بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމް، ދައުލަތުގެ ވަޒީރުން، ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ޑެޕިއުޓީ މޭޔަރ، ކައުންސިލް މެންބަރުން، އެމް.ޓީ.ސީ.ސީ.ގެ ހީވާގި މުވައްޒަފުން، އަދި ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، ފުވައްމުލަކު ރައްޔިތުންނަށް މިފަދަ މުހިންމު ބޭނުންތެރިކަމެއް ކޮށްދެއްވާތީ، އެކަމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމަށާއި، އަދި އެމް.ޓީ.ސީ.ސީ.ގެ ހީވާގި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދިގުކޮށް ނުދެންނެވި ނަމަވެސް، ފުވައްމުލަކުގެ ތާރީޚުގައި ކަނޑުގައި ޚާއްޞަކޮށް، ލަފާފުރުމުގައި ހިނގާފައި ހުރި ހިތާމަވެރި ހާދިސާތަކަކީ އެއީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް އެނގޭ ކަމެއް. އާދެ، މިއޮތީ ފެންނަން. މިއީ އަދި އެންމެ ވައިގަދަ، އެންމެ ކަނޑުގަދަ ދުވަހެއްވެސް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، މިގޮތަށް ގިނަ ދުވަސްތަކެއްގައި ފުވައްމުލަކު ރައްޔިތުން ދިރިއުޅެން ޖެހިފައިވާކަން. އާދެ، އެއާއެކު، މޭޔަރ އެ ވިދާޅުވިގޮތަށް، 1980ގެ ކުރީކޮޅު ލަފާފުރުމުގެ ފަސޭހަކަން ލިބިގެން އައުމާއެކު، ހިތާމަވެރި ކަންތައްތަކެއްވެސް މިއަދާ ހަމައަށްވެސް ހިނގަމުން އެބަދޭ. ލަފާފުރުމުގަޔާއި އަދި ކަނޑުވެ، އެކި ގޮތްގޮތުން ފުރާނަ ގެއްލިފައިވާ ފަރާތްތަކަށް، اللَّـهُ سُبْحَانَهُ وَتَعَالَىٰ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، މިއަދު އެމް.ޓީ.ސީ.ސީ.އިން ތިޔަ ކޮށްދެއްވާ ކަންތައްތަކުގެ ސަބަބުން އިރާދަކުރެއްވިއްޔާ، ފުވައްމުލަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. އާދެ، އަޅުގަނޑުގެވެސް އުންމީދަކީ، ސީ.އީ.އޯ. އެ ވިދާޅުވިގޮތަށް، ވީހާވެސް އަވަހަކަށް މި މަސައްކަތް ނިމިގެންދިޔުން. އާދެ، އެމް.ޓީ.ސީ.ސީ.ގެ މަސައްކަތްތަކާ ގުޅޭގޮތުން ސީ.އީ.އޯ. ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައިފި.

އަޅުގަނޑު ދަންނަވާލަން އޮތީ، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ގިނަ ވަޢުދުތަކަކާއެކު. ގިނަ ކަންތައްތަކެއް، މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވާނެކަމުގެ ވަޢުދާއެކު. އާދެ، ތިން އަހަރު ގާތްގަނޑަކަށް މި ހަމަވަމުންދާއިރު، އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ބަނދަރު ހިއްކުން، މަގު ހެދުން އަދި ފެނާއި ނަރުދަމާ، މިގޮތަށްގޮސް، އުމްރާނީ ތަރައްޤީގައި މަސައްކަތްތައް ނުކުރާ ހަމަ އެއްވެސް ރަށެއް، ދިވެހިރާއްޖޭގެ އުތުރުން ދެކުނަކަށް ނެތް. ކޮންމެ ރެޔަކުވެސް އަޅުގަނޑުމެންނަށް ޓީ.ވީ. ހުޅުވައިލާއިރު ފެންނާނީ، ކޮންމެވެސް ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމުނު ވާހަކަ. އަނެއް ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށި ވާހަކަ. އަނެއް ރަށެއްގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށި ވާހަކަ. އެހެން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމުނުކަން ފާހަގަކުރި ވާހަކަ.

އާދެ، މިއީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދަކީ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ، އެއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް، ހުރިހާ ރައްޔިތުންގެ މައްޗަށް ހިމެނޭ ރާއްޖެއެއް ކަމަށް. ޚިދުމަތްތައް، ފަސޭހަކަން ލިބެންޖެހެނީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަމަށް.

އެހެންވީމާ، މިއަދު ލާމަރުކަޒީ ޤާނޫނުގެ ދަށުން ހިންގުން ހަރުދަނާވެގެންދާއިރު، ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުން އެބަދޭ. އާދެ، ހޮސްޕިޓަލްތައް އެޅުމާއި، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުލާސްރޫމްތައް އެޅުމާއި، އައު ސްކޫލްތައް އެޅުމާއި، އަދި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، އަދި މަގުތައް ހެދުމާއި، މިހެންގޮސް ތަފާތު އެކި މަސައްކަތް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. ހަމައެކަނި ފުވައްމުލަކަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ.

އަޅުގަނޑުމެން ބެލީމާ، އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި މި ހިނގާ ކަންތައްތައް އެބަ ފެނޭ. ދުވަހަކުވެސް ނުހިނގާވަރަށް މަސައްކަތްތައް މި ރަށުގައި ހިނގަމުން މިދަނީ. އަޅުގަނޑުމެންނަށް މިއަދު މެންދުރެއްހާއިރު، ނިންމައިލެވުނީ ހޮސްޕިޓަލްގެ ޢިމާރާތެއް، އައު ޢިމާރާތެއް. ބިންގާއެއް ނޫން އެޅީ. މަސައްކަތް ފެށީ. މިހާރު މަސައްކަތް ކުރިއަށްދަނީ. މަގުތަކުގެ މަސައްކަތްވެސް ކުރިއަށްދަނީ. މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ސްކޫލްތަކުގެ ކްލާސްރޫމް އަޅަނީކީ ނޫން، އެޅުމުގެ މަސައްކަތް ކުރިއަށްދަނީ. ހޯލްތައް ބިނާކުރުމާއި، ހޯލްތައް ނިންމުމާ، މި މަސައްކަތްވެސް ކުރިއަށް މިދަނީ.

