ވެށި ޙިމާޔަތްކުރުމުގެ ޒިންމާ އުފުލުމުގައި އެންމެން އެކުއެކީ، އެއްވާނެއްގައި މަސައްކަތްތަކެއްކޮށް، ކުރިއަށް އޮތް ޖީލުތަކަށް އޭގެ މަންފާ ލިބިގެންދާނެކަން ކަށަވަރު ކުރުމަށް އުއްމީދު ކުރައްވާ ކަމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، އެހެން ގައުމުތަކެކޭ އެއްފަދައިން، ދިވެހި އިޤްޠިޞާދަށްވެސް އޭގެ ނުރަނގަޅު އަސަރުކޮށް ހީނަރުވެފައިވާ ކަމަށާއި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން އިތުރަށް ތަޞައްވަރު ކުރެވިފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާއި، ކާބޯތަކެތި ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ކަނޑުފަޅުގެ ވަސީލަތްތައް ކުރިއަށް އޮތް ޖީލުތަކަށް ދަމަހައްޓައިދިނުމުގެ މުހިންމުކަން އިތުރަށް އެނގިގެންދިޔަކަމުގައި ޞަބްރާ ވިދާޅުވިއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ވާހަކަފުޅުގައި، ހުޅަނގުގެ ގައުމުތަކަށް މިއަހަރު އިރުވައިމޫސުމުގައި ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށް ދާއިރު، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި، ރަށްގިރުމާއި ވާރޭގެ ސަބަބުން ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭ ރަށްރަށުގެ އަދަދު އިތުރުވަމުން ދިއުމާއި މިކަމުގެ "ސިވިއަރރިޓީ އަދި ފްރިކުއެންސީ" އިތުރުވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އޮތްކަމުގެ ހެއްކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، 2020 ޑިސެންބަރުގައި، ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގައި، ބޭރުގެ މާލީ އެހީއާއެކު 2030 ވަނަ އަހަރަށް ދިވެހިރާއްޖެ ނެޓް-ޒީރޯ ޤައުމަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ މައްޗަށް ޞަބްރާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނެޓް-ޒީރޯ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޑީސަލުން ހަކަތަ އުފައްދައިގެން ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރާ އެއްވަރަށް، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މި އަމާޒަށް ވާސިލްވުމަށް، މި އަހަރުގެ މޭ މަހު ކްލައިމެޓް އެމަރޖެންސީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޞަބްރާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި އެގޮތުން ފާއިތުވި 2 އަހަރު ތެރޭ، ބޭރުގެ މަޝްރޫޢުތަކުގެ ތެރެއިން 26 ރަށުގައި ޖުމްލަ 2.86 މެގަވޮޓް ގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާކަމަށާއި އިންޖީނުގެތަކުން ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ސަރުކާރުން ކުރައްވާ އިތުރު މަސައްކަތްތަކުގެ ތަފްޞީލް ދެއްވަމުން، ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައިވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން މިދިޔަ މަހުގެ އެކަކުން ފެށިގެން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރާ ޤަވައިދަށް ގެނެވުނު އިޞްލާހާއިއެކު، ކުނި ބައިބަޔަށް ވަކިކުރެވި ފަނާވާޒާތުގެ ކުނި ރަށުފެންވަރުގައި މެނޭޖްކުރުމަށް ބާރުއެޅިގެންދާނެކަމަށާއި މިކަމުގެ ސަބަބުން، ކުނި ކޮށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނެސް، ޖައްވަށްދޫވާ ވިހަ ގޭސްތައް މަދުވެގެންދާނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާގެ ވާހަކަފުޅުގައި، ދިވެހި މަސްވެރިކަމުން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ހަމަ އަގު ހޯދުމުގެ އަޒުމުގައި މަސް ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކޮށް، އެކި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ސަރުކާރުން ވަކާލާތު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ނޫރާއްޖެ ޕްރޮގްރާމްގެ ތެރެއިން، ނޫ އިގްތިސާދެއް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރުދުވެއްޔެއްގައި ކުރިއަށް ގެންދެވި، ސައިންޓިފިކް ދިރާސާތަކާއި މަސްލަހަތުވެރިންގެ މަޝްވަރާގެ މަތިން، މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލައި ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާގުޅިފައިވާ ސަރަހައްދުތަކުން ހިމާޔަތް ކުރެވޭނެ 20 އިންސައްތަ ފާހަގަކުރެވިގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އާއެކު ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދިއުމުން އަންނާންއޮތް ޖީލްތަކަށް ރާއްޖޭގެ ޤުދުރަތީ ތަރިކަ ފޯރުކޮށްދިނުމަށް ބާރުއެޅިގެން ދާނެކަމުގައި ވިދާޅުވިއެވެ.

ދެމެހެއްޓެނެވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުން، ވެށީގެ މުއްސަނދިކަމާ ގުޅިފައިވާ ކަމަށާއި، ޖައްވު ހޫނުވާ މިންވަރު ދަށްކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގުދުރަތީ ވިލުންވެރިކަން ދެމެހެއްޓުން ކަމުގައި ޞަބްރާ ފާހަގަކުރެއްވިއެވެ. އެގޮތުން، ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަމެއް ދޭންޖެހޭކަމަށާއި މިގޮތުން ލޭންޑް ޔޫސް ޕްލޭނާއި އެހެނިހެން ތަރައްޤީގެ ޕްލޭންތައް ރާވައި ހިންގުމުގައި، ވަށާޖެހޭނެ ގޮތަށް، ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ހިމާޔަތްކުރުން އެއްކީލިކުރުން ވަރަށް މުހިންމު ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން، ކައުންސިލްތަކުގެ އިޙްތިޞާސްގައި ހިމެނޭ ފަރާއި ފަޅުފަދަތަންތަން ބޭނުންކުރުމުގައި ހުރި ކަންބޮޑުވުންތަކާއި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރެއްވުމާއެކު ކަނޑުފަޅުތަކުގެ ވަސީލަތްތައް ހިމާޔަތްކޮށް އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރުމަށް ޝައުގުވެރިވާކަން ހާމަކޮށްފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސެއިން ރަޝީދު ޙަސަންގެ އިތުރުން މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ލޯކަލް ކައުންސިލްތައް ތަމްސީލުކުރައްވާ ކައުންސިލަރރުންނާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ނޫރާއްޖެ ޕްރޮގްރާމްގެ ފަރާތުން ބައިވެރިވެލެއްވިއެވެ.