކާ ހެދި އެކިއެކި ދަތި އުނދަގޫތަކުން އަރައިނުގަނެވިގެން. އަޅުގަނޑުމެންގެ ޤައުމު ކުޑަ. އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދުވެސް އެހެން ޤައުމުތަކާ އަޅައިބަލާއިރު ކުޑަ. އެހެންނަމަވެސް، މި ދަތި އުނދަގޫ ވަގުތުވެސް، އެންމެ މުހިންމީ ރައްޔިތުންކަން، އެންމެ މުހިންމީ ރައްޔިތުންނަށް ޚިދުމަތްދޭ ސިވިލް ސަރވިސްގެ ސިވިލް ސަރވަންޓުންކަން އެނގި ތިބެ، މި ސަރުކާރުން މިފަދަ ނިންމުމެއް ނިންމެވީތީ އެކަންވެސް އަޅުގަނޑު ފާހަގަކުރަމުން، އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ އިރާދަކުރެއްވިއްޔާ، 2022 ވަނަ އަހަރަކީ ބާއްޖަވެރި އުފާވެރި އަޅުގަނޑުމެންގެ އެންމެންގެ މޫނުތަކަށް ހިނިތުންވުން ގެނުވައިދޭނޭފަދަ އަހަރެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަދި ޒަމާނީ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެން ހިފައިގެން، ރައްޔިތުންނާ ގާތުން އަވަސް ޚިދުމަތް ދިނުމަށްޓަކައި މި ކުރާ މަސައްކަތަކީ، ކާމިޔާބު މަސައްކަތެއްގެ ގޮތުގައި މާތް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.