ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އައްޑުއަތޮޅު ހިތަދޫ، އާސީނުގެ އިބްރާހީމް ހޫދު އެ މަޤާމުން ވަކިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އިބްރާހީމް ހޫދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. މި ބަދަލުގެންނެވިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން އަދާކުރައްވަމުންދާނީ އިބްރާހީމް ހޫދު ކަމުގައި ވަނީ ހަމަޖައްސަވާފައެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން، އިބްރާހީމް ހޫދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.