بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި ދައުލަތުގެ އިސްވެރިން، އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މީގެ އަށްސަތޭކަ ނުވަދިހަ ފަސް އަހަރު ކުރިން، އަޅުގަނޑުމެންގެ ކާބަފައިން ވަނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ބަލައިގެންފައި. އެހެންކަމުން، މި މަތިވެރި، މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އަޅުގަނޑު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.

އާދެ، އެއްވެސް ޝައްކެއްނެތް، ބަޔަކަށް ލިބޭނެ އެންމެ ބޮޑު ނަސީބަކީ، މުޅި އިންސާނީ ދަރިފަސްކޮޅަށް ލިބިގެންދިޔަ އެންމެ ބޮޑު ނަސީބަކަށް މިވަނީ އިސްލާމްދީނުގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔުން. އާދެ، މިކަމަށްޓަކައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދުކޮށް ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުމެން މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އާދެ، ވަކިން ޚާއްޞަކޮށް، އިސްލާމްދީނުން އަޅުގަނޑުމެންނަށް ލިއްބައިދޭ ފިލާވަޅުތައް. މިކަމާމެދު އަޅުގަނޑުމެން ވިސްނައި، އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ.

އާދެ، މުޅި އިސްލާމްދީނުން އަޅުގަނޑުމެންނަށް ދައްކުވައިދެނީ ސީދާވެގެންވާ ތެދުމަގު. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކުގެ ޙައްލު. އެހެންވީމާ، މިއަދު އަޅުގަނޑު ޚާއްޞަކޮށް، ލޮބުވެތި ދަރިވަރުންނާއި އަދި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެބަޖެހެއޭ، ކަންތައްތައް ހޯދައި ބަލާ ބަޔަކަށްވާން. ޤުރްއާނުގެ އެންމެ ފުރަތަމަ، މި ފެށުމުގައި އަޑުއިވިގެންދިޔަ މޫރިތި އާޔަތްތަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅުއްވާ ކަމެއްގެ ގޮތުގައި، އާދެ، އާލްޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި، މާތްރަސްކަލާނގެ އަންގަވާފައިވަނީ، އަޅުގަނޑުމެން އަޚުންތަކެއްގެ ގޮތުގައި ވުމަށް. އެހެންވީމާ، މިއަދު މުޖުތަމަޢެއްގެ ތެރޭގައި އޮންނަންޖެހޭނެ އެންމެ މުހިންމު ކަމަކީ މިއީކަން ޤަބޫލުކޮށް، އަޅުގަނޑުމެން އެބަޖެހޭ، އެއްބައިވަންތަ ބައެއްގެ ގޮތުގައި ވުމަށް.

އާދެ، އަޅުގަނޑު އެހެން މި ދެންނެވީ، މިއަދު ބަދަލުވަމުންދާ، ކުރިއަރަމުންދާ ދުނިޔޭގައި ތަފާތު އޮއިވަރުތައް އެބަހުރި. މިއަދު އެމެރިކާގައި ހިނގާ ކަންތައްތައް، އޮސްޓްރޭލިޔާގައި ހިނގާ ކަންތައްތައް، އަޅުގަނޑުމެންނާ ކިތަންމެ ދުރުގައި އެ ޤައުމުތައް އޮތް ނަމަވެސް، ހަމަ މިނެޓެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް އާދޭ.

އާދެ، ރަނގަޅު ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާއިރު، އޭގެތެރެއިން އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ކަންތައްތަކެއްވެސް އަޅުގަނޑުމެންނާ ހަމައަށް އާދޭ. މިފަދަ ކަންތައްތަކަށް އަޅުގަނޑުމެން މިއަދު ފާރަވެރިވާން އެބަޖެހޭ. އަޅުގަނޑުމެންގެ ދަރީންނަށާއި، ޤައުމަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކާމެދު ވިސްނައި، އެ ކަންތައްތަކުން އަޅުގަނޑުމެން އަބަދުވެސް އެއްކިބާވެގެން ތިބޭ ބަޔަކަށްވާން އެބަޖެހޭ. އާދެ، މިކަންތައްތަކަށް އިތުރު ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ.

އާދެ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ތިބެ، އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި، ޚާއްޞަކޮށް، ހަރުދަނާ ސިފަތައް، އާދެ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތަށް އަށަގެންނެވުމަށްޓަކައި މަސައްކަތްތައް ކުރަން އެބަޖެހޭ.

އާދެ، އިސްލާމްދީނުން އަޅުގަނޑުމެންނަށް ދައްކުވައިދޭ އެންމެ މުހިންމު ކަމަކީ، ރިވެތި އަޚްލާޤު. މުޅި އިސްލާމްދީނަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ، ރިވެތި އަޚްލާޤު. އެކަކު އަނެކަކަށް އިޙްތިރާމު ކުރަންޖެހޭކަމާއި، އެކަކު އަނެކަކަށް ކަންކަމުގައި މާފުކުރަންޖެހޭކަމާއި، އަޅައިލުމާއި ހިތްހެޔޮކަން، އެހެން މީހުންނާ ދޭތެރޭ ބަހައްޓަން ޖެހޭނެކަން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެން މީހަކަށް ކޮށްދޭ ހެޔޮ ކަމަކުން، ބުނާ ހެޔޮ ބަހަކުން، އަޅުގަނޑުމެންނަށް ދެވޭ ހިނިތުންވުމަކުން، އަޅުގަނޑުމެން އަތުންދާ ހަމަ އެއްވެސް އެއްޗެއް ނެތް. ޙަޤީޤަތުގައި އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެންނަށް އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް. ވަރަށް ބޮޑު އުފާވެރިކަމަކަށް މިވަނީވެސް، އެހެން މީހަކަށް މި ދެންނެވި ގޮތަށް، ގޯހެއް ހެދޭ ފަހަރަކު، އެކަންތައް ރަނގަޅުކޮށްދިނުމާއި، ދަތި އުނދަގުލެއް ދިމާވާ މީހަކަށް އެހީތެރިވެދިނުމާއި، އޯގާތެރިކަން އިސްކުރުން. އާދެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ދާން ބޭނުންވާ މަގުން، އެންމެ ފަސޭހަކޮށް ކަންތައްތައް ކާމިޔާބުކުރެވެން އޮތީވެސް މިގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެން.

އާދެ، މިއަދު މިތަނަށް ވަރަށް ގިނަ ބެލެނިވެރިންވެސް ވަޑައިގެން އެބަ ތިއްބެވި. އަޅުގަނޑު ޚާއްޞަކޮށް ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެން، މުޖުތަމަޢުގެ ތެރޭގައި އުޅޭއިރު، އަޅުގަނޑުމެން މީގެ އަހަރުތަކެއް ކުރިން ކަންތައްތައް ކުރިގޮތާ ޚިލާފަށް ކަންތައްތައް ކުރަން އެބަޖެހެއޭ. މި ދެންނެވި ގޮތަށް، ގާތުން ކަންތައްތައް ބަލައި، އަޅުގަނޑުމެންގެ ދަރިންގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހެއޭ.

އާދެ، ރަނގަޅު ދަރީންތަކެއް، ޤައުމެއްގައި މި އުފެދެނީ، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން. އެއީކީ ހަމައެކަނި މުދައްރިސުން ނުވަތަ ޢިލްމުވެރިން، ނޫނީ އަދި މައިންބަފައިން ހަމައެކަނި ކުރާ މަސައްކަތުންވެސް ކާމިޔާބުވާ ކަމެއް ނޫން. އާދެ، ޤައުމެއްގެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި މުޅި މުޖުތަމަޢުގެ ބައިވެރިވުން އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ޤައުމުގައި ހަމަޖެހުން އޮތްހައިހިނދަކު، އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ކުރިއެރުމެއް، އާދެ، އޭގެ ހިއްސާ ކުރާނީ ދިވެހި ހުރިހާ ރައްޔިތުންނަށް. އެހެންވީމާ، ޤައުމުގެ ކުރިއެރުމާއި، ޤައުމުގެ ހަމަޖެހުމަށް އަޅުގަނޑުމެން އެކުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ޢާންމުކޮށް ދިރިއުޅެމުންދާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ ބައެއް ކަންތައްތަކަކީ، އަޅުގަނޑުމެންގެ ކޮންޓްރޯލް، އެކަމުގައި ނޯންނަ ކަންތައްތައް. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަ ގޮތުން، އަޅުގަނޑުމެން ކުރާ ކަންތައްތަކެއްގެ ސަބަބުންވެސް އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ދިމާވޭ. އާދެ، ޚާއްޞަކޮށް، ޞުލްޙަވެރިކަމަށް ލޯބިކުރާ މުޖުތަމަޢެއްގައި އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެންގެ ސަބަބުން ދިމާވެދާނެ އެއްވެސް ނުރައްކަލެއް އޮތްކަމަށްވަންޏާ، އެކަމަކަށް ސަމާލުވެ، އަޅުގަނޑުމެން އެކަހަލަ ކަންތައްތަކާ ދުރުހެލިވާންޖެހެއޭ.

