ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ނިއުޒިލޭންޑްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖެއާއި ނިއުޒިލެންޑާއި ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރިތާ 47 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު ކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެއިން ނިއުޒިލެންޑަކީ ރަނގަޅު އެކުވެރިއެއްގެ އިތުރުން ރަނގަޅު ބައިވެރިއެއްކަމުގައިކަންދެކޭކަމަށް ފާހަގަކުރެެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ނިއުޒިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްޤައުމުން އަނެއް ޤައުމަށް ޚާއްޞަ އަދި ދެޤައުމުގެވެސް ޝައުޤުވެރިކަން އޮނަނަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ މިހާރުގެ ކޯވިޑް-19 ގެ ޙާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ޤައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.