ކުދިކުދި ކަންތައްތައްވެސް ހުންނާނެ. ހަމައެކަނި ބޮޑެތި ކަންތައްތަކެއް ނޫން. ރައްޔިތުންނަށް މުހިންމުވާ ކަމަށްވަންޏާ، ކިތަންމެ ކުޑަ ކަމެއްވިޔަސް، އެއީ މި ސަރުކާރުން ދޫކޮށްލާނެ ކަމެއް ނޫން. މި ސަރުކާރު ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތީ ރައްޔިތުންގެ އަޑުއަހަން. ރައްޔިތުންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ، މުޅި ރައްޔިތުންނަށް މިއަދު ފެނިގެންދާނެ.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް، ފުވައްމުލައް އަޅުގަނޑުގެވެސް އުފަން ރަށް. އަޅުގަނޑުގެވެސް ތިމާގެ މީހުންނަށާއި، އެކުވެރިންނަށާއި، ރައްޓެހިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ސަރުކާރުގެ ކަންތައްތައް މިއަދު ރައީސުލްޖުމްހޫރިއްޔާ ގެންދަވާނީ، ތިޔަބޭފުޅުން ބޭނުންފުޅުވާގޮތަށޭ. ތިޔަބޭފުޅުންނަށޭ އެނގިވަޑައިގަންނަވާނީ، ތިޔަބޭފުޅުންގެ ރަށުގެ ކަންތައްތައް ހުންނާނެ ގޮތް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ މަސައްކަތް އަދި މާ ބާރަށް، މާ ސްޕީޑް ރަނގަޅުކޮށް ކުރިއަށްދާނީ. އަދި އަންނަ އަހަރުގެ ބަޖެޓުވެސް ވެގެންދާނީ ވަރަށް އުންމީދީ ބަޖެޓަކަށް.

އާދެ، އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް، މައިގަނޑު ގޮތަކަށް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ، މުޅި މަޖިލީހުގެ ހުރިހާ މެންބަރުންވެސް، ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވުމަށްޓަކައި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށްޓަކައި އެބޭފުޅުންނަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާތަން. މި ރަށަށް ނިސްބަތްވާ ތިން މެންބަރުންވެސް، ވަރަށް ބުރަކޮށް، ވަރަށް ގާތުން ސަރުކާރާ އެކުގައި އެ މަސައްކަތް އެބަ ކުރައްވާ. ރައްޔިތުންގެ މަޖިލީހުން ކުރައްވަންޖެހޭ މަސައްކަތްތައް ވަރަށް ފުރިހަމައަށް އެބަ ކުރައްވާ.

ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން. ސިޓީ ކައުންސިލުންވެސް އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ގާތުން، ރައްޔިތުންނަށް އެންމެ ފައިދާހުރި، ލާބަހުރި ގޮތަކަށް ކަންތައްތައް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާތަން. އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި، މި ހުރިހާ ފަރާތްތަކަށް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވޭ. އޭގެތެރޭގައި ހޮސްޕިޓަލާއި، ފެނަކަ، ވެމްކޯ، އެމް.ޓީ.ސީ.ސީ. އިން ދަތުރުފަތުރުގެ ނިޒާމު، މި ގޮތަށްގޮސް ހުރިހާ ކުންފުނިތަކާއި، އެސް.ޓީ.އޯ. އަދި އެނޫނަސް ރަށުގައި ހުރި ހުރިހާ މުއައްސަސާތަކަށް، ސްކޫލްތަކުގެ ވެރިންނަށް، ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންގެ އަޑު މިއަދު އަޅުގަނޑުމެންނަށް އެހޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަޑުއަހައިގެން އިރާދަކުރެއްވިއްޔާ، ކަންތައްތައް ކުރިއަށް ގެންދާނަން. ތިޔަބޭފުޅުންގެ ބައިވެރިވުން އަބަދުވެސް އަޅުގަނޑުމެންނަށް ބޭނުންވޭ.

އާދެ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކުގެ ތަރައްޤީއަށް، މުޅި ޤައުމުގެ ތަރައްޤީއަށް އެ ކުރައްވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑުވެސް ދިވެހި ދަރިއެއްގެ ގޮތުން، އެކަންތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ފާސްޓް ސްޕީޑެއްގައި، ހަލުވިކަމާއެކު، އެންމެ މުހިންމު ކަންތައްތަކަށް، އެންމެ އިސްކަން ދެއްވައިގެން، އެ ކުރައްވާ މަސައްކަތްޕުޅުތަކަކީ، މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އާދެ، އަޅުގަނޑުގެ އުންމީދަކީ، މިހާރު ފުވައްމުލަކުގައި މި ހިނގާ ހުރިހާ ކަމެއްގެ މަސައްކަތްތަކުގެ ޕްރޮޖެކްޓްތަކުގެ ސަބަބުން، ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަތަކެއް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރައްވައި، އަޅުގަނޑުމެންނަށް އަބަދުމެއަބަދަށް ހަމަޖެހުން ދެއްވައި އަދި އަޅުގަނޑުމެންގެ ޤައުމަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކޮށްދެއްވުން.