ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ޚުދުމުޚުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޮރ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވައިފިއެވެ.

ވަރޗުއަލްކޮށް ބާއްވަވާ ކުރިޔަށްގެންދާ މި ސަމިޓުގައި ޤައުމުތަކުގެ އިސް ލީޑަރުންނާއި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، އަމިއްލަ ފަރާތްތަކުން ބައިވެރިވެލެއްވިއެވެ. ޑިމޮކްރެސީތަކަށް ހުރި ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް އަމާޒުކޮށް ކުރިޔަށް ގެންދާ މި ސަމިޓަކީ ޑިމޮކްރަސީއާ އިންސާނީ ޙައްޤުތައް ދިފާޢުކުރުމާއި އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ޙިއްޞާކުރެއްވުމަށް ވެސް އޮތް ޕްލެޓްފޯމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓިކް ހަމަތައް ބޮއްސުންލާންފަށައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން އިތުރުވަމުންދާ މި ދަނޑިވަޅަކީ މިފަދަ ސަމިޓަކަށް އެންމެ މުނާސަބު ވަގުތު ކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު ޑިމޮކްރެސީ ހަރުދަނާކުރުމާއި އި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޚުދުމުޚުތާރުވެރިން ހުއްޓުވުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރު އޮތް މާލިއްޔަތު ޤާނޫނާއި ގަވާއިދު އިޞްލާޙުކޮށް، ޤާނޫނީ އޮނިގަނޑުގައި ހުރި ފަރަޤުތައް ނައްތާލުމަށް އަމާޒު ހިފައިގެން މަސައްކަތްކުރަމުންގެންދާކަން ފާހަގަކުރައްވައި މިކަންކަމާއެކު "އޯޕަން ޕާޓްނަރޝިޕް"އަށް މަގުފަހިވެ، މިހާރަށްވުރެ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށް ވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ޖުޑިޝަރީ ހަރުދަނާކޮށް މިނިވަންކަން އިތުރުކުރުމާއި މި ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މުހިންމު މަސައްކަތްކުރަނީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މިނިވަން ޝަރުޢީ ނިޒާމެއްގެ މުހިންމުކަން ބޮޑުވީމާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މިހާރުވެސް ތަޢުލީމީ ދާއިރާގެ 78 އިންސައްތަ ހިއްސާކުރަނީ އަންހެނުންކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ދާދިފަހުން ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ކޮންމެ ކައުންސިލެއްގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރަށްރަށުގައި މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަމިޓް ފޯ ޑިމޮކްރަސީ"ގެ ނަމުގައި ވަރޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މިސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.