بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް، ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް، ފުވައްމުލަކު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މުމްތާޒު އަދި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދު، ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުން، މުއައްސަސާތަކުގެ އިސްވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ފުވައްމުލަކުގެ އެންމެހައި ޢިއްޒަތްތެރި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް، މިއަދަކީ މިއީ ވަރަށް އުފާވެރި ދުވަހެއް. އިއްޔެ ވެގެންދިޔައީ، އަޅުގަނޑުމެންގެ ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވައިދިން ދުވަހަކަށް. އާދެ، އިއްޔެއާއި މިއަދު އަޅުގަނޑުމެންނަށް ފެށިގެންމިދާ މަސައްކަތަކީ، މި ދިގު އިންތިޒާރެއްގެ ނިމުން. އާދެ، އެ މަސައްކަތް ފެށިގެންދާ ދުވަސް. ބަނދަރުގައި އަޅަން ނިންމި މިސްކިތުގެ ޢަމަލީ މަސައްކަތް 18 އަހަރަށްފަހު މިއަދު ފެށިގެންދާއިރު، މިސްކިތް މިހާރު މިވަނީ ބަނދަރާއި އެއަރޕޯޓް ސަރަޙައްދުގެ މިސްކިތެއްގެ ގޮތުގައި ހަމަޖެހިފައި.

ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންޓްރެކްޓަރާ އިއްޔެ މި ޙަވާލުކުރެވުނީ، ފުވައްމުލަކުގެ ގޮނޑުދޮށް ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް. އެއީވެސް އަޅުގަނޑު މި ދެންނެވި ފަދައިން، ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ.

އާދެ، އެއްވެސް ޝައްކެއްނެތް، މިނިސްޓަރުގެ ވާހަކަފުޅުގަޔާއި، އަދި މޭޔަރުގެ ވާހަކަފުޅުގައި، އެ ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެންނަށް މިއަދު މި ވަރަށް ރީތި މިސްކިތެއް ބިނާކުރެވޭއިރު، އެ މިސްކިތް އަޅުގަނޑުމެން ޒީނަތްތެރި ކުރަންޖެހޭނީ އަޅުކަމުންނާއި، އެހެނިހެން ކަންކަމުން. މިސްކިތުގައި ޤުރްއާން ކިޔަވައި، ނަމާދުކޮށް، ހެޔޮ ކަންތައްތައް ކުރަން އެބަޖެހޭ. އަދި ހަމަ އެއާއެކު، އަޅުގަނޑުމެންގެ ޅަދަރިންނަށް މިސާލު ދައްކާ ބަޔަކަށް އަޅުގަނޑުމެން ވާންއެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، އިސްލާމްދީނަކީ އަޚްލާޤުގެ ދީން. އަޅުގަނޑުމެން އުޅެންޖެހޭގޮތް އަޅުގަނޑުމެންނަށް ދައްކައިދެނީ އިސްލާމްދީނުން. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތަރައްޤީގެ ކަންތައްތައް މިއަދު ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އުތުރާއި، ދެކުނާއި، މެދުރާއްޖެ އަތޮޅުތަކާއި، އަދި މާލެ ސަރަޙައްދުގައި ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިނިސްޓަރ އެ ދެއްވި ނަސޭހަތުގައި އަޅުގަނޑުމެން ހިފަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން ވާންޖެހޭނީ އަޚްލާޤު ރަނގަޅު، އެކަކު އަނެކަކަށް އަޅާލައި އޯގާތެރި ބަޔަކަށް. އަޅުގަނޑުމެން އަބަދު ވާންޖެހޭނީކީ، އެއްވެސް ހާލެއްގައި މީހުން ކުރާ ކަންތައްތަކުގެ ގޯސް ވާހަކަ ދައްކާ ބަޔަކަށް ނޫން. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ވާންއެބަޖެހޭ މީހުންނަށް އެހީތެރިވެދީ، ރަނގަޅު މަގު ދައްކައިދިނުމަށްޓަކައި މަސައްކަތް ކުރާ ބަޔަކަށް.

