‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

‎މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސްގެ ޓީމަކުން ދަނީ މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންނެވެ.