بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، އެމްބެސެޑަރ އޮފް ދަ ކިންގްޑަމް އޮފް ނެދަރލޭންޑްސް ހަރ އެކްސަލަންސީ ޓާންޔާ ގޮންގްރިޖް، ދައުލަތުގެ ވަޒީރުން، ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރުން، ސްޓޭޓް މިނިސްޓަރުން، ފުވައްމުލައް ސިޓީގެ މޭޔަރުން، އެމް.ޓީ. ކޯ ގާޑުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އިސްބޭފުޅުން އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، ފުވައްމުލަކުގެ އެންމެހައި ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، އެންމެ ފުރަތަމަވެސް މިއަދު އަޅުގަނޑުމެން މި ރަށަށް އައުމުން، ޚާއްޞަކޮށް، އެމްބެސަޑަރަށާއި އަދި އަޅުގަނޑުމެންނާ އެކީގައި ވަޑައިގެން ބޭފުޅުންނަށް، ފުވައްމުލަކު ރައްޔިތުން ވިދާޅުވި މަރުޙަބާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، ފުވައްމުލަކަށް ބޭނުންވެފައި އޮތް އެންމެ މުހިންމު މި ޕްރޮޖެކްޓް، މި މަސައްކަތް، އާދެ، ޢަމަލީ މަސައްކަތް އިފްތިތާޙު ކުރުމުގެ މި ޙަފްލާގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ، އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ކިބަފުޅަށް ޙަމްދުކޮށް، އަޅުގަނޑު މިކަމަށް އުފާކުރާ ވާހަކަ ދަންނަވަން.
އާދެ، މިއަދު އަޅުގަނޑުމެންނަށް މި ފެނިގެން މިދަނީ ވަރަށް ދިގު އިންތިޒާރެއްގެ މަސައްކަތުގެ ފެށުން. އެނގިވަޑައިގަންނަވާނެ، މި މަޝްރޫޢަކީ މިއީ، މީގެ ދިހަވަރަކަށް އަހަރު ކުރިން، އާދެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔުމަށްޓަކައި ފަށައިފައިވާ މަސައްކަތެއް. އަޅުގަނޑުމެންނަށް ލިބޭ އެއް ހިތްހަމަޖެހުމަކީ، އެ ދުވަހުވެސް މި މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި އެ މަސައްކަތުގައި އެދުވަހުވެސް އުޅުއްވި އޭރުގެވެސް ވަޒީރު، މިއަދުވެސް މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާކަން. އަޅުގަނޑު އެކަމަށްޓަކައި ވަކިން ޚާއްޞަކޮށް، ޕްލޭނިންގ މިނިސްޓަރަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
އާދެ، ފުވައްމުލަކުގެ ތާރީޚުގައި ދިމާވެފައި ހުރި އެކި ކަންތައްތަކުގެ ވާހަކަ، އަޅުގަނޑުމެންގެ މިނިސްޓަރ، ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި. އެނގިވަޑައިގަންނަވާނެ، ފުވައްމުލަކު ރައްޔިތުންނަށް އެންމެ މުހިންމު، އެންމެ ބޭނުންތެރިވި ކަމަކަށް ވެގެންދިޔައީ، ފުވައްމުލަކުގައި ބަނދަރެއް ހެދުމުގެ މަސައްކަތް. މީގެ އަށާރަވަރަކަށް އަހަރު ކުރިން، އެ ބަނދަރު ހުޅުވި، އޭގެ ފަސޭހަކަން ލިބުމާއެކު، ރަށަށް ލިބިގެންދިޔަ ތަރައްޤީގެ ވާހަކަ، ވަރަށް ތަފްޞީލުކޮށް، މިނިސްޓަރ އަސްލަމް ވިދާޅުވެދެއްވައިފި. ހަމައެއާއެކު، އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ، އަނެއްކާވެސް އާދެ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި، މި ރަށަށް އެއަރޕޯޓް ލިބިގެންދިޔަތަން. އަޅުގަނޑު ދަންނަވާނީ، އެއާއެކު ތަރައްޤީގެ ދުވެލި އިތުރަށްވީ ބާރޭ.
އަޅުގަނޑުމެންނަކީ ކޮންމެ ބަޔަކު ކަމެއްކުރިނަމަވެސް، ކޮންމެ ވެރިކަމެއްގައި ކަމެއްކުރިނަމަވެސް، ވަރަށް ހެޔޮ ހިތަކައިގެން ޝުކުރުވެރިކަމާއެކު އެކަން ބަލައިގަންނަ ބައެއް. ފުވައްމުލަކު ރައްޔިތުންނަކީ، ކުޑަވިޔަސް، ބޮޑުވިޔަސް، އެއީ ރައްޔިތުންނަށް ފައިދާކުރަނިވި ކޮންމެ ކަމެއް ކަމަށްވަންޏާ، އެކަމަކަށް ޝުކުރުވެރިވާ ބައެއް.
އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން، މިދިޔަ ސަރުކާރުން އަޅުގަނޑުމެންނަށް، ބޮޑެތި އުނދަގޫތަކެއް، އިތުރު ބޮޑު ޚަރަދުތަކެއް، ރައްޔިތުންނަށް ކުރިމަތިވި އުނދަގުލަކުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނުނަމަވެސް، ނަރުދަމާ ނިޒާމު ޤާއިމުކުރެވިގެންދިޔަކަން. އެހެން އަޅުގަނޑު މީގައި ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނާ އެ ކުރިމަތިވި އުނދަގޫތަކާއި، އެ ތަކުލީފުތައް، މި ސަރުކާރުން ވަނީ ގާތްގަނޑަކަށް ބޮޑު ޚަރަދެއް ކޮށްގެން މިހާރު ނިމުމަކާ ހަމައަށް ގެންގޮސްފައޭ.
އާދެ، އަޅުގަނޑުމެން މިއަދު ނަޒަރު ހިންގާލަންޖެހޭ، ދިވެހިރާއްޖޭގައި ޚާއްޞަކޮށް، އަތޮޅުތަކުގެ ކުދި ރަށްތަކާއި، ބޮޑެތި ރަށްތަކުގައި ހިންގަމުން ގެންދާ މަޝްރޫޢުތަކަށް. އާދެ، ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަޅުގަނޑުމެން ރައްޔިތުންނަށް ފެނިގެން މިދަނީ އަތޮޅުތެރެއަށް އިންޤިލާބީ ބަދަލުތަކަކާއި ތަރައްޤީ، މުޅިން އެހެން ހިސާބަކަށް ގެންދަވާ ބޭފުޅެއްގެ ގޮތުގައި.
އާދެ، އަޅުގަނޑުމެން އުތުރުން ފެށިގެން ދެކުނަށް ބަލައިފި ކަމަށްވަންޏާ. ތަރައްޤީގެ މަޝްރޫޢެއް ނުހިނގާ ހަމަ އެއްވެސް ރަށެއް ނެތް. އެންމެ އުތުރު ތުރާކުނުން އައްޑޫ ސިޓީއާ ދެމެދު ޕްރޮޖެކްޓެއް ނުހިނގާ ހަމަ އެއްވެސް ރަށެއް ނެތް. އާދެ، އިއްޔެ އަޅުގަނޑުމެންގެ ޕްލޭނިންގ މިނިސްޓަރު ވަޑައިގަތީ ކޮންމެވެސް އެއް ރަށެއްގައި، މަސައްކަތެއް ނިމިގެން، އެ މަސައްކަތް ފަށްޓަވައިދެއްވުމަށް. ހަމަ އެއާއެކު، އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރ އަމީރު ވަޑައިގެން ހުންނެވީ، ހަމަ އެފަދަ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތުގައި. މިތަނުގައި ތިއްބެވި ތިން ވަޒީރުން، ދެ ވަޒީރުން ތިއްބެވީ އަވަދިނެތި އެ މަސައްކަތުގެ އެ ކަންތައްތައް ފެށްޓެވުމަށްޓަކައި.
އާދެ، އަޅުގަނޑުމެންގެ މި މަސައްކަތްތައް މެދުކެނޑުމެއްނެތި ހިނގަމުންދާއިރު، ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތަށް ނުގެންނަފަދަ ދަތި އުނދަގޫ ދުވަސްވަރުގެ މަތިން. އެނގިވަޑައިގަންނަވާނެ، 2020 ވަނަ އަހަރުގެ ކުރީކޮޅު ފެބުރުވަރީ ނިމި، މާރިޗު މަހުން ފެށިގެން ދިވެހިރާއްޖެ ދެކެމުންދިޔައީ، އަޅުގަނޑުމެންގެ ސިކުނޑިއަށް، އަޅުގަނޑުމެންގެ ތެރޭގައި ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ސިކުނޑިއަށްވެސް، ދުވަހަކުވެސް ތަޙައްމަލު ނުކުރާ، ފެނިފައިނުވާ އަދި އަޅުގަނޑުމެން ހީވެސްނުކުރާފަދަ ދަތި އުނދަގޫ ދުވަސްތަކެއް.
އާދެ، އެހެންނަމަވެސް، މުޅި ޤައުމު، މުޅި ދުނިޔެ އެއްކޮށް ހުއްޓި، ދިވެހިރާއްޖެއަށް މުދާ އުފުލާ ހުރިހާ ޤައުމެއްގެ ޕޯޓުތައް ބަންދުވެ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ޒިޔާރަތްކުރާ ރަށްރަށުގެ، ޤައުމުތަކުގެ އެއަރޕޯޓުތައް އެއްކޮށް ބަންދުވެ، މުޅި ހުރިހާ ކަމެއް ހުއްޓިގެންގޮސް، ފައިސާ ވަނުން އެއްކޮށް ހުއްޓިގެން ދިޔައިރުވެސް، އެތައް ސަތޭކަ މަޝްރޫޢެއް ހިނގަމުންދިޔަ.
އާދެ، މިއީ 2018 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ބަނދަރުމަތީގަޔާއި، ސްކޫލް ހޯލްތަކުގަޔާއި، މަގުމަތީގަޔާއި، ހުރިހާ ތަނެއްގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ ނަތީޖާ. އޭރުވެސް އަޅުގަނޑުމެން ދެންނެވީ، އަޅުގަނޑުމެންނަށް މި ހެދެނީ ރަނގަޅު އެއްޗެކޭ. ރަނގަޅު އެއްޗެއް ހޯދަން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ވެރިޔަކު ހޯދަން. ކުދި ރަށްތައްވެސް ދަންނަ ވެރިޔެއް. ހުރިހާ ރައްޔިތުން ދަންނަ ވެރިޔެއް. ތަރައްޤީގެ މަޝްރޫޢުތައް ޚާއްޞަކޮށް، ލާމަރުކަޒީ ނިޒާމަކާ ގުޅޭކަހަލަ ކަންތައްތައް ކުރައްވާނެ ވެރިއެއް.
އާދެ، މިއަދު މި ފެންނަނީ، މަގުތަކުގައި ތާރުއެޅުމާއި، ބަނދަރު ހެނދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ހިއްކުމާއި، އެއަރޕޯޓް އެޅުމާއި، މިހެން ގޮސް ތަފާތު އެކި އުމްރާނީ އެތަކެއް މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންދާ މަންޒަރުތައް. މިއީ އަޅުގަނޑުމެން ކުރާނަމޭ ކިޔާފައި ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ރަށުގައިވެސް ކަން ކޮށް ނިންމާފައި، މިދަނީ މަސައްކަތްތައް، ކަންތައްތައް ރައްޔިތުންނާ ހަވާލުކުރަމުން.
އާދެ، މި ރަށަށް އެކަނި ބަލައިލިނަމަވެސް، އަޅުގަނޑުމެން މިހާރު މި ތިބި ސްކޫލްގައި 16 ކްލާސްރޫމްގެ ބްލޮކެއް މިހާރުވަނީ އެވޯޑް ކުރެވިފައި. މި ރަށުގެ އުތުރުން ބަލައިފި ކަމަށްވަންޏާ، ކްލާސްރޫމްގެ ބްލޮކްގެ މަސައްކަތާ އެކީގައި ލެބޯރެޓަރީ މަސައްކަތް ކުރިއަށް އެބަދޭ. މަލްޓިޕަރޕަސް ހޯލް ވަނީ ނިންމާފައި، ހަވާލުކުރެވިފައި. މި ރަށުގެ ދެކުނަށް ބަލައިފި ކަމަށްވަންޏާ، ދެކުނުގައި ހުރި ސްކޫލްގައި، މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އިތުރަށް ބޭނުންވާ ކްލާސްރޫމްތަކުގެ މަސައްކަތްވެސް ދަނީ ކުރިއަށް. މި ރަށުގެ މެދުން ބަލައިފި ކަމަށްވަންޏާ، ރާއްޖޭގެ މޮޑެލް ސްކޫލެއްގެ ގޮތުގައި ސަރަޙައްދުގެ ދަރިން މި ރަށަށް ޖަމާވެ، ތަފާތު އެކި ވައްތަރުގެ ހުނަރުތައް ދަސްކުރުމަށްޓަކައި ސްކޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.
އާދެ، މި ރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓް ބާރަށް ކުރިއަށް އެބަދޭ. އެނގިވަޑައިގަންނަވާނެ، މި ރަށުގެ ލަފާފުރުމުގެ ދަތި ކަންތައްތަކާ، އެކަމާ ގުޅޭގޮތުން މިނިސްޓަރ ވާހަކަފުޅު ދައްކަވައިފި. މި ރަށުގެ ސަލާމަތާއި ރައްކާތެރިކަމަކީ، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް. އެގޮތުން، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވިފައި އޮތް ކަމެއް، މި ރަށުގެ ހަތަރު ނެރު، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބަންދުކޮށް، އެ ތަނަކީވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ޚާއްޞަކޮށް، ރަށުގެ ރައްޔިތުންނަށް ހަދައިދިނުމުގެ މަސައްކަތް. މިހާރު އެކަމުގެ ފަސޭހަކަމާއި، އެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެން އެބަދޭ.
އަޅުގަނޑު މިތާހުރެ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ ދައްކަން ފަށައިފި ކަމަށްވަންޏާ، މި ވާހަކަ ނުނިމޭނެ. އެހާ ގިނަ ޢަދަދަކަށް، އެކިއެކި މަސައްކަތްތައް ކުރިއަށް އެބަދޭ. ހަމައެކަނި ތަޢުލީމީ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، އެއްހާހަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ގާތްގަނޑަކަށް ފަންސާހަށްވުރެ ގިނަ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތްތައް ކުރިއަށް އެބަދޭ، މި ރަށުގައި ދޭއް. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ސްޕީޑް. ހުރިހާވެސް ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ޙާޞިލުކޮށްދިނުން.
އާދެ، ހަމަމިއާއެކު، މި ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ، މީހުން ބިނާކުރުން. އެނގިވަޑައިގަންނަވާނެ، މިހާރު މިއަދާ ހަމައަށް ހަމައެކަނި ސަރުކާރުން ކުރި މަސައްކަތްތައްވެސް، ވޭތުވެދިޔަ ފަސް އަހަރާ ނުބައްދަލު. އެގާރަހާހަށްވުރެ ގިނަ ދަރިވަރުން، ފަސްޓް ޑިގްރީ، ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާރު އެންރޯލްވެގެން ކިޔެވުން ކުރިއަށް އެބަދޭ. ލޯން ސްކީމަށް ބެލިޔަސް، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް މިހާރު މިއޮތީ ބޭނުން ޤައުމަކުން، ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު. އެހެންވީމާ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވީ، މިއީ އަޅުގަނޑުމެންނަށް ދައްކައި ހުސްކުރެވޭނެ، ހުސްވާނެ ވާހަކަތަކެއް ނޫނޭ.
ފާހަގަކުރަންޖެހެނީ، ދަތި އުނދަގޫ ވަގުތެއްގައިވެސް، މުޅި ދުނިޔެ ހުއްޓިފައި އޮތް ވަގުތެއްގައިވެސް، އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކުރިއަށް ގެންދެވޭތީ. އާދެ، އަޅުގަނޑު ހަމަ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމަންޓާއި، ރައީސުލްޖުމްހޫރިއްޔާގެ ޑެޑިކޭޝަނަށް، ޚާއްޞަކޮށް، ރެޔާދުވާލު ކޯވިޑުގެ ދަތި ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އެ ދެއްވި ސަމާލުކަމާއި، ރައްޔިތުންނަށް ދަތި އުނދަގޫތަކެއް ކުރިމަތިނުވެ، ރައްޔިތުންނަށް އެކިގޮތްގޮތުން ދެވެންހުރި ހުރިހާ އެސިސްޓެންސާއި ސަޕޯޓެއް ދެއްވައިގެން، އެ ކުރެއްވި މަސައްކަތް، އެންމެ ކައިރިން ފެނުނު މީހެއްގެ ގޮތުގައި އަޅުގަނޑު ހަމަ އެކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، އަޅުގަނޑުމެންނަކީ، ބަޔަކު ކަމެއް ކޮށްފި ކަމަށްވަންޏާ، އެކަމެއް ބަލައިގަންނަ ބަޔެކޭ. އިންސާނުން ގައިގައި ހުންނަންޖެހޭނެ ސިފަޔަކީ، މުސްލިމުން ގައިގައި ހުންނަން ޖެހޭނެ ސިފަޔަކީވެސް އެއީ. ހެޔޮ ކަންތައްތައް ބަލައިގަތުން. ނުބައި ނުލަފާ ކަންތައްތަކަށް ފުރަގަސްދިނުން. އަޅުގަނޑުމެންނަކީ އެއްވެސް މީހަކަށް ހަޖޫޖަހާނެ ބައެއް ނޫން. އެއްވެސް މީހަކަށް އަޅުގަނޑުމެން ޖޯކުވެސް ނުޖަހާނަން. ކުޑަކަމެއް ކުރީއޭ ކިޔާފައި، ސްޓޭޖުތަކަށް އަރައި، މީހުން އެއްކޮށް، އެކަމަށް ހަޖޫޖަހައި، މަލާމާތްކޮށް، އެއީ ވަރަށް ހަޑި ހުތުރު ސިފައެއް. އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނެއް އެކަހަލަ ނާތަހުޒީބު ކަންތައްތަކެއް، ރައްޔިތުން އެއްކޮށްގެން ނުކުރާނެ. އަޅުގަނޑުމެންނަކީ ރައްޔިތުންދެކެ ލޯބިވާ ބައެއް. ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ހަމައެކަނި މިއައީ. އެއީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް، ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް. ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ޞިއްޙީ ފަރުވާ، ރަށުން ލިބޭނެގޮތް ހަމަޖައްސައިދިނުމަށް. ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކޮށްގެން، މާލެދާން އެ ޖެހޭ ގަދަ ކަނޑުގައި، ގަދަ ވިއްސާރައިގައި، އެ ދަތުރުގެ ތަކުލީފް، އެކަމުން ސަލާމަތްކޮށް، ރަށުން ޚިދުމަތްތައް ލިބޭނެ ގޮތަކަށް މަސައްކަތް ކޮށްދިނުމަށް. ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ހަރުދަނާކޮށް، ރަށުން ރަނގަޅު ދަރިންތަކެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރުމަށް. އެއީ އަޅުގަނޑުމެންގެ ޤައުމަށް އެންމެ ބޭނުންވަނީ ރަނގަޅު ދަރިން، ރަނގަޅު ޖީލެއް ބިނާކުރުން ކަމަށްވާތީ.