އާދެ، ދީނީގޮތުން ހޭލުންތެރި ކުރުވުމަށާއި އަދި އެނޫން ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް އެބަދެވޭ. މިނިސްޓަރުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ، މިސްކިތްތަކުގައި ޤުރްއާން ކިޔަވައިދެއްވުމުގެ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު، މި ސަރުކާރުން ކުރިއަށް ގެންދެވުނު ވާހަކަ. އެހެންނަމަވެސް، ކޯވިޑުގެ ކަންތައްތަކާހެދި އަޅުގަނޑުމެންނަށް މަޑުޖައްސާލަން ޖެހުނީ. ހަމަ އެއާއެކު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވަނީ ފެށިފައި.

އާދެ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ޚިދުމަތްތަކާއި، އެހެނިހެން އިންތިޒާމުތައް ހަމަޖައްސަމުންދާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަކީވެސް ހަމަ އަޅުގަނޑުމެންގެ ރައްޔިތުންކަން ދެނެވަޑައިގެން، ސަރުކާރުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ އެބަ ކުރައްވާ. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ، ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާއިރު، އަޅުގަނޑުމެން ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭ ކަންތައްތަކެއް ހުރޭ. އެހެންވެ، އެކަމަށްޓަކައި ވަކިން ޚާއްޞަކޮށް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އަދި އިސްލާމިކް މިނިސްޓަރާއި، އިސްލާމިކް މިނިސްޓްރީގެ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން.

އާދެ، ފުވައްމުލަކުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ، ހިންގަމުންގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް. މަގުހަދާ ވާހަކަ އަދި ސްކޫލްތަކާއި އާދެ، ޞިއްޙީ ނިޒާމު ވަރުގަދަކުރާ ވާހަކަ އަޅުގަނޑުމެން ނުދެއްކިޔަސް، ރާއްޖޭގެ އެކި ހިސާބުތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މަންޒަރު އެބަ ފެނޭ. މިއަދު އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ، އަޅުގަނޑުމެން އެކުގައި މަސައްކަތްތައް ކުރުން. ޚާއްޞަކޮށް، އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ. ފުންކޮށް ވިސްނަންޖެހޭ ކަމެއް އެބައޮތް.

އަޅުގަނޑުމެންގެ ޒުވާނުންނަށް ވަބާއެއްގެ ގޮތުގައި ކުރިމަތިވެފައި މިއޮތީ މަސްތުވާތަކެތީގެ ކަންތައްތައް. މިއީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ޙައްލު ހޯދަންޖެހޭ މައްސަލައެއް. އެނގިވަޑައިގަންނަވާނެ، ފަރުވާގެ ޕްރޮގްރާމްތަކާއި، ނިޒާމު ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އެކަށީގެންވާ ގޮތަކަށް ގެންދެވިފައި ނެތުމުގެ ސަބަބުން މައްސަލަ މިވަނީ ވަރަށް ބޮޑުވެފައި. ފުވައްމުލަކަކީ އާބާދީ ބޮޑު ސިޓީއެއްގެ ގޮތުގައި، ރަށެއްގެ ގޮތުގައި އޮތްއިރު، މިކަމުގައި މަސައްކަތްކޮށް، އަޅުގަނޑުމެން އެންމެންގެވެސް ވިސްނުމަކަށްވާންވީ، އަޅުގަނޑުމެން ޒުވާނުންނަކީ ބޭނުންތެރި، އުފެއްދުންތެރި، ޤައުމަށް ޚިދުމަތްކޮށްދޭފަދަ ބަޔަކަށް ހެދުމަށް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު އަދިވެސް އެއްފަހަރު ފާހަގަކޮށްލަން. މި ކުރެވޭ މަސައްކަތާއެކު އަޅުގަނޑުމެންގެ ހުރިހާ ކަމެއް، އިތުރަށް ތަރައްޤީކޮށް ބަދަލުވެގެންދާންޖެހޭ ވާހަކަ ދަންނަވާލަމުން އަޅުގަނޑު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ ހުރިހާ މަސައްކަތެއްގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި އަދި އަޅުގަނޑުމެންނަކީ އަބަދުވެސް އެކަކު އަނެކަކަށް ހެޔޮއެދޭ ބައެއްގެ ގޮތުގައި، އޯގާތެރި ބައެއްގެ ގޮތުގައި ލެއްވުން. ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް އަދަށްވުރެ ފަހި ފާގަތި ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.