بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދަކީ ރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަގޮތެއްގައި ހަނދާންކުރެވޭނެ ދުވަހެއް. މިއަދަކީ، ރާއްޖޭގެ ގިނަބަޔަކު ދެކެމުންއައި، ފިނިފެންމަލުގެ ހުވަފެނެއް ޙަޤީޤަތަކަށްވާ ދުވަސް. އާދެ، މިއަދަކީ، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ފަށައިގެން ހިންގަމުންގެންދިޔަ، ވަރަށް މުހިންމު ބޮޑު މަޝްރޫޢެއްގެ ދަށުން ހިއްކުނު ސަރާސަރު ބޮޑު ބިމެއްގައި، ރަސްމީގޮތުން މީހުން އާބާދުވާ ދުވަސް.

އާދެ، މި ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި އަދި މި ބޮޑު މަޝްރޫޢުގެ މަސައްކަތް ކާމިޔާބުކަމާއެކުގައި ކުރިއަށް ގެންގޮސް، ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން އިފްތިތާޙު ކުރެވޭ ދުވަހާ ހަމަޔަށް ކަންތައްތައް ގެންދިޔުމުގެ ހެޔޮ ތައުފީޤު ދެއްވި ކަމަށްޓަކައި، އެންމެ ފުރަތަމަވެސް އަޅުގަނޑުމެން އެންމެން اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް މިއަދު އޮތް އެންމެބޮޑު ވާޖިބު. ޝައްކެއްނެތް، މާތްﷲގެ މިންވަރުފުޅާއި، އެކަލާނގެ މަދަދާއި، އެކަލާނގެ ވާގިދެއްވުންނެތި، މިފަދަ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. އެހެންކަމުން، މާތްﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމުން، ހުޅުމާލެ އާބާދުވާން މިފެށޭ ދުވަހުގެ އުފާވެރި މުނާސަބަތުގައި، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ އަރިސްކުރަން.

އާދެ، ހުޅުމާލެ އާބާދުވާން ފެށޭކަމީ، ދިގު އިންތިޒާރެއްގެ ފޮނި ނިމުން. ހަމައެހެންމެ، މިއީ ރާއްޖޭގެ ތަރައްޤީގައި ހުޅުވާލެވޭ ކާމިޔާބު އާ ޞަފްޙާއެއް. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މިއަދު އިފްތިތާޙުކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ، ވަރަށް މަތިވެރި އުފަލަކާއި، ވަރަށްބޮޑު ޝަރަފެއް. މިމުނާސަބަތުގެ ތަހުނިޔާ، ވަރަށްގިނަ ފަރާތްތަކަށް ޙައްޤުވެގެންވޭ. އޭގެތެރޭގައި، އެންމެ ފުރަތަމަވެސް ހުޅުމާލޭގައި ވަޒަންވެރިވެފައިވާ ލޮބުވެތި ރައްޔިތުން އަދި ޢާންމުކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ހުޅުމާލެ ތަރައްޤީ ކުރުމާބެހޭ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް، އެ ޔުނިޓުގެ އެންމެހާ ވެރިންނާއި މުވައްޒަފުން އަދި ހުޅުމާލޭގެ މަޝްރޫޢު ހިންގަވައިދެއްވުމުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެންދެއްވި ބޭފުޅުންނާއި ފަރާތްތައް. މި ހުރިހާ ބޭފުޅުންނާއި ފަރާތްތަކަށް މިއަދުގެ އުފާވެރި ތަހުނިޔާއާއި އިޚްލާޞްތެރި މުބާރަކުބާދީ އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، މިމަޝްރޫޢަކީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން، ވަރަށް ފުރިހަމަގޮތެއްގައި ލިބިފައިވާ މަޝްރޫޢެއް. އާދެ، އޭގެތެރޭގައި، ސަރުކާރުގެ ވަރަށްގިނަ ފަރާތްތައް ހިމެނޭ. މިމަޝްރޫޢުގެ މަސައްކަތްތައް ހިންގަވައިދެއްވުމުގައި އެހީތެރިވެދެއްވައި، ކަމާބެހޭ ފަންނީ މަޝްވަރާ ދެއްވައި، މިކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންދެއްވި ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް ވަކިވަކިން ނުދެންނެވި ކަމުގައިވިޔަސް، ބައެއް ޚާއްޞަ ބޭފުޅުންކޮޅެއްގެ ނަންފުޅުތައް ދަންނަވާލުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން. އާދެ، އެބޭފުޅުންނަކީ، އަލްފާޟިލް ޢުމަރު ޒާހިރު، އަލްފާޟިލް ޢަލީ ޢުމަރުމަނިކު، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަލްފާޟިލް ޢަބްދުﷲ ޖަމީލް، ޑޮކްޓަރ މުޙައްމަދު މުނައްވަރު، ޑޮކްޓަރ ޙަސަން ސަޢީދު، އަލްފާޟިލް މުޙައްމަދު ޖަލީލް، އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް، އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް، އަލްފާޟިލް އިބްރާހީމް ރަފީޤު، އަލްފާޟިލް މަޙްޖޫބު ޝުޖާޢު، އަލްފާޟިލް ފަޔާޒު މަންޞޫރު، އަލްފާޟިލް ސުހައިލް އަޙްމަދު، އަލްފާޟިލް އިބްރާހީމް ރަޝީދު، އަލްފާޟިލް މުޙައްމަދު ޝާހިދު. މިއިން ކޮންމެ ބޭފުޅަކީ، އެބޭފުޅަކާ ހަވާލުވެވަޑައިގެންނެވި މަސައްކަތް، ވަރަށް އިޚްލާޞްތެރިކަމާއި، ވަރަށް ފަރުވާތެރިކަމާއެކީގައި ކޮށްދެއްވި ބޭފުޅެއް. އަދި ބައެއްފަހަރު، ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް އަޅުގަނޑު ދަންނަވާލާ ކޮންމެ ދަންނަވާލުމަކަށް އެހެން ހުރިހާ ކަމެއް ހުއްޓަވާލައްވާފައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވަރަށްބުރަކޮށް މަސައްކަތް ކޮށްދެއްވި ބޭފުޅުން. އެހެންވީމާ، އެ ހުރިހާ ބޭފުޅުން އެ ކޮށްދެއްވި އިޚްލާޞްތެރި ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ދެންމެ މި ދެންނެވި ބޭފުޅުންގެ އިތުރުންވެސް، އެއްބޭފުޅެއްގެ ނަންފުޅު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެބޭފުޅަކީ، ކުރިން އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ޑިރެކްޓަރަކަށް ހުންނެވި އަލްފާޟިލް މުޙައްމަދު ޝަފީޤު. މި ޚިޔާލު އާދެ، ހުޅުމާލެ ތަރައްޤީ ކުރުން ނުވަތަ ހުޅުލޭފަޅުން ބިމެއް ހިއްކައިގެން އެ ބިން އާބާދު ކުރުމުގެ ޚިޔާލު، ވަރަށް ފަނޑުގޮތެއްގައި ދުރުދުރުން ފެންނަމުންދިޔަ ދުވަސްވަރެއްގައި މިކަމާބެހޭ މަޝްވަރާތައް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގައި ހިނގަމުންދިޔަ. އޭގެތެރޭގައި، ވަޒީރުންގެ މަޖިލީހާއި އަދި އެކިއެކި ފަންނީ ކޮމިޓީތަކާއި، މި ދާއިރާއާ ގުޅޭ ބޭފުޅުންގެ ބައްދަލުވުންތަކާއި، މިކަހަލަ ވަރަށްގިނަ ޖަލްސާތަކުގައި މި ވާހަކަ ދެކެވެމުންދިޔަ.

އެހެންނަމަވެސް، މަޝްރޫޢުގެ ބޮޑުކަމާއި، އެއަށް ޚަރަދުވާނެ ފައިސާގެ ޢަދަދު ބޮޑުކަމާއި އަދި ތިމާވެށްޓަށް ދިމާވެދާނެ ކަންތައްތަކާ، މިކަހަލަ ކަންތައްތައް ހުރުމުގެ ސަބަބުން، މިކަމުގައި ވަކިގޮތަކަށް ނިންމުން އޮތީ، ކޮންމެވެސްވަރަކަށް ދަތިކަމަކަށްވެފައި. ޚިޔާލުތައްވެސް ހުރީ ތަފާތު ގޮތްގޮތަށް. މިވަރުގެ ބޮޑު ކަމެއް ކުރުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންގައި އެބަހުރިތޯ، އެސުވާލު އުފެދުނު. ކޮންތާކުންތޯ މިހާ ގިނަ ޢަދަދަކަށް ފައިސާ ހޯދާނީ، އެ ސުވާލުވެސް އުފެދުނު. އަދި އެ ޚަރަދުކުރާ ފައިސާ، އަނބުރާ ހޯދާނީ ކިހިނެއްތޯ، މި ސުވާލުވެސް އުފެދުނު. އަދި ފަޅަކުން މިފަދަ ބޮޑު ބިމެއް ހިއްކީމާ، ތިމާވެށްޓަށް ކުރިމަތިވާނީ ކޮންކަހަލަ ކަންތައްތަކެއްތޯ، މިސުވާލުވެސް އުފެދުނު. މިހެންގޮސް، މިކަހަލަ ގިނަ ޚިޔާލުތަކަކާއި ސުވާލުތަކެއް އުފެދިފައިވާ ވަގުތެއްގައި ވަކިގޮތަކަށް ނިންމުން އޮތީ ދަތިކަމަކަށްވެފައި. އެހެންނަމަވެސް، ދަންނަވާލަންޖެހެނީ، މިމަޝްރޫޢަކީ ވަރަށް ކުރިއްސުރެ، އަޅުގަނޑަށް ވަރަށް ބޮޑަށް މުހިންމު ކަމަށް ފެނިފައިވާ މަޝްރޫޢަކަށްވާތީ، ކުރިއަށްދާން އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި. އެހެންނަމަވެސް، ކަމެއް ކުރިއަށް ގެންދެވޭނީ، ކަމާބެހޭ ދާއިރާތަކުގެ ހުރިހާ ބޭފުޅުންގެ ވިސްނުންފުޅާއި، އެބޭފުޅުންގެ މަސައްކަތްޕުޅުތައް އެއްގޮތްކުރެވިގެން ކަމަށްވާތީ، ކުރިއަށްދިޔުން އޮތީ، މި ދެންނެވި ދުވަސްވަރު ކޮންމެވެސްވަރަކަށް ދަތިކަމަކަށްވެފައި.

އެކަން އެހެން އޮއްވައި، އަޅުގަނޑަށް މިކަމުގައި ވަރަށްބޮޑު ހިތްވަރެއް ދެއްވި ބޭފުޅެއްގެ ނަންފުޅު މި ދަންނަވާލީ. އާދެ، އަލްފާޟިލް މުޙަންމަދު ޝަފީޤު. އޭނާ ވަޑައިގެން އަޅުގަނޑާ ދެއްކެވި ވާހަކައިގައި، މިއީ މިކަހަލަ ހުރަސްތަކެއް ފެންނަންހުރި މަސައްކަތެއް ކަމުގައިވިޔަސް، މިކަމުގައި ކުރިއަށްދިޔުން ވަރަށް ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ލަފާދެއްވައި، ވަރަށް ބޮޑަށް ހިތްވަރު ދެއްވި. އެހެންކަމުން، އަޅުގަނޑުގެ ހިތަށްއެރީ، އަލްފާޟިލް މުޙައްމަދު ޝަފީޤު މިއަދުވަނީ ސަރުކާރުން ވަކިވެވަޑައިގެންފައި ކަމަށްވިޔަސް އަދި މި ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަތުމުގެ ފުރިހަމަކަން ޖަލްސާއަށް ލިބިފައި ނެތް ނަމަވެސް، މި ފުރުޞަތުގައި އޭނާގެ ވާހަކަފުޅާއި، އޭނާ އަޅުގަނޑަށް ދެއްވި ހިތްވަރުގެ ވާހަކަ ދަންނަވާލުމަކީ، ހަމަ ކޮންމެހެން ބޭނުން ކަމެކޭ.

އާދެ، މި މަޝްރޫޢު ކާމިޔާބު ގޮތެއްގައި ހިންގުމުގައި ބައެއް އެހެން ފަރާތްތަކަށްވެސް ޝުކުރު ދަންނަވަންޖެހޭ. އޭގެތެރޭގައި، ހުޅުމާލެއާބެހޭ މަތީ ފެންވަރުގެ ކޮމިޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ. އާދެ، ވަޒީރުންގެ ކޮމިޓީގެ ބޭފުޅުން. ހަމައެހެންމެ، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ހިމެނިވަޑައިގަންނަވާ. އެއީ މި މަޝްރޫޢުގެ ތަފާތު ދުވަސްވަރުގައި އެކިފަހަރުމަތިން މި މައްސަލަ އަޅުގަނޑު ވަޒީރުންގެ މަޖިލީހަށް ގެންގޮސް، ވަޒީރުންގެ މަޖިލީހުގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުން އެދެއްވި އަގުހުރި ޚިޔާލުފުޅުތަކާއި މަޝްވަރާތަކަށްޓަކައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ހުޅުމާލެއާބެހޭ މަތީ ފެންވަރުގެ ވިލަރެސް ކޮމިޓީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ހިނގަމުންދިޔަ ފަންނީ ކޮމިޓީގެ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިހެން، މި މަޝްރޫޢަކީ ވަރަށްބޮޑު ޚަރަދެއް ހިނގާގޮތަށް ރޭވިގެން ހިނގަމުން އައިސްފައިވާ މަޝްރޫޢެއް. އެހެންވީމާ، މި މަޝްރޫޢަށް ފައިސާ ހޯދުން އެއީވެސް އޮތީ ވަރަށްބޮޑު މައްސަލައަކަށްވެފައި. އެކަމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްގެން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެ ފައިސާ އަޅުގަނޑުމެންނަށް ވަނީ ހޯދިފައި. މިކަމުގައި އެހީތެރިވެދެއްވި ފަރާތްތަކެއްވެސް އެބަހުރި. އެހެންވީމާ، އެ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ބެލްޖިއަމް ސަރުކާރާއި، ބެލްޖިއަމް ފޯޓިސް ބޭންކް. އެބޭފުޅުން މިމަޝްރޫޢުގެ ބައެއް ކަންތައްތަކަށް ފައިސާ ހަމަޖައްސަވައިދެއްވި. ދެން ތައިލެންޑުގެ އެގްޒިމް ބޭންކް. އެ ބޭންކުން ޢިމާރާތް ކުރުމާއި، މަގުތައް ހެދުމަށް ލޯނު ދެއްވި. އަދި ހަމައެހެން ޤަޠަރު ސަރުކާރަށްވެސް ޝުކުރު ދަންނަވަން. އެއީ މިތާނގައި މި ހެދޭ މިސްކިތަށް ޤަޠަރު ސަރުކާރުން ވަރަށް ދީލަތި އެހީފުޅެއް ވެދެއްވާފައިވާތީ.

މީގެއިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރުންގެ ނަންތައް އަޅުގަނޑު ފާހަގަކޮށްލާނަން. އާދެ، އިންޓަރނޭޝަނަލް ޕޯޓް އެންޖިނިއަރިންގ އެންޑް މެނެޖްމަންޓް އެންޑް ޑްރެޖިންގ އިންޓަރނޭޝަނަލް، އެއީ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުއްވި ފަރާތް. އަދި ހަމައެހެން، މަގުތައް ހެދުމާއި އިމާރާތް ކުރުމުގެ ކަންތައްތަކުގައި އުޅުއްވި ކުންފުނިތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އޭގެތެރޭގައި ހިމެނޭ ޝީނޯ ތައި އެންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން ޕަބްލިކް ކަމްޕެނީ ލިމިޓެޑް. އެ ކުންފުނިން ޢިމާރާތް ކޮށްދެއްވީ. އިޓޭލިއަން ތައި ޑިވެލޮޕްމަންޓް ޕަބްލިކް ކަމްޕެނީ ލިމިޓެޑް. އެ ކުންފުނިން މަގުތައް ހައްދަވައިދެއްވީ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ. އެ ކުންފުނިން ހުޅުމާލޭ ތޮށިލައްވައިދެއްވި. އަދި މީގެއިތުރުން، މަޝްރޫޢުގެ ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކެއްވެސް އެބަހުރި. އޭގެތެރޭގައި، ސިންގަޕޫރުގެ އޭ.އެމް.ސީ. އާކިޓެކްޓްސް އެންޑް ކޮންސޯޓިއަމް. އެއީ މި މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކްލަވައިލެއްވުމުގައި އެހީތެރިވެދެއްވި ދެފަރާތެއް. ރާއްޖޭގެ ބިނާކް ޑިޒައިން އެސޯސިއޭޓްސްއާ، ރިޔަން ޑިޒައިން އެންޑް މެނެޖްމަންޓް ކޮންސަލްޓަންޓްސް. އެއީ ޢިމާރާތްތައް ފަރުމާކުރުމުގައި އެހީތެރިވެދެއްވި ދެފަރާތެއް. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ ފަރާތުން ޢިމާރާތްތައް ފަރުމާކޮށްދެއްވުން. އަދި އަލްފާޟިލް މުޙައްމަދު ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވިހެން، ހުޅުމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ ފުރަތަމަ ބައިގައި އެންމެބޮޑަށް ހަރަކާތްތެރިވެވަޑައިގެންދެއްވީ އެ މިނިސްޓްރީން. އަދި އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޢުމަރު ޒާހިރު. މީގެއިތުރުން، ޝްރީލަންކާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޯކިމް އެންޑް ޕްރޮޖެކްޓް މެނެޖަރސް އެންޑް ޑިވެލޮޕަރސް އަދި އެންވަޔަރަންމަންޓް އެންޖިނިއަރިންގ ކޮންސަލްޓަންޓްސް. މި ދެކުންފުނިންވެސް މިކަމުގައި ވަނީ ބައިވެރިވެވަޑައިގެންދެއްވާފައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް މިއަދު ދިވެހި ސަރުކާރުގެ ނަމުގަޔާއި، ހުޅުމާލޭ ރައްޔިތުންގެ ނަމުގަޔާއި، ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރާ މުނާސަބަތުގެ ބޮޑުކަމާއި، މި މަޝްރޫޢުގެ މުހިންމުކަމާއި އަދި އަޅުގަނޑު ދަންނަވަންހުރި ބައެއް ވާހަކަތަކުގެ ގޮތުން، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެގެންވެސް ހިނގައިދާނެހެން. އެކަމަށްޓަކައި ހުރިހާ ބޭފުޅުންގެ އަރިހުން މާފަށް އެދެމުން، އަދި ތިޔަބޭފުޅުންގެ ކެތްތެރިކަން އަޅުގަނޑާ އެކީގައި ބާއްވަވައިދެއްވުމަށް އެދެމުން، އަޅުގަނޑު ވާހަކަ ކުރިއަށް ގެންދަން ބޭނުންވާ ވާހަކަ ދަންނަވާލަން. ވާހަކަ މާ ދިގުވެއްޖިއްޔާ، ކޮންމެވެސް އިޝާރާތެއް ކޮށްލައްވަނިކޮށް، އަޅުގަނޑު ހުއްޓާލަފާނަން.

އާދެ، މިއަދުގެ މި ރަސްމިއްޔާތުގައި، ހަނދާނީ ފިލާ ލިބިވަޑައިގަންނަވާ ބޭފުޅުންނަށާއި، ދާއިރާތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، ރާއްޖޭގެ ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން އަންނަ ކަމެއް. މިގޮތުން، ރާއްޖޭގެ އެންމެބޮޑު އާބާދީއެއް އޮތް ވަރަށް ކުޑަކުޑަ ސަރަޙައްދަކީ މާލޭ ސަރަޙައްދު. އެންމެ އަކަމޭލެއްގެ ބޮޑުމިނުގައި އުފެދިފައިވާ ރަށެއްގައި، ހަތްދިހަ އެތައްހާސް މީހުން ދިރިއުޅެމުން ގެންދިޔުމަކީ، ވަރަށްދަތި އުނދަގޫ، ވަރަށް މަސްހުނި މައްސަލަތަކެއް ނުކުންނަ ކަމެއް. އޭގެތެރެއިން ވަރަށްގިނަ ބަޔަކީ، އެމީހުންގެ އަމިއްލަ ގޯތިގެދޮރު ނުވަތަ އަމިއްލަ ހިޔާވަހިކަމެއް ނެތް ބައެއް. އާދެ، އެއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި. އެމީހުންނަށްވެސް ބޯހިޔާކުރުމުގެ ތަނަވަސްކަން ސަރުކާރުން ހޯދައިދޭންޖެހޭ. އެހެންވީމާ، މާލޭގެ ގޯތިގެދޮރުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ވަރަށް ކުރިއްސުރެ އާދެ، މީގެ 25 އަހަރު ކުރިން ސަރުކާރުން ވަނީ މަސައްކަތް ފަށާފައި. 1979 ވަނަ އަހަރު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، މާލޭފަޅުން ބިން ހިއްކުމުގެ މަޝްރޫޢު. އޭގެފަހުން މާލޭގައި ފްލެޓް ޢިމާރާތް ކުރުން. ދެން ވިލިނގިލިން ގޯތި ދޫކުރުން. މިކަހަލަ ވަރަށްގިނަ މަސައްކަތްތަކެއް މި ސަރަޙައްދުގައިވެސް ވަނީ ކުރެވިފައި.