މި ހުރިހާ ޕްރޮޖެކްޓަކާއި، މި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށް، ފަސް ޓަރޝަރީ ހޮސްޕިޓަލް ބިނާކޮށް، ޑައިގްނޯސްޓިކް ފެސިލިޓީތަކާއި، ސްކޫލްތަކުގައި އެކިއެކި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުތައް ޤާއިމުކުރުމަށްފަހު، އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން ދިވެހިންނަކީ ތޫނުފިލި ބަޔަކަށްވުމާއެކު، ދިވެހިންނަށް އެކި ފުރުޞަތުތައް ހޯދައިދޭން. ދިވެހިންނަށް ބޭނުންވާ ކަންކަން އިތުރަށް ދަސްކޮށްދިނީމާ، އަޅުގަނޑުމެން ކައިރީގައި މަސައްކަތް ކުރާ ބޭރުގެ އެހެން ފަރާތްތަކަށްވުރެ މާމޮޅު.
އެހެންވީމާ، އެ މަސައްކަތަކީ އެންމެ މުހިންމު ކަމެއްކަން އެނގިގެން، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރަނގަޅު ޕްލޭނަކާއެކު. ރައްޔިތުންނަށް ބޭނުންވަނީ، ކޮން ކަމެއްކަން، މުޅި ސަރުކާރުގެ، ހުރިހާ މިނިސްޓަރުން ފެށިގެން އަދި އެއަށްވުރެ ތިރިން މަސައްކަތް ކުރަން ތިބި ހުރިހާ ފަރާތްތަކަށް އެ ތަޞައްވުރު ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެނގިގެން، އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ. އެއްދުވަހު އެ މިޞްރާބަށް އަނެއްދުވަހު މި މިޞްރާބަށް އެއްގޮތަކަށްވެސް ނޭނގި ދަތުރުކުރާ ބައެއްނޫން. އެހެންވެ، އަޅުގަނޑު ހަމަ މި ކަންތައްތައް ފާހަގަކޮށްލަން ބޭނުންވީ.
އެނގިވަޑައިގަންނަވާނެ، ހަމަހަމަކަން ޤާއިމުކުރުމާއި، ގެއްލިފައި އޮތް އިންޞާފު އަނބުރާ ގެނެސް ރައްޔިތުންނަށް ހަވާލުކުރުމާއި، ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމާއި، ކަނޑު ދަތުރުފަތުރުގެ ނިޒާމުތައް ވަރުގަދަކުރުމާއި، މި ކަންތައްތަކަކީ މިއީ ވަޢުދުވާންޖެހޭ ކަންތައްތައް. ފެނިވަޑައިގަންނަވާނެ، ވަޢުދުވީމާ، އެ ވަޢުދަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އެ ވަޢުދާ އެއްގޮތަށް ކަންތައްތައް ކުރަންޖެހޭނެ.
ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި ސަރުކާރުން އޭރު ވަޢުދުވި، ރާއްޖޭގައި މަސްހުނިވެފައި ހުރި ކަންތައްތައް، އަތް ބާނައިގެން އުޅޭ ކަންތައްތައް ހުއްޓުވައި، އެ ބައެއްގެ ކަންތައްތައް ކުރަން އެ ބަޔަކަން ޖާމިނުކޮށް، އެކަން ދޫކޮށްލަން. މިއަދު އަޅުގަނޑު މި ދެންނެވީ ކޮން ވާހަކައެއްކަން ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ދަންނަވަން މި އުޅެނީ، ޤައުމަކަށް ހަމަޖެހުން ލިބޭނެ ކޮންމެވެސް ދުވަހެއް އަންނަންޖެހޭނެއޭ. ތާއަބަދު ކޮންމެވެސް ތަނަކުން ފުރާޅުން ޓިނު ނެގުން، ފާރެއް ތަޅާލުން، ދޮރު ވައްޓާލުން، އެއީކީ ތަހުޒީބުވަމުން އަންނަ ޤައުމުތަކަށްވެސް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ކަންތައްތައް ކުރާ އުޞޫލެއް ނޫން. ދުނިޔޭގެ އެންމެ ނާތަހުޒީބު ޤައުމުތަކުގައިވެސް، އެ ބާވަތުގެ ހަޑިހުތުރު ކަންތައްތަކެއް ނުކުރާނެ.
