ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އޮސްޓްރޭލިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ބައެއް ވިޔަފާރިވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިގޮތުން ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައާއި މޫސުމަށް އަންނަ ބަދަލާބެހޭ ދާއިރާތަކުން ކުރިއަރާފައިވާ ދިހަ ކުންފުނިތަކެއްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުންތަކުގައި އުކާލާތަކެތިން ކައްކާ ގޭހާއި ކަރަންޓް އުފެއްދޭފަދަ ޓެކްނޮލޮޖީއާއި އަދި ވަޔާއި އަވި ބޭނުންކޮށްގެން ހަކަތަ އުފައްދާ ޓެކްނޮލޮޖީތައް ނައިބު ރައީސަށް ތަޢާރުފްކޮށް އެރުވުނެވެ.
ދެކުނު ޕެސިފިކްގެ ބައެއް ޤައުމުތަކުގައި މިކުންފުނިތަކުން ކޮށްފައިވާ ތަޖުރިބާތަކަކީ، ތިމާވެށްޓާ ގުޅޭގޮތުން ރާއްޖޭގައި ކުރައްވަން ގަސްދުކުރައްވާފައިވާ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި ތަޖުރިބާތަކަކަށްވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިކުންފުނިތަކުގެ ތެރެއިން ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހާމަކުރިއެވެ. އަދި ރާއްޖެއިން މިކަމުގައި ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގައި އެކުންފުނިތަކުގެ އިސްބޭފުޅުންގެ އަރިހުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑާއި ކުއީންސްލަންޑް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނާވެސް މިއަދު ބައްދަލުކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާބެހޭ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން ކުރަމުންގެންދާތީ، މި މަރުކަޒުން ރާއްޖޭގެ ދަރިވަރުންނަށް ކިޔެވުމަށް ފުރުޞަތު ހޯއްދެވުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކްއީންސްލަންޑް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން މި އަހަރު ނޮވެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް ޤާނޫނީ ރޮނގުން އެހީތެރިވެދިނުމާ ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށް އެ އިންސްޓިޓިއުޓްން މަޢުލޫމާތު ދެއްވިއެވެ.

ބްރިޒްބަންގެ ތަރައްޤީ ކުރަމުންދާ ސަރަޙައްދެއް ކަމަށްވާ ސްޕްރިންގފީލްޑަށްވެސް ނައިބު ރައީސް މިއަދު ވަނީ ޒިޔާރަތްކުރައްވައި، ސްޕްރިންގފީލްޑް ކޯޕޮރޭޝަންގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އަރބަން ޕްލޭނިންގގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލެއްވުންދެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ސްޕްރިންގފީލްޑް ކޯޕޮރޭޝަނުން މިދާއިރާއިން އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.