މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މާލެއަތޮޅު ގާފަރަށް މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ މި ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ 2 ދުވަހުގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ޤާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށާއި، ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށާއި، ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގާފަރުގައި ބާއްވަވާ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ވެސް މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު ބަނދަރު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގާފަރުގައި ޤާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރެއްވުމަށާއި، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.