އެހެންވީމާ، މި ސަރުކާރަކީ އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމަކަށް، ރައްޔިތުންނަށް ޙުރްމަތްތެރިކޮށްހިތައިގެން، ރައްޔިތުންނަށް އިޙްތިރާމާއެކު ކަންތައްތައް ކުރާނެ ސަރުކާރެއް. އިރާދަކުރެއްވިއްޔާ އިންޞާފު ޤާއިމުކުރެވިގެންދާނެ. ރައްޔިތުންނަށްވީ ވަޢުދުތައް އިރާދަކުރެއްވިއްޔާ، ރަނުންރަނަށް ފުއްދައި، ދިވެހި ރައްޔިތުންގެ ފައިސާގައި އަތްލައި، އޭގެ ބޭނުން ދުވަހަކުވެސް، އަޅުގަނޑުމެން ނުކުރާނެ. އެހެންވީމާ، އެކަމުގެ ހަމަ ޔަޤީންކަން، އަޅުގަނޑު ދެން. ކޮންމެހެން އެ ވާހަކަ މިތާނގައި ދައްކާކަށް ނުޖެހޭ، އެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން އެބަދޭ. އެހެންވީމާ، މިއީ މިއަދު އަޅުގަނޑުމެން ދައްކަންޖެހޭވަރުގެ ވާހަކަތަކަކަށްވާތީ އަޅުގަނޑު މި ދަންނަވާލީ.
އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ޤައުމުގައި މިދާ ސްޕީޑްގައި މަސައްކަތްތައް ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ގުޅުން ވަރުގަދަކޮށް، އެކުގައި މަސައްކަތް ކުރެވެން އެބަޖެހޭ ވާހަކަ. އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންނަށް މުހިންމީ ކޮން ކަމެއްތޯ؟ އެންމެ މުހިންމީ ކޮން ކަމެއްތޯ؟ ޤައުމުގެ ތަރައްޤީތޯ؟ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުންތޯ؟ ރަނގަޅު ވަސީލަތްތައް ޤާއިމުކުރުންތޯ؟ ނޫނީ ވާރޭގައި، ނޫނީ ކޮންމެވެސް އެހެންގޮތަކަށް، ތަނަކަށް އެއްވެ ތިބެގެން، ކޮންމެވެސް އެހެންކަހަލަ ކަންތައްތަކެއް ކުރުންތޯ؟ މިއީ ވަރަށް ފަސޭހަ ކަމެއް. އަޅުގަނޑުމެންނަށް ހަމަ މިނެކިރައިލެވޭ. ސިމްޕަލް ކަންތައްތައް މިއީ. ގްރޭޑް 2ގެ ކުދިންނަށްވެސް މިހާރު ވަރަށް އެނގޭނެ. ގްރޭޑް 1ގެ ކުދިންނަށްވެސް އެނގޭނެ. އެހެންވީމާ، އަޅުގަނޑުމެން ދާންވީ އެއް މިޞްރާބަކަށް. ތަރައްޤީގައި ކުރިއަށް އަޅުގަނޑުމެން ދާންވީ. އަޅުގަނޑުމެން ބަދަލުވާންވީ ފަސްޓް ވަރލްޑް ޤައުމަކަށް. އެ ދިމާއަށް ދެވެންއޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްގެން.
އާދެ، އަޅުގަނޑުމެންނާއެކު، ނެދަރލޭންޑްސްގެ ސަފީރުވެސް އެބަ އިންނެވި. އަޅުގަނޑު ހަމަ ކޮންމެވެސް އެއްޗެއް ދަންނަވާލާނަން.