ބިމުގެ ދަތިކަމަކީ، ހަމައެކަނި މި ސަރަޙައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ކަމެއް ނޫން. އެ ދަތިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ ދަތިކަމެއް. ރާއްޖޭގެ އަތޮޅުތަކުގެ ވަރަށްގިނަ ރަށްރަށުގައި، ބިމުގެ ދަތިކަން ވަނީ އިޙްސާސް ކުރަން ޖެހިފައި. އެހެންވީމާ، އެތަންތަނަށް، އެމީހުންނަށް ހިޔާވަހިކަން ހޯދައިދިނުމަކީވެސް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް. އެގޮތުން، ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ބިމުގެ ދަތިކަން ފޯރާފައިވާ ރަށްރަށަށް، ގޯތިގެދޮރުގެ ތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ވަނީ ކޮށްފައި. އަދި މިހާރުވެސް ކުރަމުން އެބަގެންދޭ. އޭގެތެރެއިން އެއް މަސައްކަތަކީ، ބައެއް ރަށްރަށުގެ ފަޅުން ބިން ހިއްކައިގެން ބިން ބޮޑުކުރުން. މިހާތަނަށް ބިން ބޮޑުކުރި ރަށްތަކުގެ ތެރޭގައި، ގދ. ތިނަދޫ ހިމެނޭ. އެރަށުގެ ބިން ދެފަހަރެއްގެ މަތިން ވަނީ ބޮޑުކުރެވިފައި. އަދި އޭގެއިތުރުން، ސ. ފޭދޫ، ބ. ތުޅާދޫ، ޅ.ހިންނަވަރު، މ. ދިއްގަރު އަދި ރ. ކަނދޮޅުދޫ ހިމެނޭ. އަދި ޅ. ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދޭ.

މީގެއިތުރުން، މީހުން ދިރިއުޅެން ދަތި ކުދި ރަށްރަށުން، ދިރިއުޅެން ފަސޭހަ ބޮޑެތި ރަށްރަށަށް ސަރުކާރުގެ ޚަރަދުގައި މީހުން ބަދަލުކުރުމަކީވެސް ސަރުކާރުން ވަރަށްބޮޑު ޚަރަދެއް ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް. މީގެތެރެއިން މިހާތަނަށް މީހުން ބަދަލުކުރެވުނު ރަށްތަކުގެ ތެރޭގައި، ހދ. ހޮނޑައިދޫ މީހުން، ހދ. ހަނިމާދުއަށް ބަދަލުކުރުން ހިމެނޭ. ނ. ތޮޅެންދޫ މީހުން ނ.ކެނދިކުޅުދުއަށް، ރ. އުނގުލު މީހުންނާއި ރ. ގާއުނޑޫދޫ މީހުން ރ. ހުޅުދުއްފާރަށް ބަދަލުކުރުމުގެ މަސައްކަތްތައް ވަނީ ހިނގާފައި. އަދި މިހާރު މީހުން ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ތަންތާނގެ ތެރޭގައި، ށ. މާކަނޑޫދޫ މީހުން ށ. ފުނަދުއަށާއި މިލަންދުއަށް، ށ.ފިރުނބައިދޫ މީހުން ށ. ފުނަދުއަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ. މިކަންކަމަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މީހުންނަށް ދަތިނުވާގޮތެއްގެ މަތިން އެމީހުންނަށް ގޯތިގެދޮރުގެ ތަނަވަސްކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކެއް.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދަވިން، ހުޅުމާލޭ މަޝްރޫޢަކީ ވަރަށްބިޔަ، ވަރަށްބޮޑު އަދި ވަރަށް އާދަޔާޚިލާފު މަޝްރޫޢެއް. މިއީ މާލޭ ކަނޑުތޮށްޓާއި އެއްގަމުތޮށިލުމަށްފަހު، ސަރުކާރުން މިހާތަނަށް ހިންގި އެންމެ ޚަރަދުބޮޑު މަޝްރޫޢު. މި މަޝްރޫޢަށް މިހާތަނަށް 62 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވޭ. އަދި ކުރިއަށް އޮތް ތާނގައި ވަރަށްގިނަ ޚަރަދުކުރަންޖެހޭނެ.

ހުޅުމާލޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އަލްފާޟިލް މުޙައްމަދު ޙުސައިންގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވިފަދައިން، މިކަމުން ތިމާވެށްޓަށް ކުރިމަތިވެދާނެ ކަންތައްތަކާ ދޭތެރޭގައިވެސް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ވިސްނާފައި. އަދި އެކަމާބެހޭ ދިރާސާތަކެއްވެސް ވަނީ ކޮށްފައި. އަދި ކުރިއަށް އޮތް ތާނގައި މިފަދަ ރަށަކަށް ދިމާވެދާނެ ކަންތައްތަކަކާ ދޭތެރޭގައި ވިސްނާފައި، ރާއްޖޭގެ ފަސްގަނޑު އެވްރެޖް ގޮތެއްގައި އޮންނަ ވަރަށްވުރެ ހުޅުމާލޭ ފަސްގަނޑު މިއޮތީ އުސްކޮށްފައި. އެވްރެޖް ގޮތެއްގައި ރާއްޖޭގެ ފަސްގަނޑު އޮންނަ ކަމަށް ބުނަނީ، ގާތްގަނޑަކަށް 1 މީޓަރުގެ އުސްމިނުގައި. އާދެ، އެއީ 3 ފޫޓު، ހުޅުމާލެ ހިއްކިފައި މިއޮތީ 2 މީޓަރުގެ އުސްމިނަށް. އެއީ ކުރިއަށް އޮތް ތާނގައި ތިމާވެށީގެ ގޮތުން ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން.