އާދެ، އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބަޔަކީވެސް ވަރަށް ބޮޑަށް، ވަރަށް ހޭލުންތެރި، ކުރިންވެސް މި ދެންނެވި ގޮތަށް ރާއްޖެއިން ބޭރުގައި ހިނގާ ކަންތައްތައް ވަރަށް ގާތުން އަޅުގަނޑުމެންނަށް ފެނިގެންދެއޭ. އެހެންވީމާ، މިކަންތައްތަކާ ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ މުޖުތަމަޢަށް މިއަދު ލިބެމުންދާ ގެއްލުންތަކާއި އަދި އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ލިބެމުންދާ ގެއްލުންތަކަށް ވިސްނައި، މިކަމުން އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތްކޮށް އަދި މުޅި ޤައުމު ސަލާމަތް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ކުރީގައި އޮތް ގޮތަކަށް ނޫން ކަންތައްތައް މިއޮތީ. އަޅުގަނޑުމެންނަށް މިވަނީ އަޅުގަނޑުމެންގެ ޙަޔާތުގައި ނުފެންނަވަރުގެ، ނުދެކޭވަރުގެ ބޮޑު އިމްތިޙާނެއް ކުރިމަތިވެ، ދަތި އުނދަގޫ ދުވަސްތަކެއް ވޭތުކޮށްފައި. އާދެ، އޭގެ ސަބަބުން އަސަރުނުކުރާ އެންމެ ޢާއިލާއެއްވެސް، އެންމެ މީހެއްވެސް، އެންމެ ދަރިވަރެއްވެސް ނެތް. އެހެންވީމާ، މި ހުރިހާ ކަމެއްގެ އަލީގައި، އަޅުގަނޑުމެންނަށް ދިމާވާ މިކަހަލަ ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެން ފިލާވަޅުތަކެއް ހާސިލުކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި، ކުރިއެރުމަށްޓަކައި ވަރުގަދަ ޖީލެއް އަޅުގަނޑުމެން އުފައްދަން އެބަޖެހޭ. ދިމާވާ ކޮންމެ ކަމަކުން، ޖެހޭ ކޮންމެ ޝޮކަކުން، އަޅުގަނޑުމެންނަށް އެ ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެކަމަށް އަޅުގަނޑުމެން ޚާއްޞަކޮށް، މިއަދުގެ ދަރިވަރުން ތައްޔާރުވާން އެބަޖެހޭ. ޤައުމު ބިނާކުރުމުގެ އެންމެ އިސް ރޯލެއް، އެ މަސްއޫލިއްޔަތު މާދަމާ އޮތީ، ދަރިވަރުންގެ އަތްމަތީގައި. އެހެންވީމާ، މިއަދު ދަރިވަރުން މިކަމަށް ޚާއްޞަކޮށް ވިސްނައި، ކޮންމެ ކުއްޖަކީވެސް ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތްތެރި، އުފެއްދުންތެރި، މައިންބަފައިން ދެކެ ލޯބިވާ، ޤައުމައިގެން ކުރިއަށް ދެވޭނޭފަދަ ކުދިބަޔަކަށްވާން މަސައްކަތްތައް ކުރަން އެބަޖެހޭ. މުދައްރިސުންނާއި، މައިންބަފައިންގެ ބަސްއަހައި، މަސައްކަތެއް ދަސްކޮށް، ދިރިއުޅުމަކަށް އަހުލުވެރި ބަޔަކަށްވާން ގަދައަޅައި މަސައްކަތް ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ އިސްލާމްދީނަކީ، އަޅުގަނޑުމެންނަށް ހެޔޮގޮތުގައި، ހެޔޮ ކަންތައްތައް ކުރުމަށް، ޞާލިޙު ޢަމަލުކުރުމަށް ބާރުއަޅާ ދީން. އާދެ، ފުރްޤާން ސޫރަތުގެ 70 ވަނަ ޢާޔަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ވަޙީކުރައްވާފައިވޭ، އާދެ، އަޅުގަނޑުމެން ހެޔޮ ޢަމަލުތައް ގިނަގިނައިންކޮށް، ތައުބާވެ، ޞާލިޙު ކަންތައްތައް ކުރާ މީހުންގެ ނުބައި ޢަމަލުތައްވެސް ހެޔޮ ޢަމަލުތަކަށް ބަދަލުވެދޭ. އަޅުގަނޑުމެން އެބަޖެހޭ، ކޮންމެ ދުވަހަކުވެސް ކަންކަމާމެދު ވިސްނަން. ފުންކޮށް ވިސްނައި، ކަންކަން ކުރާ ބަޔަކަށްވާން އެބަޖެހޭ. އަޅާ ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިން، އަޅުގަނޑުމެންނަށް މި ކުރެވެނީ އެންމެ ރަނގަޅު ކަމެއްތޯ ބަލަން އެބަޖެހޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑަށް މިއަދު މިހާ މަތިވެރި، މާތް، އެ ދުވަހެއް ފާހަގަކުރުން އެންމެ މުހިންމު، އެންމެ އައުލާކަން ބޮޑު ދުވަހު، ތިޔަބޭފުޅުންގެ ކުރިމަތީގައި ހުރެގެން، ކުރު ނަމަވެސް އެއްޗެއް ދަންނަވައިލުމުގެ ފުރުޞަތު ލިބުނީތީވެ، އަޅުގަނޑު އެކަމަށްޓަކައި ތިޔަ އެންމެހައި ބޭފުޅުންނަށް، ހޯމް މިނިސްޓަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ޤިޔާމަތާ ޖެހެންދެން اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑު، އިސްލާމްދީނުގެ އަލިގަދަ ނޫރުން އުޖާލާވެގެންދާ ތަނެއްގެ ގޮތުގައި ލެއްވުން. އަދި ދިވެހި ރައްޔިތުންނަށް އިސްލާމްދީނުގެ ހިދާޔަތު ތާއަބަދު މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.