”އޮސްޓްރޭލިއަން ނޭޝަނަލް ކާބަން ކޮންފަރެންސް 2009“ ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ރޭ އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 26 ން 27 އަށް ބްރިސްބަންގައި ބާއްވަވާ މި ކޮންފަރެންސްގައި، ތިމާވެށްޓާބެހޭ މާހިރުންނާއި، ތިމާވެށީގެ އެކި ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި، އޮސްޓްރޭލިއާ ސަރުކާރާއި އަދި ވިޔަފާރި ކުންފުނިތަކުގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ. މިގޮތުން، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިސްޓަރ ބޮބް މެކްމުލަންއާއި، އޮސްޓްރޭލިއާގެ އެމްބެސެޑަރ ފޮރ ކްލައިމެޓް ޗޭންޖް މިޒް ލުއީޒް ހޭންޑްއާއި، އޮސްޓްރޭޑް އަދި ސްޕެކްޓްރަމް އެނަރޖީ ފަދަ ކުންފުނިތަކުގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، އޮސްޓްރޭލިއާގައި ހުންނެވުމުގެ ހުރިހާ ޚަރަދަކާއި އަދި ދަތުރުފުޅުގެ ޓިކެޓް ޚަރަދުގެ ބައެއް ދެއްވަނީ، މިކޮންފަރެންސް އިންތިޒާމް ކުރައްވާ ފަރާތުންނެވެ.