މި މަޝްރޫޢަކީ ވަރަށް އަގުބޮޑު މަޝްރޫޢަކަށްވެފައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫޢަކަށްވާތީ، މި މަޝްރޫޢުން އޭގެ ޒާތުގައިވެސް އާމްދަނީ ލިބޭގޮތަށް އޮތުމަކީ، ހަމަ ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވީމާ، ހުޅުމާލެއިން ގޯތި ދޫކުރުމުގައި އަދި ފްލެޓް ދޫކުރުމުގައި، ސަރުކާރުން ވަކި އަގުތަކެއް ކަނޑައަޅާފައި މިވަނީ. އަގުތައް ކަނޑައެޅުމުގައި، ކުރިންވެސް ދެންނެވި ފަދައިން، މި މަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫޢަކަށް ހެދުމަށްޓަކައި ސަރުކާރުން ޚިޔާލުކުރަންޖެހުނު. އޭގެއިތުރުން، ވީހާވެސް އަގު ކުޑަކުރެވޭތޯވެސް ސަރުކާރުން މަސައްކަތްކުރި. އެހެންނަމަވެސް، ކުރިއަށް އޮތް ތާނގައިވެސް، ހުޅުމާލޭގެ އިތުރު ފިޔަވަހިތައް ކުރިއަށް ގެންދެވެން އޮތީ، އިތުރަށް ފައިސާ ހޯދައިގެން ކަމަށްވާތީ، މި މަޝްރޫޢަކީ އެއިން ފައިސާ ލިބޭގޮތަށް އާދެ، ބިންބިން ވިއްކައިގެންނާއި، ކުއްޔަށް ދޫކޮށްގެންނާއި، ފްލެޓުތައްވެސް ވިއްކައިގެންނާއި، ކުއްޔަށް ދޫކޮށްގެން ފައިސާ ލިބޭގޮތަށް ރާވަންޖެހޭ މަޝްރޫޢަކަށް އޮތީ ވެފައި. އެހެންވީމާ، އެގޮތުގެ މަތިން މިކަން މިގެންދަނީ. މި ދެންނެވި ކަންތައްތަކަށް ޚާއްޞަކޮށް، ފްލެޓް ދޫކުރުމުގައި ސަރުކާރުން އަގު ކަނޑައެޅުމުގައި، މާލޭގެ އަގުތަކަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރި. ރިޢާޔަތް ކުރުމަށްފަހުގައި، މާލޭގެ އަގުތަކަށްވުރެ ކުޑަކޮށް އަގުތައް ކަނޑައަޅާފައިވަނީ. އާދެ، އަޅުގަނޑަށް ދަންނަވަންޖެހެނީ، ވަރަށްބޮޑުތަން ކުޑަކޮށޭ ހުޅުމާލޭ ފްލެޓުތަކުގެ އަގުތައް ކަނޑައެޅިފައި މިވަނީ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމާލޭ ރައްޔިތުންގެ ހިތްޕުޅުގައި އުފެދޭނެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ދަންނަވާލާ ވާހަކައެއް. އާދެ، ހުޅުމާލޭގެ ހައިސިއްޔަތަކީ ކޮބައިތޯ؟ ހުޅުމާލެއަކީ ރާއްޖޭގެ ވަކި ރަށެއްތޯ؟ ނުވަތަ މާލޭގެ ބައެއްތޯ؟ އާދެ، ހުޅުމާލެ އުފެދިގެން މިދަނީ، މާލޭގެ ބައެއްގެ ގޮތުގައި. އެހެންވީމާ، ހުޅުމާލޭގެ ބިންބިމާއި ގޯތިގޯއްޗާއި ޢިމާރާތްތަކާއި ފްލެޓުތައް ރަޖިސްޓްރީކޮށްދީ ބެލެހެއްޓުމާއި، ހުޅުމާލޭ ރަށްވެހިންގެ ރަޖިސްޓަރީ ބަލަހައްޓައި، ހުޅުމާލޭގައި އުފަންވުން ރަޖިސްޓަރީކޮށް، އުފަންދުވަހުގެ ސެޓްފިކެޓް ދޫކޮށް، މިކަންކަން ހިންގަވައި ބަލަހައްޓަވައިދެއްވާނީ، މާލޭ މުނިސިޕަލްޓީން. އެހެންނަމަވެސް، އޭގެއިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި އަދިވެސް ވަރަށްގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާތީ، އިތުރު އިންތިޒާމެއްވެސް ހަމަޖައްސަންޖެހޭ. އެހެން މި ދެންނެވީ، އަޅުގަނޑުމެން އަދި މިއުޅެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެއްބައި ނިމިގެން. ފުރަތަމަ ފިޔަވަހީގައި އަދި ނިންމަންޖެހޭ ވަރަށްގިނަ ބައިތައް އެބަހުރި. ހަމައެހެންމެ، އިތުރު ފިޔަވަހިތަކެއްވެސް މި ބޮޑު މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވޭ. އެހެންވީމާ، ކުރިއަށް އޮތް ފިޔަވަހިތައް ރާވައި، އެކަންތައްތައް ހިންގުމަށް ޚާއްޞަ އިދާރާއެއް ހުރުމުގެ ބޭނުންތެރިކަން ބޮޑުކަމުން، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިދާރާއެއް އުފައްދަން ގަސްތުކުރާ ވާހަކަ އަޅުގަނޑު ދަންނަވާލަން. މި އިދާރާ މި އުފެދެނީ، ހުޅުމާލޭގެ ކުރިއަށް ހުރި ފިޔަވަހިތައް ހިންގުމަށާއި، ކުރިން ދެންނެވި ކަންތައްތައް ނޫން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކުގެ ކަންތައްތައްވެސް ކުރައްވާގޮތަށް.