Joining here with us today is the Ambassador of the Kingdom of Netherlands to the Maldives, Her Excellency Tanja Gonggrijp, I would like to thank you on behalf of the people of Fuvammulah for taking time out of your busy schedule to visit us here, just taking part in this important ceremony here. I know it is not a good time, it is not an easy convenient time to travel, but we have profound gratitude to you for your active role in making this happen. So thank you, thank you very much for joining us here today and we wish you all the best.
އާދެ، ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ މިކަމުގައި ވަކިން ޚާއްޞަކޮށް، ހަމަ ޝުކުރު އަދާކުރަން ބޭނުން، ޕްލޭނިންގ މިނިސްޓަރަށް އަދި އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރަށް. އެދެބޭފުޅުން ވަރަށް އިސް ދައުރެއް އަދާކުރެއްވި. ވޭތުވެދިޔަ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ހަމަ މެދުކެނޑުމެއްނެތި މި މަސައްކަތްތައް ކުރަމުންދިޔައީ. ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފެށްޓެވީ ރާއްޖޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު ޕްރޮޖެކްޓް. ދެން އަޅުގަނޑަކަށް ހިއެއްނުވޭ، މިއަށްވުރެ ވަކި ބޮޑު ޕްރޮޖެކްޓެއް، މިޒާތުގެ ޕްރޮޖެކްޓެއް އަންނާނެހެނެއް. ރާއްޖޭގައި މި ޕްރޮޖެކްޓްގެ މަސައްކަތްތައް އެންމެ ބާރަށް ކުރިއަށް ގެންގޮސް، މި ދައުރުގެ ތެރޭގައި ވީހާވެސް އަވަހަކަށް މި ކަންތައްތައް ކުރަން ބޭނުންވޭ. އެހެންވީމާ، އެދުވަހުން ފެށިގެން ޚާއްޞަކޮށް، މިނިސްޓަރ އަމީރު އަދި މިނިސްޓަރ އަސްލަމް މި މަސައްކަތް ފެށްޓެވި. ހަމަ އެއާއެކު، ރަށު ކައުންސިލާއި އަދި އޭރު ސިޓީ ކައުންސިލުންވެސް ހަމަ މި މަސައްކަތް އެކީގައި ކުރެވިގެން ދިޔައީ.
ހަމަ އެއާއެކު، އަޅުގަނޑު ފާހަގަކުރަން، އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރުން، ރަށުގެ ތަރައްޤީގެ ހުރިހާ މަސައްކަތެއްގައި ކުރައްވާ މަސައްކަތްތައް. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާ. ހަމަ އެއާއެކު، އަޅުގަނޑު ނިންމާލުމުގެ ކުރިން، ސިޓީ ކައުންސިލް މެންބަރުންނާއި، ރަށުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން ކުރެއްވި މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން.
އަދި ހަމަ އެއާއެކު، އަޅުގަނޑު ފާހަގަކުރަން. މި ރަށުގެ ކުރީގެ، އޭރު އަޅުގަނޑުމެން ކިޔައިއުޅެނީ އަތޮޅުއޮފީސް. އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ، އަތޮޅުއޮފީސް ހިންގަވަން ހުންނެވި އެއް ބޭފުޅަކުވެސް، ޙުސަޢިން ޝަރީފްވެސް އަޅުގަނޑަށް އެބަ ފެނޭ. އެބޭފުޅުންވެސް ޚާއްޞަކޮށް، މި ރަށަށް ދިމާވެފައި ހުރި މި ބާވަތުގެ ކަންތައްތައް ޙައްލުކުރުމަށްޓަކައި ކުރެއްވި ގިނަގުނަ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަމުން، ޖުމްލަކޮށް، ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ފާގަތި ދުވަސްތަކެއް، އަމާން ދުވަސްތަކެއް މިންވަރުކުރެއްވުން. އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވައި، އެކުގައި އުޅެވޭނެ ރީތި މިސާލު ދައްކައިގެން، އެކުގައި އުޅެވޭނެކަހަލަ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެން ލެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.