އާދެ، ހުޅުމާލޭގެ ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި އެންމެ އަވަހަށް ކުރަން އޮތީ، ގޯތިގެދޮރު ޢިމާރާތް ކުރުމުގެ ދެވަނަ ބުރެއްގެ މަސައްކަތް. އެ ބުރަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމަޔަށް އައިސްފައި. އިރާދަކުރެއްވިއްޔާ، ދެވަނަ ބުރުގައި ހަދާ ތަންތަން ޢިމާރާތް ކުރުމުގެ މަސައްކަތް، ވަރަށް އަވަހަށް ބީލަމަށްލެވޭނެ. މިޢިމާރާތްތައް ކުރުމާއި، ޢިމާރާތްތައް ވިއްކުމުގެ މަސައްކަތް ކުރާނީ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި، ހުޅުމާލެ ތަރައްޤީ ކުރުމާބެހޭ ޔުނިޓާ ގުޅިގެން.

ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށްވިޔަސް، މިއީ މާލެއާ ވަކިން އުފެދިފައި އޮންނަ ވަރަށްބޮޑު ސަރަޙައްދެއް. އެހެންވީމާ، މި ސަރަޙައްދުގައި ހުރިހާ އަސާސީ ޚިދުމަތްތަކެއް ހުންނަންޖެހޭނެ. އަދި މިތަނަކީ ވިޔަފާރީގެ މަރުކަޒަކަށްވެސް ވާންޖެހޭ. އެގޮތުން، އެކިއެކި ޞިނާޢީ ބޭނުންތަކަށާއި، ވިޔަފާރީގެ ބޭނުންތަކަށް، ވަކި ސަރަޙައްދެއް ކަނޑައެޅި، އެ ސަރަޙައްދުން ބިން ދޫކުރުމުގެ މަސައްކަތް، ވަރަށް އަވަހަށް ފެށޭނެ ވާހަކަވެސް ދަންނަވާލަން. މިކަން މިހެން ކުރުމުން، ވިޔަފާރީގެ އިތުރު ފުރުޞަތުތަކާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަން ކަށަވަރު.

އާދެ، ހުޅުމާލެ ތަރައްޤީ ކުރުމުގައި، އަމިއްލަ ފަރާތްތަކުގެ ޙިއްޞާވެސް ވަރަށްބޮޑު. މިފަދަ ބޮޑު ބިމެއް އާބާދު ކުރެވި، މިތާނގައި މީހުން ދިރިއުޅެން ފެށުމުން، އަމިއްލަ ފަރާތްތަކަށް އެކިއެކި މަސައްކަތްތައް ކުރެއްވުމަށް ފުރުޞަތުތައް ހުޅުވިގެންދާނެ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކެއްގެ މަސައްކަތްތެރިކަމާއި އެއްބާރުލެއްވުމުގެ ތެރެއިން، މި ސަރަޙައްދަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، ހުޅުމާލޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަބައި ނިމި، ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން ރަސްމީގޮތުން އިފްތިތާޙު ކުރަން ފަށާއިރު، އަޅުގަނޑުމެން ސަމާލުކަންދޭންވީ، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރިކަމަށް އަޅުގަނޑު ދެކެން. އޭގެތެރެއިން އެއްކަމަކީ، ހުޅުމާލެއަކީ ޢުމްރާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، މަދަނިއްޔަތުގެ ގޮތުން ހިތްގައިމު ދިރިއުޅުމަކަށް ބައްޓަންކުރެވޭ ރަށެއްކަން އަޅުގަނޑުމެން ދެނެގަތުން. ހަމައެހެންމެ، ޤައުމުގެ ކުރިމަގުގެ ފޮނި އުންމީދުތަކެއް އެކުލެވިފައިވާ ރަށެއްކަންވެސް އަޅުގަނޑުމެން ގަބޫލުކުރުން. އެހެންވީމާ، އަޅުގަނޑު މި ދެންނެވި ސިފަތައް ދެމެހެއްޓެވުމަށާއި، މިފަދަ މާޙައުލެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް، ހުޅުމާލޭގައި މިހާރު ވަޒަންވެރިވެވަޑައިގެންފައިވާ ޢާއިލާތަކުންނާއި އަދި ކުރިއަށް އޮތް ތާނގައި ހުޅުމާލޭގައި ވަޒަންވެރިވެވަޑައިގަންނަވާނެ ޢާއިލާތަކާއި ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެވަނަކަމަކީ، ހުޅުމާލެއަކީ ވަރަށް ރަނގަޅަށް ރޭވިގެން، ޕްލޭން ކުރެވިގެން އުފެދިފައިވާ ރަށެއް. އެހެންވީމާ، މި ރަށަކީ ވަރަށް ސާފު، ވަރަށް ރީތި، ވަރަށް ފެހި ރަށަކަށް ހަދަން އެބަޖެހޭ. މި ރަށަކީ ވަރަށް ސާފު، ވަރަށް ރީތި، ވަރަށް ފެހި ރަށެއްގެ ގޮތުގައި ދަމަހައްޓަންވެސް އެބަޖެހޭ. ހަމައެހެންމެ، ހުރިހާ ގޮތަކުންވެސް ދިވެހިންގެ އެކުވެރިކަމާއި އެއްބާރުލުމާއި، އެއްބަނޑުއެއްބަފާކަމާއި، ހީވާގިކަމާއި، މަސައްކަތްތެރިކަން ރަމްޒުކޮށްދޭ މަރުކަޒަކަށްވެސް ހުޅުމާލެ ވާން އެބަޖެހޭ. އެހެންވީމާ، މިކަންކަން މިގޮތަށް ކުރިއަށް ގެންދިޔުމުގައި ހުޅުމާލޭ ވަޒަންވެރިން ސަރުކާރާ ވަރަށް ބޮޑަށް އެއްބާރުލައްވައިދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު އެދެނީ، ހުޅުމާލެއަކީ، ޤާނޫނާއި ޤަވާޢިދަށް ޙުރްމަތްތެރިކޮށްހިތާ ރައްޔިތަކު ދިރިއުޅޭ، އަމާން ތަނަކަށް ހައްދަވައިދެއްވުން. އާދެ، މިހާރުވެސް މިއީ އެފަދަ ތަނެއް. އަދި އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ތާނގައި މިކަން ދަމަހައްޓަވައިދެއްވުން.

އާދެ، މީހުން ދިރިއުޅޭ ތަންތާނގައި ތަފާތު މައްސަލަތައް ނުކުންނާނެ. ކޮންމެވެސްވަރަކަށް ކުށްކުރާ މީހުންވެސް ތިބޭނެ. އެމީހުންނާ ދޭތެރޭގައި ފިޔަވަޅުވެސް އަޅަންޖެހޭނެ. ސަރުކާރުން އެކަންތައްތައް ކުރަމުން ގެންދާނެ. މިތާނގައި ފުލުސް އޮފީހުގެ ބައެއްވެސް ހުންނާނެ. އަދި ދިމާވާ އެހެން ކަންތައްތައް ޙައްލުކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން މަސައްކަތް ކުރައްވާނެ ބޭފުޅުންވެސް ތިއްބަވާނެ. އެކަމަކު އަޅުގަނޑު މި ދެންނެވި ކަންތައްތައް ކުރުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ އާދެ، މި ހުޅުމާލޭގައި ވަޒަންވެރިވާ މީހުންގެ ވަރަށްބޮޑު މަސްއޫލިއްޔަތަކަށްވެސް ވާންޖެހޭނެ. މި ރަށަކީ، ޤާނޫނާއި ޤަވާޢިދަށް ޙުރްމަތްތެރިކޮށްހިތާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމުގައި ހެދުމާއި، މި ރަށަކީ މީހުން އުޅޭހިތްވާ، އަމާން، ޞުލްޙަވެރި ތަނަކަށް ހެދުމާ، މިކަންކަމުގައި އެންމެ އިސް ދައުރެއް ކުޅުއްވަންޖެހޭނީ އަޅުގަނޑުހިތުން މިތާނގައި ވަޒަންވެރިވެވަޑައިގަންނަވާ ބޭފުޅުން. ޢާއިލާތަކުންނާއި އަދި އެހެން ފަރާތްތަކުން.

އާދެ، ވަރަށް އަވަހަށް ހުޅުމާލޭގައި، ހުޅުމާލޭގެ ކޮމިޓީވެސް އުފެދޭނެ. ކޮމިޓީގެ މެންބަރުންނާއި އަދި އެނޫން ބޭފުޅުންވެސް މިކަމުގައި އިސް ދައުރެއް އަދާކުރެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ފެށޭ ފެށުން ރަނގަޅުނުކޮށްފިއްޔާ، ފަހުން އޮންނާނީ ކަންތައްތައް ހަމަޔަކަށް އެޅުވުން ވަރަށް ބޮޑަށް ދަތިވެފައި. އެހެންވީމާ، ކަންތައްތައް ފެށޭއިރުވެސް، ވަރަށް ރަނގަޅު ބިންގަލެއްގެ މަތިން ފެށުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މިހާރު ފެށިފައި މިއޮތް ރީތި އޮމާން ފެށުން، އަޅުގަނޑުމެން އެންމެން ދަމަހައްޓަމާތޯއޭ. މި ރަށަކީ، ވަރަށް ހިތްގައިމު، މީހުން ދިރިއުޅޭހިތްވާ، ހިތްފަސޭހަ، ރީތި، އަމާން ރަށެއް ކަމުގައި އެންމެންވެގެން ހަދަމާތޯއޭ. އެކަން އެހެން ހެދުމަށްޓަކައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ. މިކަމުގައި އަޅުގަނޑު ބޭނުންވަނީ، ހުޅުމާލޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި، ފުރިހަމަ ތާއީދު.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ވަރަށް ދިގުވެއްޖެ. އެހެންނަމަވެސް، އެއީ އަޅުގަނޑު ދަންނަވަން ހުރި ވާހަކަތަކުގެ ގޮތުން އެކަން އެހެންވެގެން ދިޔައީ. ތިޔަބޭފުޅުން ތިޔަ ބަހައްޓަވައިދެއްވި ކެތްތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއަށްފަހުގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން، بســم اللّـه الرّحمـن الرّحيــم ހުޅުމާލެ އާބާދުވުން ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމުގެ އުފަލާއި ޝަރަފު ލިބިގަންނަމުން.

والسّلام عليكم ورحمـة اللّـه وبركاته.